ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މަގާމުން ވަކި ކުރި އަލީ ވަހީދުގެ ޝަރީއަތްތައް ފަށާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އޭނާއާއި އެކު ޖާމިނުވި އައްސަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅައިދޭން އެދުމުން ވެސް އެކަމަށް ކްރިމިނަލް ކޯޓުން ދެކޮޅު ހަދައިފި އެވެ.
މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދަކީ، އަލީ ވަހީދާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. އަލީ ވަހީދު ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖެ އެނބުރި އަންނާނެކަމުގެ ޔަގީންކަން ދީ، ޒިންމާވާ ގޮތަށް ޖާމިނު ސިޓީގައި އައްސަދު ސޮއި ކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. މުއްދަތު ހަމަވީއިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައި ނުވާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ދަނީ އޮންލައިންކޮށެވެ.
އިނގިރޭސިވިލާތުގައި މިވަގުތު ހުރި އަލީ ވަހީދުގެ ވިސާ އޯވަ ސްޓޭވެގެން އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރު ވެސް ކުރި އެވެ. ގެޓްވިކް ޓިޓެންޝަން ސެންޓަރުގައި ދެ ހަފްތާއެއްހާ ދުވަސް ހޭދަ ކުރުމަށް ފަހު ފުލުހުން އޭނާ ދޫކޮށްލުމުން، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރާއްޖޭގެ ނޫސްވެރިންނާއި ބައްދަލު ކުރި އެވެ. އަދި އެނާ ދަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ޓްވީޓުތަކެއް ކުރަމުންނެވެ.
އަލީ ވަހީދަކީ، ސުޕްރީމް ކޯޓުގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރު ނުވުމުން، ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ.
ސޯޝަލް މީޑިއާގައި އަލީ ވަހީދު އެކްޓިވްވުމާއި، އަދި އަލީ ވަހީދު ރާއްޖެ ނައިސްފިނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގާނެކަމަށް އިގުރާރުވި އައްސަދަށް އެއްވެސް ފިޔަވަޅެއް ނޭޅޭތީ މީޑިއާތަކުގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ. ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނި ނަމަވެސް، އެކަމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވެ އެވެ.
ދެވަނަ ފަހަރަށް އައްސަދަށް ފިޔަވަޅު އަޅައިދޭން އެދި ދައުލަތުން ހުށަހެޅުމުން ވެސް ކްރިމިނަލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓު މައްސަލައިގައި ދައުލަތުން ހައިކޯޓަށް ދިޔުމުން އެ ކޯޓުގެ ހުކުމުގައި ބުނީ ހިފަހައްޓަން އެދިފައިވަނީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ކަމަށެވެ. އަދި ދައުލަތުން މައްސަލައިގައި އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކޮށް، އެ ހުކުމުގައި ވެސް ވަނީ އައްސަދަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށްފައި ނުވާކަން ފާހަގަ ކުރި އެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހައިކޯޓު ހުކުމާއި އެކު އައްސަދަށް ފިޔަވަޅު އަޅައިދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށެވެ. ދައުލަތުން ހުށަހެޅީ ގާނޫނުގައި ބުނެފައިވާ ގޮތަށް، އައްސަދަށް އެއް އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅައި ދިނުމަށެވެ. އެހެން ނަމަވެސް މިއީ މީގެ ކުރިން ވެސް ނިންމާފައިވާ މައްސަލައެއްކަމަށްވުމާއި އެކު، އެ ހުށަހެޅުން ކުރިޔަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމީ އެވެ.
މި ނިންމުން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު ދައުލަތުން ދެކޭ ގޮތުގައި އަސްހަދާ މެދު ފިޔަވަޅު އެޅުމުގެ ބާރު އޮތީ ކޯޓަށް ނަމަވެސް ކްރިމިނަލް ކޯޓުން އެ ފިޔަވަޅު އަޅައިދީފައި ނުވެ އެވެ.
ޖިނާއީއިޖުރައާތުގެ ގާނޫނު ބުނާގޮތުން މީހަކު ޖާމިނު ކޮށްފައި ދޫކުރާއިރު އެމީހަކު އެއްބަސްވާ ޝަރުތުތަކާއި ހިލާފުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އެޅޭނެ އެވެ. އެގޮތުން ޖާމިނު އެއްބަސްވުމާއި ހިލާފުވުމުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން އެ އެމީހަކު ޖޫރިމަނާ ކުރެވިދާނެ އެވެ. މި އަމަލު ބެލެވެވޭނީ ކޯޓުން ހުރުމަތް ކަނޑާލުމުގެ އަމަލެއްގެ ގޮތުގަ އެވެ.
ކޯޓުން ދިން ލިޔުމުގައި އޮތީ އަސްހަދަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ. އެކަމަކު، އަސްހަދުގެ ކޯޓުގެ ހުރުމަތް ކަނޑައިފި ނަމަ ފިޔަވަޅު އެޅިދާނެ ކަމަށް އެ އެ ލިޔުމުގައި އޮންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ޖާމިނުވި އިގުރާރާ ހިލާފުވުން ބަލަނީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.
އައްސަދަށް ފިޔަވަޅު ނަޅާތީ ފާޑުކިއުން އަމާޒުވެފައިވާއިރު، އޭނާ އަކީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރި އެކެވެ.

