ސަރުކާރުން ހުރަސް އެޅި ނަމަވެސް ”ކޮތަރު ކޮށި“ ނަމުގައި ބާއްވާ ޖަލްސާ ހުޅުމާލޭގައި ކުރިއަށްދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.
އެޗްޑީސީން ވަނީ ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ޖަލްސާއެއް ބާއްވާކަން އެނގިފައިވަނި މީޑިއާއިން ކަމަށް ބުނެފައެވެ. ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެޗްޑީސީން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނެފައިވަނީ މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލު ކުރައްވާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައެވެ. އެހެންކަމުން އެގޮތަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެކަމާ ގުޅިގެން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެ ޖަލްސާ އަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކަމަށާއި ޖަލްސާ ބާއްވަނީ ޤާނޫނުގައިވާ ފަރާތުން ހުއްދަ ނަގައިގެން ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
”ހުޅުމާލެ އަކީ މާލެ ސިޓީގެ އިހްތިޞާސް ތެރޭގައިވާ ތަނެއް. ޤާނޫނުގައި ވާގޮތަކީ ކޮބާކަމާ، 7/2010 ގައިވާ އެއްޗެއް ރަގަޅަށް ސާފުކުރުމަށް އެޗްޑީސީގެ ވެރިންނަށް ގޮވާލަން“ ޝުޖާއު ވިދާޅުވި އެވެ.

