ފުޓްބޯޅަ މެޗެއްގައި ހިނގާ ކަމަކަށް މިނިސްޓަރު ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ވާނީ ޖޯކަކަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ސީޝެލްސްއާއެކު އިއްޔެ ކުޅުނު މެޗުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑްބަރޭ) ސީޝެލްސްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މައްސަލާގައި ޔޫތު މިނިސްޓްރީން އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެތޯ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، ފުޓްބޯޅަ މެޗެއްގައި ވާ ކަމަކަށް މިނިސްޓަރު ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ވާނީ ވަރަށް ބޮޑު ޖޯކަކަށްކަމަށެވެ.
”ފިޔަވަޅު އަޅަން ތިބޭ އޭއެފްސީން ނޫނީ ފީފާއިން އަޅާ ފިޔަވަޅެއް އަޅާނެ. އިއްޔަ އަޅުގަނޑުމެންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅަކު ގައުމީ ޓީމަށް އެ ކުޅުއްވީ ޔޫތް މިނިސްޓްރީ ރެޕްރެޒެންޓް ކުރާ ގޮތަކަށް ނޫން.“ މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ އަޑުބަރޭގެ އެ އަމަލާމެދު ހިތާމަ ކުރައްވާ ކަމަށާއި އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

