ރާއްޖޭގެ ސިޔާސީ އަދި ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، އަހުމަދު ޒަކީ (ނަޒާކީ ޒަކީ) އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.
ނަޒާކީ ޒަކީ ސޮއިކުރެއްވި ފޯމާ ޕީޕީއެމްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.
ޒަކީ މިފަހަކާ ޖެހެންދެން ހުންނެވީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގަ އެވެ. ޒަކީ ވަނީ މި ސަރުކާރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަންގެ މަގާމު ފުރުއްވާފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޒަކީ އިސްތިއުފާ ދެއްވާފައިވަނީ އެމްޕީއެލް ތެރޭގައި ހިނގާދިޔަ 8 މިލިއަން ރުފިޔާގެ ބޮޑު ވައްކަމުގެ މައްސަލައެއް ސޯޝަލް މީޑިއާގައި ފަޅާއަރުވާލުމަށް ފަހުއެވެ.
އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަށް މިލިއަން ރުފިޔާގެ އެ ހިޔާނާތް ހިންގާފައި ވަނީ ތެޔޮ ވިއްކުމުގެ ތެރެއިން ކަމަށެވެ. އަދި އެކަމުގައި ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުން އެކަމަށް ކުންފުނީގެ ބޯޑުގެ ތާއީދެއް ނުލިބުނު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

