ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓަށް އެކަނި ކައުންސިލްތަކުން ބަރޯސާވެގެން ނުވާނެ، އާމްދަނީ ހޯދަންޖެހޭނެ: ނިޔާޒް

ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ދޭ ބަޖެޓަށް އެކަނި ކައުންސިލްތަކުން ބަރޯސާވެގެން ނުވާނެ ކަމަށާއި ކައުންސިލްތަކުން އާމްދަނީ ހޯދަންޖެހޭނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒު ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު ނިޔާޒް ވަނީ ބަޖެޓާއި ގުޅޭގޮތުން ކައުންސިލްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކައުންސިލްތަކަށް ބަޖެޓުން ދީފައިވާ ފަސް އިންސައްތަ ނުވަތަ 1.5 ބިލިޔަން ރުފިޔާއަކީ މާކުޑަ އަދަދެއްގެ ގޮތުގައި ކައުންސިލްތަކުން ފާހަގަކުރަމުންދާތީ އެކަމަށް ވަނީ ރައްދު ދެއްވާފައެވެ.

މެމްބަރު ނިޔާޒް ވިދާޅުވީ މީގެ ކުރިން ކައުންސިލްތަކަށް ގާތްގަނޑަކަށް ޖުމްލަ 1 ބިލިޔަން ރުފިޔާކަމަށް މެމްބަރު ވިދާޅުވިއެވެ. އޭރު ބަޖެޓު އެންމެ ބޮޑުކޮށް ލިބޭ ކައުންސިލަކަށްވެސް ލިބޭނީ ގާތްގަނޑަކަށް 600 މިލިޔަނެއްހާ ރުފިޔާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ލޯކަަލް ގަވަމަންޓް އޮތޯރިޓާއާއި އެހެނިހެން މުއައްސަސާތަކާއި ބައްދަލުކުރުމުން ބަޖެޓުގެ 2.5 އިންސައްތަ ކައުންސިލްތަކަށް ކަނޑައެޅުމަށް ލަފާ ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއަދަދު އެއަށްވުރެ ރަނގަޅުކޮށް ގާނޫނަށް އިސްލާހު ގެނައީ ބަޖެޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ހާއްސަކުރުމަށްކަމަށް ނިޔާޒް ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި ކައުންސިލްތަކަށް ދީފައިވާ އަދަދަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ކައުންސިލްތަކަށް ދީފައިވާ ބަޖެޓާއި އަޅާ ބަލާއިރު މާބޮޑުތަނުންވެސް ރަނގަޅު ބަޖެޓެއްކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެހެންކަމުން، ކައުންސިލްތަކުން ގާނޫނީ ޒިންމާ އަދާނުކުރެވޭ ވަރަށް ބަޖެޓުގައި ކައުންސިލްތަކަށް އަދަދުތައް ކަނޑައަޅާފައި އޮތްކަމަށް ދެކުމަކީ ރަނގަޅު ކަމެއްނޫންކަމަށް ނިޔާޒް ވިދާޅުވިއެވެ. ގާނޫނުން ލާޒިމް ކުރާ ފަސް އިންސައްތަ ނުވަތަ 1.5 ބިލިޔަން ރުފިޔާ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ކަމަށާއި މިއަދަދަކީ އެންމެ ރަނގަޅު އަދަދަކަށް ނުވިޔަސް މީގެކުރިން ކައުންސިލްތަކަށް ކަނޑައަޅާފައިވާ އަދަދުތަކާއި ބަލާއިރު މިއީ ރަނގަޅު އަދަދެއްކަމަށް ނިޔާޒް ވިދާޅުވިއެވެ.

“ހަމައެކަނި ދައުލަތުން ދޭ ފައިސާއަކުން ނޫން ކައުންސިލްތައް ހިންގަންވާނީ. އަމިއްލައަށް އާމްދަނީ ހޯދޭނެ ގޮތްތައް ހޯދަން ވާނެ. ކުންފުނިތައް ހެދޭނެ، ބިމާއި ބެހޭ މުއާމަލާތްތައް ކުރެވޭނެ. މިއިން ކަމަކަށް ގާނޫނުން ހުރަސް އަޅާނަމަ އެކަންކަން ރަނގަޅު ކޮށްދޭނަން މަޖިލީހުގެ ތެރެއިން” މެމްބަރު އަލީ ނިޔާޒްް

މީގެ އިތުރުން ނިޔާޒް ވަނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމުގެ އިތުރަށް އެކަން ފަސޭހަކޮށްދިނުމަށް ބިމާއި ބެހޭ ގާނޫނަށާއި މާލިއްޔަތު ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ނިޔާޒް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް އިސްލާހުގެނައުމަށް ވާހަކަދެކެވުނުއިރު ފާހަގަކުރެވުނު ފަދައިން އެސަރަހައްދެއްގެ އާމްދަނީ އެރަށަކަށް ލިބޭނެ ގޮތް ހެދުންކަމަށް ނިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަދު އެކަން އެގޮތަށް ކޮށްފިނަމަ، ދައުލަތުގެ އާމްދަނީ ރަށްތަކަށާއި އަތޮޅުތަކަށް ބަހާނެ ހަރުދަނާ އުސޫލެއް ކަނޑައަޅަންޖެހޭނެކަމަށް ވިދާޅުވިއެވެ.

“އެންމެ ބޮޑު އާމްދަނީއަކީ ފަޅު ރަށްތައް ދޫކޮށްގެން ލިބޭ ޓެކްސް ނުވަތަ ލޭންޑް ރެންޓް. މިއާމްދަނީގެ ދެބައިކުޅަ އެއްބައި ލިބޭނީ އެންމެ 3 އަތޮޅަށް އއ، އދ އަދި ކ އަތޮޅަށް. ބައެއް އަތޮޅުތަކަކީ އެއްވެސް އާމްދަނީއެއް ނުލިބޭނެ އަތޮޅުތައް. މިކަމަށް ޖެހޭނީ ރަނގަޅު ފިސްކަލް ފޯމިޔުލާއެއް އެކުލަވާލަން ވެއިޓޭޖް އެކި ރަށްތަކަށް ބަހާނެ ގޮތްތަކާއިމެދު.” ނިޔާޒް

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށައެޅުމާއެކު ބައެއް ކައުންސިލްތަކުންނާއި ސަރުކާރަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓަކީ ކުޑަ ބަޖެޓެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ ބަޖެޓުން ކައުންސިލްތަކުގެ ގާނުނީ ޒިންމާ އަދާނުކުރެވޭނެކަމަށާއި ހަމައެކަނި ރިކަރަންޓް ހަރަދުވެސް ދެކޮޅު ނުޖެއްސޭނެކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. މިވާހަކަތަކަށް ރައްދުދެއްވައި މެމްބަރު ނިޔާޒް ވިދާޅުވީ 1.5 ބިލިޔަން ރުފިޔާއަކީ ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާނުކުރެވޭނެ އަދަދެއް ނޫންކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމް ޕްރޮމޯޓްކުރުމަށް ތިބި މެމްބަރުންގެ ވާހަކަތަކުގައި ކައުންސިލްތަކުން ހަމައެކަނި ދައުލަތުން ލިބޭ އެއްޗަކަށް ބަރޯސާވެގެން ތިބެންޖެހޭ ފަދަ ގޮތަކަށް ވާހަކަދެއްކުމަކީ ރަނގަޅުކަމެއްނޫންކަމަށް މެމްބަރު ނިޔާޒް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: