ނުހައްގުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައިވާ މީހުންނަށް ދޫކުރި ފައިސާގެ އަދަދު ހަ މިލިއަނަށް އަރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނެފައިވަނީ، ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދޭންޖެހޭ ނިޒާމުގެ ނަޒާހަތްތެރިކަމާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ބަޔާނާއި ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ، ދައުލަތާއި ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމުގެ މަސައްކަތް އަބަދުވެސް ކުރިޔަށްދާ ކަމަށެވެ.
ކޮމިޓީއަށް ޖުމްލަ 37 މައްސަލަ ހުށަހެޅި، ބައެއް މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެކެވިފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނެފައިވަނީ ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކޮށްފައިވާނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (ނޫމަޑި) ގެ މައްސަލަ އެކަނި ކަމަށެވެ. އަދި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކޮށްފައިވާނެ ކަމަށް ބުންޏެވެ.
މި މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލު ހިމަނައި ރައީސް އޮފީހުން ބުނެފައިވަނީ ޝަރީއަތުގެ އަންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތީން ކަމަށެވެ. އެގޮތުން ގާނޫނާއި ހިލާފަށް ވަކި ކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގައި އެއްވެސް ސަބަބެއް ނެތި މީހަކު ވަޒީފާއިން ވަކި ކޮށްފައިވާކަން ކަމާބެހޭ އޮފީހަކުން ފޮނުވާ ލިޔެކިއުންތަކުން އެނގެން އޮތްނަމަ، އެފަދަ މައްސަލައެއް ޝަރީއަތުގެ 3 މަރުހަލާއިން ނިންމުމުގެ ބަދަލުގައި ގާނޫނުއަސާސީގައި ”މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް“ ބުނެފައިވާ އުސޫލަށް ބަލައި، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި ވަޒީފާގެ މައްސަލަތައް ހައްލުކޮށްފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް އިތުރު ބޭއިންސާފެއް ކުރިމަތި ނުވާނެހެން، ސުލްހަވެރިކަމާއި އެކު ނިންމަން ފެށުމުން ކުރިން އެފަދަ މައްސަލަތައް ކޯޓަށް ހުށަހަޅާފައި ނުވާމީހުން ވަޒީފާގެ ބަދަލު ހޯދަން އައިކަން ފާހަގަކޮށް ރައީސް އޮފީހުން ބުނެފައިވަނީ މިފަދަ މައްސަލަތަކުގައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރެވި އެކަމަށް ހައްލު ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ފާއިތުވި މުއްދަތަށާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއި ސަރުކާރުގެ މަސްލަހަތަށާއި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށްޓަކައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ އަދަދަކީ، 1 އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތައްކަމަށް ހުށަހެޅި ކަމަށެވެ. އެގޮތަށް ހުށަހެޅި ސަބަބެއްކަމަށް ބަޔާނުގައި ބުނެފައިވަނީ ނުހައްގުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ބައިނަލްއަގްވާމީ މުޖްތަމައުތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބަލާ މިންގަނޑުތަކާއި އަދި 1 އަހަރު ދުވަހަކީ އެހެން ވަޒީފާއެއް ހޯދުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ބަލައިގެންނެވެ.
ރައީސް އޮފީހުން ވަނީ ނުހައްގުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައިވާ މީހުންގެ އަދަދުގެ ތަފްސީލުތައް ވެސް ހިއްސާކޮށްފަ އެވެ. ވަޒީފާގެ ބަދަލު ކުރުމަށް ދައުވާކުރާ ފަރާތްތަކުން އެދިފައި ވަނީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމަޔަށް މުސާރައާއި ޢިނާޔަތްތައް ނަގައި ދިނުމަށެވެ. ސިވިލް ކޯޓުގެ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޑިސްޕިއުޓް މަރުހަލާގައި މި މައްސަލަތައް ހައްލުކޮށް އެފަރާތްތަކަށް ދިނުމަށް ދައުލަތުން ހުށަހަޅައި އެއްބަސްވި އަދަދަކީ ޝަރުއީ މަރުހަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސަތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެއްގެ ގޮތުގައި ރައީސް އޮފީހުން ބުނެ އެވެ. އަދި ކޯޓަކުން ކުރާ ހުކުމެއްގައި ފައިސާ ދެއްކުމަށް އަންގާ މުއްދަތަކީ، ކޯޓުން ކަނޑައަޅާ މުއްދަތެއް ކަމުގައިވާއިރު، މި ފައިސާ ދައްކާ ހަލާސް ކުރުމަށް ދައުލަތުން އެއްބަސްވެފައިވާ މުއްދަތުތަކަކީވެސް ދައުލަތަށް ބުރަ ބޮޑު ނުވާނޭ ގޮތަކަށް އެއްބަސްވެފައިވާ މުއްދަތުތެއްކަމަށް ވެސް ވަނީ ބުނެފަ އެވެ.

