ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. އަތޮޅު ފޭދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުވާލައިފި

ށ. އަތޮޅު ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. އަތޮޅު ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

މިއަދު މި ޕޯސްޓް ހުޅުވުމަށް ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްއެވެ. އަދި ފުލުހުންގެ ހިދުމަތުގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ދެއްކެވި ވާހަކަފުޅުގައި އަތޮޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުވާތަކެއްޗާ ގުޅިގެން އުފިދެގެންދާ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރި އޭގެ އަސަރު މުޅު މުޖުތަމައުއަށް ފޯރައިގެން ދިއުންކަމަށް ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަންޖެހިފައި އޮތް ހަގީގަތެއްކަމަށާއި މިކަމުން އަރައިގަތުމުގައި ފުލުހުންނާ އެކުގައި އެއްސަފެއްގައި އެއްގޮތެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުން ދެވަނަ ގޮތެއް ނެތްކަމަށް ވިދާޅުވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތުގެ ގާނޫނުން ފުލުހުންގެ މަސައްކަތްތައް އިންތިޒާމްވެގެންވާ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާކަމަށާއި ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށާއި މުޖުތަމައު އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ގާނޫން ބާރުއަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް ފުލުހުންގެ ހިދުމަތް ބަދަކުރުންކަމުގައި ވިދާޅުވިއެވެ. އެގޮތުން  މިއަދު ފޭދޫގައި ގާއިމްކުރެވި ހުޅުވިގެންދިޔަ މި ޕޯސްޓަކީ އެއަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ ސްޓްރެޓީޖަކް ޕްލޭންގައިކަނޑައަޅާފައިވާ ހަ ޕްރައޯރިޓީގެ ތެރޭގައި  ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ހިދުމަތްތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުންނާއި ރައްޔިތުންނާ އެންމެ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުކަމަށާއި ފޭދޫގައި ޕޮލިސް ޕޯސްޓް ގާއިމްވެ ހިދުމަތް ދޭންފެށުމާއެކު ފޯކައިދޫން ފުލުހުން އައިސް ދޭން ފެށި ހިދުމަތް މިއަދުން ފެށިގެން ނިމުން އައިސް ފޭދޫ ރައްޔިތުންނަށް ހިދުމަތް ލިބިގެންދާނީ ރައްޔިތުންނާ ގާތުން ރަށުގެ ކައުންސިލާއި މުއައްސަސާތަކާ ރައްޔިތުންނާ ގުޅިގެންކަމަށް ވިދާޅުވިއެވެ.

އަދި އާބާދީ ބޮޑެތި ރަށްތަކުގައި ހިނގާ ކުށްތައް އެހެން ރަށްތަކަށް ތައާރަފްވެގެން ދަނީ ހަލުވިމިނެއްގައިކަން ފާހަގަކުރައްވައި،  ޓެކްނޮލޮޖީ އާއި ދަތުރުފަތުރުގެ ނިޒާމާއި ދިރިއުޅުމުގެ ފެންވަރަށް އަންނަމުންދާ ބަދަލުތަކާއެކު ކުށްކުރާ ފަރާތްތައް ކުށްތަކަށް އަރިގަންނަ ގޮތްތައް ބަދަލުވަމުން ދިއުމަކީ ފުލުހުންނަށް އޮތް ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ.

ޕޮލިސް ޕޯސްޓެއް ގާއިމްވެފައި ހުރުމުން މިފަދަ ޕެންޑަމިކެއް މެދުވެރިވާ ހާލަތެއްގައި ރައްޔިތުންނާއި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތުން ފެށިގެން ރަށުގައި ހިންގާ ކުށުގެ އަމަލުތަކަށް ފާރަވެރިވެ، އެކުށްތައް ހުއްޓުވުމަށް އަތޮޅުގައި ގާއިމްވެފައިވާ ފުލުހުން ޓީމުތަކާއެކު މަސައްކަތްކުރުމާއި ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ރަށުގައި ތިބެގެން ކޮންމެ ދުވަހަކު މަސައްކަތް ކުރެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ފޭދޫ ޕޮލިސް  ޑެސްކު ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފައެވެ.

ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި އަޕަރ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް އާއި ށ. ފޭދޫ ކައުންސިލްގެ ރައީސް އާއި އެކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: