އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާއިރު ރައްޔިތުންނަށް އެންމެ ބޭނުންވާ، އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވެނީ ބޯހިޔާވަހިކަމެވެ. ލިސްޓެއް ހަދާނަމަ، ސަރުކާރުން ހިންގާ ތަފާތު އެކި މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންނާއި ސީދާ ގުޅުންހުރި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަން ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެއެވެ.
މާލެ ސަރަހައްދެކޭ އެއްވަރަށް އަތޮޅުތެރެއަށްވެސް ބިމުގެ ޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަން ހައްލުނުވުމުގެ ތަފާތު އެކި މައްސަލަތައް ދިމާވެފައިވެއެވެ. ބައެއް ރަށްރަށުގައި ގޯތި ދޫކުރާނެ ޖާގަ ނުވަތަ އެބިން ނެތްކަނަވެސް ފާހަގަކުރެެވެއެވެ. ބައެއް ރަށްރަށުގައި ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއްވުމުގެ ސަބަބުން، ބޮޑެތި އާއިލާތަކުންވެސް އެއް ގެއެއްގައި އުޅެން ޖެހުމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އާދެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 36,925,424,524 ރުފިޔާ (ތިރީސް ހަ ބިލިއަން، ނުވަ ސަތޭކަ ފަންސަވީސް މިލިއަން، ހަތަރު ސަތޭކަ ސައުވީސް ހާސް، ފަސް ސަތޭކަ ސައުވީސް ރުފިޔާ)ގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވަނީ 599.7 މިލިޔަން ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ މިހާރުވެސް ހިނގަމުންދާ ބައެއް މަޝްރުއުތަކަށް ހަރަދުކުރުމާއި އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ބައެއް ޕްރޮޖެކްޓުތަކަށް ހަރަދުކުރުމެވެ.
މިހާރު ކުރިއަށްގެންދާ ބައެއް ޕްރޮޖެކްތްތަކަށް 24.3 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެ ތެރޭގައި މ.ކޮޅުފުށި، ބ. ތުޅާދޫ، ޅ. ނައިފަރު އަދި ތ. ތިމަރަފުށީގައި އެޅުމަށް ނިންމާފައިވާ 100 ހައުސިން ޔުނިޓުގެ މަޝްރޫއަށް މިއަދަދު ވަނީ ކަނޑައަޅާފައެވެ. 2021 ވަނަ އަހަރުގެ ބަޖެޓުން 4000 ހައުސިން ޔުނިޓުގެ މަޝްރޫއަށް އިކުއިޓީ ލިބިގެންދާނެކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވާއިރު، ނޭޝަނަލް ހައުސިން މަޝްރޫއުގެ ދަށުން އަލަށް ފަށާ ހައުސިން ޔުނިޓުތަކަށާއި ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ މަޝްރޫއުތަކުގެ ފައިނޭންސް ކޮސްޓަށް 448.5 މިލިޔަން ރުފިޔާ ޑޮމެސްޓިކް ބަޖެޓުން ހަރަދުކުރަން ހަމަޖެހިފައިވާކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.
ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް ގާއިމުކުރާ 4,000 ހައުސިންގ ޔުނިޓުގެ މަސައްކަތަކީ ގްރޭޓަރ މާލެ އޭރިއާއަށް ޚާއްސަ މަޝްރޫއެކެވެ. މިމަޝްރޫއު ފެށުމަށް ބޭނުންވާ އެކުއިޓީ މި އަހަރު ތެރޭގައި ސަރުކާރުން ދައްކައި، އަމަލީ މަސައްކަތް ފަށައިގަންނާނެކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ. އަދި މި މަޝްރޫޢުތަކާއެކު، އަމިއްލަ ފަރާތްތަކާއި އެހެނިހެން ގޮތްގޮތުން މާލޭ ސަރަހައްދުގައި ޖުމުލަ 11,000 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.
ބަޖެޓު ބަޔާން ހުށައަޅުއްވައި ދެއްވަމުން މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށްއޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ހިމަނާފައިވާނެކަމަށެވެ. އަތޮޅުތެރެއަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މުހިންމުކަން ފާހަގަކުރައްވައި މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އަލަށް ފެށުމަށް ނިންމާފައިވަނީ ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ 105 ހައުސިން ޔުނިޓުގެ މަޝްރޫއެވެ. މިމަޝްރޫއު ހިންގުމަށް 7.9 މިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ. ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅުގައިވެސް އަންނަ އަހަރު ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް ނިންމާފައިވާކަން އިއުލާން ކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ނިސްބަތުން ގިނަ މަޝްރޫއުތައް މިވަގުތުވެސް އަމާޒުކުރެވިފައި ހުރީ މާލެ ސަރަހައްދަށެވެ. މިވަގުތުވެސް ވިނަރެސްގެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާއިރު މިއަަހަރު ތެރޭ ހުޅުމާލެގައި 4000 ހައުސިން ޔުނިޓުގެ މަސައްކަތްވެސް އިއުލާންކޮށް ފަށާފައިވެއެވެ. އެއާއެކު، ހުޅުމާލެ ފޭސް2ގައިވެސް 7000 އާއިލާއެއް އަންނަނީ އާބާދުވަމުންނެވެ.
ލާމަރުކަޒު ސިޔާސަތު ތަންފީޒުކުރުމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރެއްގެ ބޯހިޔާވަހިކަމުގެ ސިޔާސަތުން ހަގީގީ ލާމަރުކަޒުކުރުން ނުފެންނަކަން ފާހަގަކުރެވެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ގިނަ ޔުނިޓުތަކެއް މާލެ ސަރަހައްދަށް ގެންނައިރު، މިއީ މާލެ ސަރަހައްދު އިތުރަށް ތޮއްޖެހުމަށް ކުރެވޭ ކަންކަމުގެ ގޮތުގައި ފާހަގަކުރެވެއެވެ. ސަރުކާރުންނާއި އަމިއްލަ ކުންފުނިތަކުގެ މަސައްކަތްތަކާއި އެކީ 11،000 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރުތެރޭ މާލެ ސަރަހައްދުގައި ކުރުމަށް މިވަނީ ނިންމާފައެވެ. އަންނަ އަހަރު ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއްގެ ގޮތުގައި އަތޮޅު ތެރެއަށް އޮތީ ކުޅުދުއްފުށީގައި ގާއިމްކުރާ 105 ހައުސިން ޔުނިޓުގެ މަސައްކަތް އެކަންޏެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއިމެދު އާންމުންގެ ގިނަ އުންމީދުތަކެއް ހުރިއިރު، އަތޮޅު ތެރޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ބޭނުންވާކަން އަތޮޅުތެރޭގެ ރައްޔިތުންވެސް ފާހަގަކުރެއެވެ. ހައުސިން ޔުނިޓު ނުވަތަ ފްލެޓުތަކެއްގެ ބަދަލުގައި ގޯތި ނުވަތަ ބިން ދޫކުރުމަކީ ރަށްރަށުގެ ރައްޔިތުންނަށް މާ އެކަށީގެންވާ އަދި ރަނގަޅު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރައްޔިތުން ބޭނުންވާ ސްޕީޑުގައި ގިނަ ފަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިޔަށް ނުދާއިރު، މަޝްރޫއެއް ނިމިގެންދާއިރު ގިނަ ފަހަރު އާންމުންގެ އެތައް ކަންބޮޑުވުންތަކެއް އެމަޝްރޫއާއި މެދު ހުރެއެވެ. އަތޮޅުތެރެއަށް ޚާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިވަގުތުވެސް ”އޮން ގޮއިންގް“ ޕްރޮޖެކްޓްތަކުގެ ގޮތުގައި ހުރިއިރު، ޕްރޮޖެކްޓްތައް ދިގުލައިގެން ދިޔުމުގެ ސަބަބުން އެތައް ޝަކުވާތަކެއް މިއަދުވެސް އަތޮޅުތަކުގެ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

