ޔޫތު މިނިސްޓްރީއިން ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީންކުރުމަށް ދެ ކުންފުންޏަކުން ޔޫތު މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.
ޔޫތު މިނިސްޓްރީއާއެކު ސޮއިކޮށްފައިވަނީ މިފްކޯ އާއި އެމްޕީއެލްއެވެ. މިނޫނަސްވެސް އިތުރު ބައެއް ކުންފުނިތަކުން މިހާރުވެސް އަންނަނީ މިނިސްޓްރީއާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ސޮއިކުރަމުންނެވެ.
އެމްޕީއެލްއިން މިޕްރޮގްރާމްގައި ބައިވެރިވުމަށް އެއްބަސްވެ އެމްއޯޔޫގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއީލްއެވެ.
ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއީލް ފާހަގަ ކުރެއްވި ގޮތުގައި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ތަފާތު ދާއިރާތަކުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމާއެކު މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ ޒުވާނުންނަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ޒިންމާދާރު ބަޔަކަށް ހެދުމެވެ.
ސީއީއޯ ޝާހިދު އަލީގެ ވާހަކަ ފުޅުގައި މި ޕްރޮގްރާމް ކާމިޔާބްކަމާއިއެކު ކުރިއަށްގެންދިއުމަށް އެމް.ޕީ.އެލްގެ ފަރާތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެމް.ޕީ.އެލް ގެ ފަރާތުން ފޮޓޯގްރަފީ އެޕްރެންޓިސް، ކޮޕީ ރައިޓާރ، ޓަޗް ޑްރައިވަރ، ހެވީ ވެހިކަލް އޮޕަރޭޓަރ، ވެލްޑަރ، ކަރޕެންޓަރ، އެލުމިނިއަމް ޓެކްނީޝަން، މޭސަން، ހެލްތް، ސޭފްޓީ އެންޑް އެންވަޔަރުމަންޓް އެޕްރެންޓިސް، މެޝިނިސްޓް، ޓިންކުރިންގ މެކޭނިކް، އެއަރ ކޮންޑިޝަނިންގ ސަރވިސް އެންޑް ރީފަރ މެކޭނިކް އަދި މެރިން އިންޖިނިއަރިންގެ ދާއިރާއިން ތަމްރީނުކުރުމަށް ޖުމްލަ 78 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
މިފްކޯއިން މިޕްރޮގްރާމްގައި ބައިވެރިވުމަށް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާޢީލް ފައުޒީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއީލްއެވެ.
ސީއީއޯ އިސްމާޢީލް ފައުޒީގެ ވާހަކަ ފުޅުގައި މި ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދިއުމަށް މިފްކޯގެ ފަރާތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިފްކޯގެ މުވައްޒަފުންނަށް ވެސް ހުޅުވާލެވިފައިވާނެކަން ސީ.އީ.އޯ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ސަބަބުން ކުރިއަށްއޮތްތަނުގައި މިފްކޯގެ އޮޕަރޭޝަންސް ކުރިއަށްގެންދިއުމަށް ފަސޭހަވެގެން ދާނެކަން ފާހަގަކުރިއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މިފްކޯގެ ފަރާތުން އިލެކްޓްރީޝަން، ވެލްޑަރ، އޮޓޯމޯޓިވް މެކޭނިކް، މެރިން މެކޭނިކް، ފިޝް ޕްރޮސެސިންގ & ކޮލެޓީ ކޮންޓްރޯލް އޮފިސަރ އަދި ރިފްރިޖަރޭޝަން & އެއަރ ކޮންޑިޝަނިންގ މެކޭނިކްގެ ދާއިރާއިން ތަމްރީނުކުރުމަށް ޖުމްލަ 22 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މިޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބިވަޑައިގަންނުވާނެއެވެ.

