އެމްޑީޕީން ނޫން އެހެން އެއްވެސް ޕާޓީގެ މެމްބަރަކަށް އިތުބާރެއް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހު އެ ދުވަހު ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ވަނީ ލީކުވެފައެވެ. އަދި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމުގައި ހުންނެވި އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް ވިދާޅުވެފައިވާ ކަމަށް އެ އޯޑިއޯ ކްލިޕުތަކުން އެނގެއެވެ.
އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު އޮންލައިންކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ފަނޑިޔާރަކަށް ގުޅުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ނުދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
“އަޅުގަނޑު އަބަދުވެސް އިތުބާރު ކުރާނީ އެމްޑީޕީއަށް، އެހެން ޕާޓީއަކަށް އަޅުގަނޑު އިތުބާރެއް ނުކުރަން. ހާއްސަކޮށް ރައީސް ސޯލިހު ފަނޑިޔާރަކަށް ގުޅުއްވާކަށް ދުވަހަކުވެސް ވިދާޅެއް ނުވާނެ،“ ނަޝީދު ވިދާޅުވިއެވެ.
މިކަމުގައި ތުހުމަތު ކުރެވޭ ފަނޑިޔާރުން ވަނީ އެފަދަ ވާހަކައެއް ދައްކާފައި ނުވާނެކަމަށް ބުނެ އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެ އޯޑިއޯތަކުގެ މައްސަލަ ބެލުމަށް އެ ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލްވެސް ވަނީ ފުލުހަށް ދީފައެވެ. މީގެ އިތުރުން އިއްޔަ ކުރީގެ ފަނޑިޔާރުންތަކަކީ ވަކީލުންތަކެއް ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާ ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށްވެސް ތުހުމަތު ކޮށްފައެވެ.
މިހުރިހާ ތުހުމަތެއް އިދިކޮޅުން ރައްދު ކުރަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށެވެ.

