މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ރޯގާގައި ގިނަ ބަޔަކު މަރުވެގެން ގޮސްފައިވާ އިރު ރާއްޖެއަށް ވެސް ވަނީ ކޮވިޑްގެ ބަލި މަޑުކަމާ ކުރިމަތިލާން ޖެހިފައެވެ. ކޮވިޑުގެ ގިނަ ކޭސްތަކެއް ފެނި، މަރުވަމުންދިޔަ މީހުންގެ އަދަދު ވަނީ މައްޗަށްގޮސްފައެވެ. މިބަލިމަޑުކަމުގެ ސަބަބުން ގިނަ ބަޔަކަށް މިކަމުގެ ވޭން ތަހައްމަލްކުރަންޖެހުނީ އެކި ގޮތްގޮތަށްށެވެ.
ގައުމުގެ އިގްތިޞާދީ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދިޔައެވެ. އަދި މިކަމުގެ އަސަރު މާލީގޮތުން ކުދި ބޮޑު ހުރިހައި އާއިލާތަކަށް ކުރިތަން ވަރަށް ގާތުން އެންމެންނަށްވެސް ފެނިގެންދިޔައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލިމަޑުކަން ފެނި ރަށްތައް މޮނިޓަރިންނަށް ލައި ކާފިއު އިއުލާނުކުރެވުނެވެ. އެކި ދުވަސްދުވަހު މާލެއާއި މާލެ ސަރަހައްދު ލޮކްޑައުންނަށް ލެވުނެވެ.
މިދިޔަ އަހަރު ކޮވިޑް ކޭސްތައް ފެންނަމުން އައިސް ދެ ރާޅެއް ނަގައި ކޭސްތައް މަދުވެފައި އޮތީ އަހަރު ނިމުމަކާ ގާތްވެފައި ވަނިކޮށެވެ. ނަމަވެސް އާ އަހަރު ފެށިގެން މާ ގިނަ ދުވަހެއް ނުވަނީސް ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރާ އަދަދު މި ވަނީ މައްޗަށް ގޮސްފައެވެ.
މިދިޔަ އަހަރު ކޭސްތައް މަދުވުމާ އެކު ރާއްޖޭގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ކޮންމެސް ވަރެއްގެ ދުލެއް ދިނުމަށް ފަހު ފަރުދީ ޒިންމާ އަދާ ކުރަން މާސްކް އެޅުމާއި އަތް ދޮވުމާއި ގައި ދުރުކަން ދެމެހެއްޓުމަށް އިދާރާތަކުން އިލްތިމާސްކޮށްފައެވެ. ނަމަވެސް ލުއި ދިނުމާ އެކު ދިވެހިންނަކަށް ފަރުދީ ޒިންމާގެ މަތިން ހަނދާނެއް ނެތެވެ. ދިވެހިންނަކަށް ހައްޓަކު ހެޔެއް ނެތެވެ. ގިނަ ގިނައިން ބޭރަށް ދިއުން އިތުރުވިއެވެ. ކެފޭ ރެސްޓޯރަންޓްތައް ފުރާލައި މަޖާކުރުމާއި ސަކަރާތުގައި ބޭރުގައި އުޅޭތަން މިހާރު މިދަނީ ފެންނަމުންނެވެ. ހީވީ ބަންދުގައި އުޅެންޖެހުނު ދުވަސްތަކުގެ ބަދަލު ހިފަން އުޅޭހެންނެވެ.
މީހުން އެއްވެ ނޫޅެން އިލްތިމާސްކޮށްފައިވަނީ ކޮވިޑު ފެތުރި، ހައި ރިސްކުގައިވާ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް ދިމާވެދާނެތީއެވެ. އެހެންނަމަވެސް ކައިވެނި ޕާޓީއާއި އައު އަހަރު ފާހަގަކުރުމާއި، ދެން ވެސް އޮތް ކަމެއް މީހުން އެއްކޮށްގެން ކުރަނީއެވެ. ރިޔާސީ އިންތިހާބު ގާތްވީމައި ސިޔާސީ މީހުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެގީ އެމީހުންގެ އަތްމައްޗަށެވެ. މުޖުތަމައުގައި ނުރައްކާތެރި ބަލިމަޑުކަމެއް އޮތް ކަން ހަނދާނުން ކައްސާލީ ކަމެއް ނުވަތަ އެއީ މާ ބޮޑު ކަމަކަށް ނުހެދީ ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.
ފުރަތަމަ މި ބަލިމަޑުކަން ރާއްޖެއަށް އައި ދުވަސްކޮޅު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ބަލި ޖެހިފައިވާ މީހާއަށް ނުކިޔާ އެއްޗެއް ނެތެވެ. އެ މަންޒަރު ވެސް މުޅި ސޯޝަލް މީޑިއާ އާއި އެކި ތަންތަނުން ދިޔައީ ފެންނަމުންނެވެ. ރިސޯޓުގައި ފަތުރުވެރިންނާއިއެކު މަސައްކަތްކުރާ މުވައްޒަފުން ވެގެން ދިޔައީ އަރާކާ ފުރޭތައަކަށެވެ. އެމީހުން ފެންނައިރަށް ބިރުން ފިލަނީ އެވެ. އެއީ އަދި ބަލި ޖެހިފައިވާ މީހެއްތޯވެސް، ނޫނީ ނޫންތޯވެސް ބަލައެއް ނުލައެވެ. ކޮންމެ މީހަކުވެސް ބެލީ އެމީހެއްގެ އަމިއްލަ ނަފްސާއި އާއިލާ ސަލާމަތްކޮށް ގޭތެރޭގައި ހުރެވޭތޯއެވެ. ސެނިޓައިޒާ ފުޅިވެސް ގަންނަންވެސް ނުލިބުނީއެވެ. އެހައިވެސް އެއެއްޗިސްތައް ހުރީ ގަނެ ގަނެ ހުސްވެފައެވެ.
ދެން މިއަދު މިކަންތައްތައް ހަނދާނުން ނައްތުވާލައިގެން ދިވެހީން މިތިބެނީ ކީއްވެބާއެވެ؟ ނުރައްކާތެރިކަން ދިޔައީބާވައެވެ؟ ނޫނީ ބަލި ރާއްޖެއިން އެއްކޮށް ފޮހެވުނީ ބާވައެވެ؟ ނޫނެކެވެ. ބަލި އަދިވެސް ރާއްޖޭގައި އެބަ ފެތުރެއެވެ. ދުވަހެއް ދުވަހަކަށް އިތުތުވެސް އެބަވެއެވެ. މީހުންތައް ބަލި ޖެހިގެން އެއޮއްގެން މަރުވަނީއެވެ. މިފެންނަ ފަރުވާކުޑަކަމަކީ ދިވެހިން ހޭލުންތެރިވާންޖެހޭނެ ކަމެކެވެ. މިއީ އަޅާނުލައި ދޫކޮށްލަން ހެޔޮވެސް ވާވަރުކަމެއް ނޫނެވެ. ސިއްހީ މާހިރުންނާއި މިނިސްޓްރީތަކުން މިކަމާއި ކަންބޮޑުވުން ފާޅުކުރާއިރު އެކި ފަހަރުމަތިން އެމީހުން ދަނީ މިކަމަށް ފަރުވާތެރިވުމަށް ގޮވާލަމުންނެވެ.
ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޗްޕީއޭއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ގިނަ ބަޔަކަށް ވެކްސިން ދިނުމަށް ބާރުއަޅައި އެކި ގޮތްގޮތުން ހޭލުންތެރިކޮށްފައިވެއެވެ. އެހެންނަމަވެސް މިފަދަ ހާލަތެއްގައި ސަރުކާރުންވެސް އަޅަމުންގެންދާ ފިޔަވަޅުތަކުގެ ތެރެއިން މީހުންގެ އެންމެ ބޮޑު އެއް ފާޑުކިޔުމެއް އަމާޒުވާ ބައެއް ކަންތައްތަކެއް އެބަހުއްޓެވެ.
ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްކަމަކީ، އިންޑިޔާއިން ގިނަ އަދަދަކަށް މެދުއިރުމައްޗަށް ދިއުމަށް އުޅުނު ފަތުރުވެރިންގެ ”ކަރަންޓީނު ހަބަކަށް“ ރާއްޖެ ހެދުމެވެ. އިންޑިޔާއިން އައި މީހުން ތިބީ އަތޮޅުތެރޭގެ ރަށްތަކުގައެވެ. ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހާލަތެއްގައި އިގްތިޞާދީ ގޮތުން މަންފާއެއް ހޯދުމަށް ވިނަމަވެސް މިއީ ކުރުމުން ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ކަންކަމެވެ.

