ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިދިޔަ މަހުގެ ދެ ވަނަ ދުވަހު އިތުރު އެއް މަސްދުވަހުގެ މުއްދަތު އިތުރު ކޮށްފައިވާއިރު، މިއަދުގެ ވަނީ އެ މުއްދަތު ހަމަވެފައެވެ.
ހެލްތް މިނިސްޓު އަހުމަދު ނަސީމް ސޮއި ކުރައްވާ މިއަދު ނެރުއްވާފައިވާ އެންގުމުގައި ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ. ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ.
އެހެންވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

