ރާއްޖޭގައި މިހާރު އޮތީ ޝަރުއީ ނިޒާމެއް ނޫން ކަމަށާއި ”ޝަމީމީ ނިޒާމެއް“ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނެއްގެ މިނިވަންކަން ނުޙައްޤުން ހިފަހެއްޓުމުގެ ޖާގަ ދައުލަތުގެ އެއްވެސް މުޢައްސަސާއަކަށް ނޯންނާނެ ކަމަށެވެ. އަދި ރިފޯމްގެ ނަމުގައި އެއް ލޯފާމަކަށް ޖުޑިޝަރީ ޕްރައިވެޓައިޒްކޮށް ކިލަނބު ކުރަމުން ދިއުން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ދަނިކޮށް ބޭސްފަރުވާގެ ހުއްދަ ލިބި ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައި ނުވެ އެވެ.
އަދި އޭނާގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލައިގެ އިސްތިއުނާފަށް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.
”25 އޮކްޓޯބަރ 2015 ގައި ޕީޖީ ޝަމީމް ގެންދެވި ކަޅުދަބަހުގެ ތަފްޞީލު ހަފްތާއެއް ތެރޭ ހާމަ ކުރާނަން“ އަލީ ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމްކުރި ތިން ފަނޑިޔާރުންގެ އަޤްލަބިއްޔަތު އިޢުތިރާފު ބަހުންކަމަށެވެ.
“ދިވެހިރާއްޖޭގައި މިވަގުތު މިނިވަން ޝަރުޢީ ނިޒާމެއް ނެތްކަމާއި، އޮތީ ‘ޝަމީމީ ނިޒާމެއް’ ކަން ވަރަށް ސާފު! އިތުރު އަޑު އެހުންތަކާ ބަހަނާތައް ނުދައްކާ ރައީސް ޔާމީން މިނިވަންކުރަންޖެހޭ.” އަލީ ވަހީދު ވިދާޅުވިއެވެ.

