ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މަގާމުން ވަކިކޮށް ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅުން މިކަމަށް ގޮވާލާފައިމިވަނީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށް އަލީ ޒާހިރު ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރީގެ ފަނޑިޔާރުންތަކެއް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަލީ ޒާހިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ވާހަކައަކީ ޔޯލަ ވާހަކައެއް ނޫންކަން އެތައް ފަނޑިޔާރުންގެ ވާހަކަތަކުން ކަށަވަރު ވެއްޖެ ކަމަށެވެ.
”މިރެއިން މިރެއަށް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް މި ކޯލިޝަންގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލަން“ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފެނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ބޭފުޅުންތަކެއް ކަމަށެވެ.
ބެންޗުގައި ހުމެނޭ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯ ލީކުވެ، އަދި އެފަނޑިޔާރުންގެ އަމަލުތައް ހުރިގޮތް މިއަދު އޮތް ކުރީގެ ފަނޑިޔާރުންގެ ޕްރެސް ކޮންފަރެންސުން ހާމަވެފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަނޑިޔާރުންނަކީ މިހާރުން މިހާރަށް ސަސްޕެންޑް ކުރެވްނެހޭ ބައެއްކަމަށެވެ. މިސަރުކާރުންވެސް ބައެއް ވަޒީރުންވެސް މަސައްކަތުން އެކަހެރިކޮށް ސަސްޕެންޑް ކުރާ އުސޫލުން ޖޭއެސްސީން މިރެއިން މިރެއަށްވެސް އެފަނޑިޔާރުން ސަސްޕެންޑް ކުރަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

