ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދަށް އަދަބު ނުލިބުން: އިންސާފު ހޯދައި ދިނުމުގައި ދައުލަތް ފެއިލްވީތަ؟

ރައީސް ސާލިޙާއި އަދި އަލީ ވަހީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޖިންސީ ފުރައްސާރަ ކުރުމާއި، ޚާއްސަ ގޮތެއްގައި ކުޑަކުދިންނަށް ޖިންސީ އަނިޔާލިބޭ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އާއިލާ މީހުންނާއި ގާތްތިމާގެ މީހުންގެ ”އެކުވެރިންގެ“ ފަރާތުން، އަދި ވަޒީފާގެ މާހައުލްގައި މަސައްކަތްކުރާ އެކި އުމުރުފުރައިގެ ކުދިންނަށް ލިބޭ ޖިންސީ އަނިޔާ އެތައް ގުނައަކަށް ދަނީ އިތުރުވަމުންނެވެ.

ނަމަވެސް އެފަދަ މައްސަލަތައް އިތުރުވުމަށް ވުރެ ބިރު ބޮޑީ އެފަދަ މައްސަލަތައް ދިފާއުކޮށް ސިއްރު ކުރުމުގައި އިސް ސަފުގައި ތިބެނީ އެކަމަށް އިންސާފު ހޯދައިދޭ މީހުން ކަމުގައި ވުމެވެ. ޖިންސީ އަނިޔާގެ ޝިކާރައަކަށް ވާ ކުދިންނަށް ހިމާޔަތް ދޭންޖެހޭ މީހުން އެކަން ފޫ ބައްދާލުމުގައި އެންމެ އިސް ސަފުގައި ވުމެވެ. މިއަދު މި މުޖުތަމައުގައި، ކިތަންމެ ގިނަ އަދަދެއްގެ ކުއްޖެއް ވެސް، އެމީހެއްގެ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވިޔަސް ވަކި ފަރަގެއް އައުމެއް ނެތޭ ބުނުމުންވެސް ދޮގަކަށް ނުވާނެއެވެ. މަތީ މަގާމު އަދާ ކުރާ މީހުންގެ ފަރާތުން ވަޒީފާގެ މާހައުލުގައި އުޅޭ ކުދިންނަށާއި، ދެންވެސް ފެންނަ ކުދިންނަށް، އެމީހުންގެ ނުބައި ޝަހުވަތްތެރި ނަޒަރުން ބަލައި، އެކަން ހާސިލްކުރުމުން ވެސް ލިބޭނީ ހިމާޔަތާއި މަގާމުގެ ޕްރޮމޯޝަނެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް މިމުޖުތަމައުގެ ހަގީގަތެވެ.

މިއިން އަންގައިދެނީ މި މުޖުތަމައުގައި ޖިންސީ ގޯނާ ލިބޭ އެކި ކުދިންނަށް ރާއްޖޭގައި އިންސާފެއް ލިބުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެވެ. އެކުދިންނަށް އިންސާފު ހޯދައި ދިނުމުގައި ސަރުކާރުގެ އިސް ވެރިންނާއި، ދައުލަތް މަޑުމަޑުން ފެއިލް ވަމުންދާ ކަމެވެ. މިކަން މިއަދު ފެނިގެންދާ އެންމެ ބޮޑު އެއް ހެއްކަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ 7 ދައުވާއެއްގެ މައްސަލައެއް ހުށަހެޅުމުންވެސް އަދިވެސް އޭނާއަށް ހައްގުވާ އަދަބު ލިބުގެން ނުދިއުމެވެ.

ޖިިންސީ އަނިޔާ ލިބޭ ކުއްޖަކު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތަހައްމަލް ކުރަންޖެހޭ ވޭންތަކަކީ، ހަޔާތުގައި ރަނގަޅުވާން އިންތިހާއަށް އުނދަގޫ އަދި ފޮހެލަން ދަތި ހިތާމަވެރި ވޭންތަކެކެވެ. އޭގެ ސަބަބުން ވެއްޔާއި މޮޑެވެނީ އެމީހެއްގެ އަމިއްލަ ހިތްހަމަޖެހުމާއި އަމާންކަމެވެ. ރޭގަނޑުގެ އަރާމު ނިންޖާއި އަލްވަދާއުކިޔައި، ބިރުވެރި ހުވަފެންތަކަކަށް މަރުހަބާ ކިޔަންޖެހެއެވެ. މިފަދަ އަނިޔާދިންކަމަށް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެންމެ މީހަކަށް ދެމީހަކަށެއް ނޫނެވެ. ޓޫރިޒަމް މިނިސްޓްރީގެ 13 އަށްވުރެ ގިނަ މުވައްޒަފުންނަށް މިނިސްޓަރު އަލީ ވަހީދު އެމަނިކުފާނުގެ މަގާމުގައި ހުންނަވައިގެން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފައިވެއެވެ.

އެ މުވައްޒަފުން ރައީސް އޮފީހަށް ގޮސް މިމައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް އެމަނިކުފާނަށްވެސް ވަނީ ހުށަހަޅާފައެވެ. އެ މުވައްޒަފުންގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވަންޓުން ހިމެނެއެވެ. އަދި ކޮވީޑް ޕެންޑެމިކްގައި ޓޫރިޒަމް މިނިސްޓްރީން ފްރަންޓްލައިންގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންވެސް ހިމެނިފައިވެއެވެ.

މަސައްކަތުގެ މާހައުލުން އެ މުވައްޒަފުންނަށް ދިމާވި ކަންކަން ރައީސްއާ ހިއްސާ ކުރުމުން ރައީސް ސޯލިހް، އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމަށް އަނިޔާ ލިބުނު މުއައްޒަފުންނަށް ވިދާޅުވެފައިވެއެވެ. މިފަދަ މައްސަލަތަކުގައި އެމަނިކުފާނު ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ. އެފަދަ ކަމެއް ސަރުކާރުގެ ތެރޭގައި ހިނގައިފިނަމަ، ފިޔަވަޅު އަޅުއްވާނެ ކަމަށާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ދުވަހަކުވެސް މިފަދަ ޝަރީއަތެއް ރާއްޖޭގައި ސިއްރުން ނުހިންގޭއިރު، އަލީ ވަހީދުގެ ޝަރީއަތް ސިއްރުން ހިންގައި ކްރިމިނަލް ކޯޓުގެ އަމިއްލަ އިސްނެންގެވުމުގެ މަތިން އެ ހޮސްޕިޓަލުގެ ޑރ. ޝާން ޝަރީއަތަށް ހާޒިރުކުރައްވައި އަލީ ވަހީދަކީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވިއެވެ.

އަލީ ވަހީދުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހި ޝަރީއަތް އޮންލައިންކޮށް ބޭއްވުމަށް ތާވަލު ކުރެވުނު ނަމަވެސް ދެން އިވުނީ ޝަރީއަތްތަކަށް ވަޑައިނުގަނެ، ބޭސްފަރުވާއަށް ތުރުކީއަށް ވަޑައިގަތުމަށް ފަހުގައި އެތަނުން އިނގިރޭސިވިލާތަށް ފިލި ހަބަރެވެ. އޭނާގެ ކުރިމަތީގައި ދައުލަތް ކުޑަކަކޫ ޖަހައި އޭނާއަށް ރައްކާތެރިކަން ލިބޭ ގޮތަށް މުޅި ޝަރުއީ ނިޒާމް ބައްޓަންކުރެވިގެން ދިޔަ މަންޒަރު އެންމެންނަށްވެސް ފެނިގެންދިޔައީ ނުހަނު ގާތުންނެވެ.

އެއަށްފަހުގައި ދެންވެސް ދިވެހި ފުލުހުން އަލީ ވަހީދު ރާއްޖެ ގެނެސް ހައްޔަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާކަމަށާއި އިނގިރޭސި ވިލާތުގެ ފުލުހުންގެ އެހީތެރިކަން ހޯދަމުން ގެންދަކަމަށްވެސް މައުލޫމާތު ދިނެވެ. މިކަމުގައި އެންމެ އަޖައިބު ކުރުވަނިވި ކަމަކީ، އަލީ ވަހީދު ހައްޔަރު ކުރުމަށްޓަކައި ސަރުކާރުންނާއި ފުލުހުން އެކުވެ ގިނަ މަސައްކަތް ތަކެއް މިހާތަނަށް ކޮށް އެއްވެސް ނަތީޖާއެއް ނުނިކުތް ތަނެވެ. އޭނާ ފިލައި ދިޔަތާ މިމަހަށް 6 މަސް ދުވަސް ވީއިރު، އެތައް މަސައްކަތެއް ކޮށްގެންވެސް މިއޮއްހައި ދުވަހު ހައްޔަރު ނުކުރެވުނު މީހާ ހައްޔަރު ކުރެވުނީ ސިޔާސީ ބައެއް މީހުން ކޮމްޕްރޮމައިޒް ވާނެފަދަ ބައެއް އޯޑިއޯތަކާއި ލިޔެކިއުންތަކެއް ލީކު ކުރާނެކަަމަށް ވިދާޅުވެ، ނޫސްވެރިންގެ ބައްދަލުވުން ބާއްވާން އަލީވަހީދު ހަމަޖެއްސެވި ގަޑީގެ ގާތްގަނޑަކަށް 30 މިނެޓު ކުރިންނެވެ.

އަލީ ވަހީދު ހައްޔަރުކުރީ އޭނާގެ ވިސާގެ މުއްދަތު ހަމަވުމާއި ގުޅިގެން ސަރުކާރުން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. މީވެސް އަރަތެއް ފަދައިން ވީކަމެކެވެ. އިނގިރޭސިވިލާތަށް ވަޑައިގެން އެސަރުކާރުގެ ހިމާޔަތަށް އަލީ ވަހީދު އެދިފައިވާއިރު، މިފަދައިން ހިމާޔަތަށް އެދިފައިވާ މީހަކަށް ހިމާޔަތްދިނުމާއި ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުން ވަކި ގޮތެއް ނުނިންމަވާހައި ހިނދަކު ވިސާގެ މުއްދަތު ހަމަވިޔަސް ޑިޕޮޓެއް ނުކުރެއެވެ.

އެހެންނަމަވެސް މިވީހައި ދުވަހު ރާއްޖެ ނުގެނެވިގެން އުޅުނު މީހަކު ކުއްލިއަކަށް ސަރުކާރުގެ ވާހަކަތަކެއް އާންމުކުރާނެކަމަށް ބުނުމުން ހައްޔަރުވުމަކީ، ރޭވުމަކުން ކުރި ކަމެއް ނޫންކަމަށާއި، ހަމަ ”އިއްތިފާގެއް“ ކަމަކަށް ބުނާ ބުނުމަކީ އޭގައި ކިހާ ތެދުވެރިކަމެއް ހުރި ވާހަކައެއް ބާވައެވެ؟

ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށްވާނަމަ ނުވަތަ ވަކި މީހަކަށް ވީމާ ކޯޓުތަކުން ވަކި ގޮތަކަށް ކަންތައްތައް ކުރާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭނަމަ، ކޯޓުތައް ހުރުމާމެދު ސުވާލު އުފެދޭނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ކޮންމެ ކަމެއް ސިޔާސީ ކޮށް، ކުށް ކުރާ މީހުން، ހާއްސަ ގޮތެއްގައި މަގާމުތަކުގެ އިސްވެރިންނަށް ހިމާޔަތްކަން ދިނުމަކީ ސަރުކާރާއި ދައުލަތް ހިނގާ އުސޫލެއް ނަމަ އެ ދައުލަތެއް އޮތީ އެބައެއްގެ ކުރިމަތީގައި ކިތަންމެހައިވެސް ބޮޑަކަށް ކުޑަކަކޫ ޖަހައިފައެވެ.

13 އަށްވުރެ ގިނަ މުއައްޒަފުންނަށް އަލީ ވަހީދުގެ ފަރާތުން ޖިންސީ އަނިޔާ ލިބުނުކަމަށް ތުހުމަތު ކުރެވޭއިރު، މިމައްސަލަ އިތުރަށް ތަހުގީގުކޮށް، އެ 13 މުއައްޒަފުންނަށް އިންސާފު ގާއިމުކޮށްދިނުމަކީ މިއަދު ދިވެހި ދައުލަތަށް ވާޖިބު ކަމެކެވެ. އަދި އެ މުއައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރައި ދައުލަތުން މަސައްކަތް ނުކޮށް، އަލީ ވަހީދު ރާއްޖެ ނުގެނެސް ހިމާޔަތް ދިނުމަކީ ޖިންސީ ކުށުގެ މައްސަލަ ތަކުގައި ރާއްޖޭގައި އިންސާފު ގާއިމު ކުރެވޭނެކަމުގެ އުންމީދެއް ނެތްކަން ހާމަކޮށްދޭ ހެއްކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: