އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ”ކޮތަރު ކޮށި“ ޖަލްސާ އުސްފަސްގަނޑުގައި ވެސް ބޭއްވޭ ގޮތް ނުވެގެން އެންމެފަހުން އެ ޖަލްސާ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނާއިއެކު މާދަމާރޭ ބޭއްވުމަށް މަސައްކަތް ކުރި ޖަލްސާއަށް ސަރުކާރުން ހުރަސް އެޅުމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖަލްސާ ބާއްވަން އެތައް ބަޔަކު ބޭނުންވާ ކަމަށާއި، ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ނުބޭއްވުނު ނަމަވެސް ޖަލްސާ މާދަމާރޭ 9:00ގައި އުސްފަސްގަނޑު ސަރަހައްދުގައި އޮންނާނެކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އުސްފަސްގަނޑުގައި ޖަލްސާ ބޭއްވުމަށް ނިންމުމުން އެއީ ސަރުކާރު ބިމެއް ކަމަށާއި އެތަށް ކަރަންޓު ވެސް ގުޅާ ނުދެވޭނެ ކަމަށް ޕާޓީ އަށް ދެންމެ އަންގާފައިވާ ކަމަށެވެ. އެގޮތުން ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ކަމަށްވެސް ހީނާ ވިދާޅުވި އެވެ.
މާދަމާރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާއިރު މިޖަލްސާގައި ރައީސް ޔާމީންގެ މުހިންމު މެސެޖުތަކެއް ހިޔާ ފްލެޓްގައި ދިރިއުޅުއްވާ ރައްޔިތުންނަށް ޚާއްސަ ކުރައްވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

