ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ސިޓީ ތަކަކީ އާބާދީ ބޮޑު ކާރުބާރު ބޮޑު ތަންތަނެވެ. ސަބަބަކީ ސިޓީތަކަކީ ސިއްހީ އަދި ތައުލީމީ ދާއިރާއާއި ވަޒީފާގެ ފުރުސަތުތައް އެންމެ ފަހި ތަންތަނަށް ވުމެވެ. ހަމަ މިއާއި އެކު ނިކުންނަ މައްސަލަތައްވެސް އެހާމެ ގިނައެވެ. މާލެ ސިޓީގައިވެސް ހަމަ މިފަދައިން އާބާދީ ބޮޑުވެ ތޮއްޖެހުމާއި ގުޅިގެން އެތައް މައްސަލަތަކެއް ވަނީ އުފެދެން ފަށާފައެވެ. މަގުމަތީގައި ޓްރެފިކް އާއި ހިނގާ މީހުންގެ ޝަކުވާތަކާއި އާންމުންގެ މައިޒާންތައް ފުރި ދުންފަތުގެ ދުމާ ރަތް ކުޅުން ތަން ނުތާހިރުވެ ކުޑަކުދިންނާއި އިސް ރަށްވެހިންނަށްވެސް ހިތްހަމަ ޖައްސާލަން ގޮސްލަން އެކަޝީގެންވާ ތަންތަން ނެތުމެވެ. އާންމު ހިދުމަތްދޭ ތަންތަނުގައި ކިއު ދިގުވެ ހިދުމަތް ލަސްވުމާއި އެކު މީހުންގެ މަދުގައި ހަމަނުޖެހުން ހިނގުންފަދަ ކަންކަން ދަނީ އާންމު ވަމުންނެވެ.
މާލޭގައި އާންމުން ކައިރިން ހުސްވަގުތުގައި ހިތްހަމަޖައްސާލުމަށް ކުރަނީ ކީތްތޯ އަހާލައިފިނަމަ ގިނަ މީހުންގެ ޖަވާބަކަށް ވާނީ ކޮފީ އަށްދިއުމެވެ. ސަބަބަކީ ކޮފީ ޝޮޕްތަކަށް ދިއުން ފިޔަވާ ކުރެވޭނެ މާގިނަ ކަންތައްތަކެއް މާލޭގައި ނެތުމެވެ. ކުރިއަށް ވިސްނާލަމާ ހިނގާށެވެ. ކޮފީއަށް ދިއުމަށްވުރެ ފައިދާހުރި ކަންތައްތައް ކުރުމަށް ފުރުސަތު އޮތް ދިރިއުޅުމަކަށް ވިސްނާލަން ހިނގާށެވެ. ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރާ އަދުގެ ދުނިޔެއާއި އެއްހަމައަކަށް ތަރައްގީވެ ކުރިއަރާފައިވާ ސްމާޓް ސިޓީއެއްގައި ދިރިއުޅުން ހުންނާނެ ގޮތް ވިސްނާލަމާ ހިނގާށެވެ.
ކުރިއަށް އޮތް ކައިރި މުސްތަގްބަލެއްގައި އަހަރުމެން ދިރިއުޅެމުންދާނީ އިއާދަކުރެވެނިވި ހަކަތަބޭނުންކުރާ ވައިގެ ފިނިހޫނުމިން ގްރީން ވޯލް ތަކުގެ އެހީގައި ވަކި މިނެއްގައި ދަމަހައްޓާ ގޭގޭގައެވެ. ގޭގަ ނޫޅޭ ވަގުތުތަކުގައި ކަރަންޓު ބޭނުންކުރާ ވަރު އޮޕްޓިމައިޒްކޮށް ސްމާޓްފޯނުގެ އެހީގައި ބަދަލު ކުރެވޭ ގޭގޭގައެވެ. ސްމާޓްފޯނުން އޮފީހަށް ދާން އެންމެ ފަސޭހަ ޓްރެފިކް މަދު މަގުތައް ދެނެގަނެ އެންމެ އަވަހަށް ދެވޭނީ އަމިއްލަ ވެހިކަލް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓުގައިތޯ ބަލާލެވޭނެއެވެ. މިފަދަ ޒަމާނީ ޓެކްނޮޖީތަކަކީ މިހާރުވެސް ގިނަ ގައުމުތަކެއްގައި ބޭނުންކުރެވެމުން އަންނަ ޓެކްނޮލޮޖީތަކެވެ.
އިގްތިސާދީ ގޮތުން ފައިދާ އޮތީ މާލެ ސަރަހައްދު ތަރައްގީ ކުރުމުންތޯ ނުވަތަ އަތޮޅު ތެރޭގެ ރަށްތައް ތަރައްގީ ކުރުމުންތޯ ސުވާލު އުފެދެއެވެ. މިއީ ފަސޭހަ ޖަވާބެއް އޮތް ސުވާލެއް ނޫނެވެ. މިއީ ވަރަށް ގިނަ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެކި ގޮތް ގޮތުން ވިސްނާ ބަހުސް ކުރެވެން އޮތް މައުލޫއުއެކެވެ. ނަމަވެސް ޒަމާނީ ވަސީލަތްތަކާ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން މިހާރު ދިމާވެފައިވާ ދަތިތައް ހައްލު ހޯދޭނެއެވެ. އާބާދީ އިތުރު ވަމުންދާ ވަރަކަށް ހަކަތަ ބޭނުންކުރާ ވަރު މަތިވެ ޓްރެފިކް ތޮއްޖެހުމާ ވައި ނުސާފުވުމުގެ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ.
އަހަރުމެންގެ އާންމު ދިރިއުޅުމަކީ ބިޒީ ހަލަބޮލި ދިރިއުޅުމެކެވެ. ވަޒީފާއާއި ގޭތެރޭގެ މަސައްކަތްތަކުގައި ވަގުތު އޮންނަނީ ހުސްވެފައެވެ. އާއިލީ މައްސޫލިޔަތުތަކަށް ވަގުތު ހޯދުންވެސް އެހާމެ އުނދަގުލެވެ. މީގެ އިތުރުން ލައިސަންސް ހެދުން ނުވަތަ އައިޑީ ކާޑު ހެދުން ފަދަ އަސާސީ ހިދުމަތެއް ހޯދަން ޖެހޭ ހާލަތުގައި އެކަމަކަށް ހޭދަކުރަންޖެހޭ ވަގުތު އެހާ ގިނައެވެ. މިފަދަ ހިދުމަތްތަކަކީ އޮންލައިންކޮށް ފޯމު ހުށަހަޅައިގެން ކުރެވޭ ކަންކަމަށް ވެއްޖެ ބޭނުން ތަނެއްގަ ހުރެ ފަސޭހަ ކަމާއެކު ވަގުތު ސަލާމަތްވާ ގޮތަކަށް ހިދުމަތް ހޯދޭނެއެވެ.
މާލެ ސަރަހައްދުގައި މީހުންގެ ރައްކާތެރިކަމާމެދުވެސް މިހާރު ދަނީ ސުވާލު އުފެދެމުންނެވެ. މީހުން ބައިބޯވެ އިޖުތިމާއީ މައްސަލަތައް ގިނަވުމާއިއެކު އަމިއްލަ ރައްކާތެރިކަމާމެދު ވިސްނަން ޖެހޭވަރު ވަނީ ކުރިއާބަލާފަ އެތައް ގުނައެއް އިތުރު ވެފައެވެ. ސްމާޓް ޓެކްނޮލޮޖީގެ އެހީގައި މިކަމަށްވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެއެވެ. ހާދިސާއެއް ހިނގާ ވަގުތު އެކަން ދެނެގަނެ ފުލުހުން ނުވަތަ އަންގަން ޖެހޭ އެހެން ފަރާތްތަކުގެ ސަމާލުކަމަށް އެހާދިސާ ގެނެސްދޭ ފެންވަރުގެ ސަވެއިލަންސް ސިސްޓަމް ހުރުމުން އާންމުންގެ ރައްކާތެރިކަން އިތުރުވާނެއެވެ. އަދި ކުއްކުރުން މަދުވެގެން ދާނެއެވެ.
ސްމާޓް ސިޓީ އެއްގައި ސަރުކާރު ހިންގާ ވުޒާރާތަކުން އިންފޯމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި ރައްޔިތުންގެ މަދަނީ ބައިވެރިވުމާއި އެކު ރައްވެހިންނަށް ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ދިރިއުޅުމެއް މަގު ފަހިކޮށްދެވޭނެއެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ އެއް އުފެދުމުން އައު ޓެކްނޮލޮޖީތަކުގެ އެހީގައި ކުރިއަރަމުން އަންނަ ދާއިރާތަކާއި ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުން އުނދަގުކަމަކަށް ނުވާނެއެވެ. އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައި ކުރިއަށްދިއުމަށް ފުރުސަތުތައް ހުޅުވިގެން ދާނެއެވެ.
ކޮރޯނާ ވައިރަސްގެ ބަލިމަޑު ކަމާއިއެކުވެސް މިހާރު މިވަނީ މަސައްކަތުގެ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މިވަނީ ކޮންމެސް ވަރަކަށް އާދަވެފައެވެ. ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް އޮފީހަށް ނުގޮސް ގެއިން މަސައްކަތް ކުރުމަކީ މަސައްކަތްތެރިންނަށް މާ ފަސޭހަ ގޮތެކެވެ. އަދި ގިނަ ބަޔަކު ގިނަ ދުވަހު މިގޮތަށް މަސައްކަތް ކުރަން ފެށުމުން ގޮންޖެހުންތަކަށް ހައްލުތަކެއްވެސް ވަނީ ހޯދިފައެވެ. ހެނދުނު ވަކި ގަޑިއަކަށް އޮފީހަށް ދާން ނުޖެހުމުން އެވަގުތު ސަލާމަތް ވެއެވެ އަދި ގެއިން މަސައްކަތް ކުރަމުން އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ފުރިހަމަ ކުރުމަށްވެސް ފަސޭހަވެގެންދިއައެވެ.
ސްމާޓް ސިޓީއަކީ ހަމައެކަނި ހިޔާލީދުނިޔެއެއްގައި ވާ ތަނެއް ނޫނެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އިންސާނީ ވަސީލަތްތައް ބޭނުންކޮށް ރޭވުންތެރިގޮތެއްގައި ކުރިމަގު ބައްޓަންކޮށް ހިންގުންތެރި މަސައްކަތްތަކެއް ކުރުމުން ކައިރި މުސްތަގްބަލެއްގައި ގްރޭޓަރ މާލެ އޭރިޔާ ސްމާޓް ސިޓީ އަކަށް ވެގެންދާނެއެވެ. އެޗްޑީސީގެ އުންމީދަކީ އާންމުންނާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ސްމާޓް ސިޓީ އުފެއްދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމެވެ.

