ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލުގައި، ރާއްޖޭގެ ނޫސްވެރިން ގެނެސްދޭ ހަބަރާއި ރިޕޯޓުތަކުގައި ނަން ހާމަނުކޮށް މަސްދަރުތަކާއި ހަވާލާދޭތީ އެފަދަ ނަންތައް ހާމަކުރަން މަޖުބޫރު ކުރެވޭގޮތަށް ބިލުގައި މާއްދާއެއް ހިމަނައިފި އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްމުޣުނީ ހެއްކާއި ބެހޭ ބިލެއް ހުށަހަޅާފައިވަނީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމަށް ކަމަށް ބުނެ އެވެ. 1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލު ކުރަމުން އަންނަ ހެއްކާއި ބެހޭ ގާނޫނުގެ ސަބަބުން ކޯޓުގައި ކުރިޔަށް ދާ ބޮޑެތި މައްސަލަތައް ގާނޫނީ އިޖުރާއަތްތަކުގެ ސަބަބުން ބޭރުކޮށްފައި އެބަހުއްޓެވެ.
މުޣްނީ ހުށަހަޅުއްވާފައިވާ ހެއްކާއި ބެހޭ ބިލުގައި 151 މާއްދާ ހިމެނޭއިރު، އޭގެ ތެރޭގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވިގެންވާ ގޮތްތަކާއި އަދި ހެކި ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައި ވެއެވެ. މި ބިލުގައި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރަން ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާ އާއި ގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.
މި މާއްދާތަކުގެ ތެރެއިން ނޫސްވެރިން ޚަބަރުތަކާއި، ރިޕޯޓުތައް ގެނެސްދޭއިރު މައުލޫމާތުތައް ހޯދާ މަސްދަރުރައް ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހިމަނާފައިވަނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ.
މި މާއްދާގެ (ހ) ގައި އޮތީ މަސްދަރު ހާމަ ކުރުމުގެ ސަބަބުން، އެމީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އަދި މަސްދަރު ހާމަކުރަން ނޫސްވެރިޔާއަށާއި، ނޫސްވެރިޔާ މަސައްކަތްކުރާ މީޑިއާގެ އިސްވެރިންނަށް ވެސް މަޖުބޫރު ކުރުމުގެ އިހުތިޔާރާއި ބާރު ފަނޑިޔާރުންނަށް ލިބިދޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިއުން އިއްވާފައިވާ މި ބިލިގައި، އެ ގާނޫނުން އިމްތިޔާޒް ލިބިގެންވާ މުއާމަލާތްތައް 16 ވަނަ ބާބުގައި ބަޔާން ކުރެ އެވެ. އެއީ 136 ވަނަ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު ކަނޑައަޅާފައިވާ ބައެއް ކަންކަމަށް ވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަ ވެވޭނަމަ، ނޫސްވެރިއާއަށް އެ މައުލޫމާތު ދިން މަސްދަތު ޝަރީއަތް ހާމަކުރުމަށް ނޫނަމަވެސް، ހަމަ އެ މާއްދާގެ (ށ) ގައި އެ އިމްތިޔާޒް އިސްތިސްނާ ކުރެވިދާނެ ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ
”މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ އެވެ.“ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ.
ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރަން ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެކަމަށް އެ ބިލުގައި ބުނެފައި ވެ އެވެ. އެ ނަމްބަރުގައި ވަނީ:
- ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.
- ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވާގިއާއެއް ނުވަތަ ރައުޔެއް އާންމުންނާ ހަމައަށް ގެނައުމާމެދު އަދި ވާގިއާތަކުގެ މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.
މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިޔައިރު، ބައެއް މެމްބަރުން އެ މާއްދާއާއި މެދު ކަންބޮޑުވުން ފާޅުކުރި އެވެ.
ބައެއް ނޫސްވެރިން ވެސް ކަންބޮޑުވުންފާޅުކޮށް މިއީ ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ މިނިވަންކަމަށް ހުރަސްއެޅުންގެ ގޮތުގައި ބުނެފައި ވެއެވެ. އާއްމު ގޮތެއްގައި، ކުންފުނިތަކާއި، ސަރުކާރުގެ އެތެރޭގައި ނުވަތަ އެހެން ގޮތަކުން ހިނގައިދާ ކަންތައް ރިޕޯޓު ކުރުމުގައި ނޫސްވެރިން އެ މީހުންގެ އަމިއްލަ މަސްދަރުތަކާއި ހަވާލާ ދެއެވެ.

