ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެލެނިވެރިންގެ ސުވާލު: ”އަބަދު އަރަބިއްޔާ ސްކޫލު… ކީއްވެ؟“

އަރަބިއްޔާގެ އިމާރާތުން ދަރިވަރުން ނިކުނަން ޖެހުނު މިއީ ދެވަނަ ފަހަރު، މިހާރު ބޭނުން ކުރާ އިމާރާތަށް ވީ އެންމެ އަށް އަހަރު/ ފޮޓޯ: މިހާރު - ފަަޔާޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުތައް ލުމުގެ ސަބަބުން، އަމިއްލަ ސްކޫލު ނޫން އެހެން ތަނަކަށް ވަގުތީ ގޮތަށްކަމަށް ބުނެ ބަދަލުވާން ޖެހޭ މިއީ ދެވަނަ ފަހަރުކަމަށާއި، މީގެ ކުރިން އަރަބިއްޔާއަށް ދިމާވި ހާލަތު ތަކުރާރުވާން ބޭނުން ނުވާކަމަށް ސްކޫލުގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން ބުނެފި އެވެ.

އާ އިމާރާތެއް އަޅައި، އެ އިމާރާތް ބޭނުން ކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވެ ތަނުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ތަން ހަލާކުވެފައިވާތީ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިދިޔަ އަހަރުން ފެށިގެން ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށް، މައްސަލަ ގޯސްވީ އިމާރާތުގެ ހާލަތު މީޑިއާގެ ސަމާލުކަމަށް ގެނެސް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވާން ފެށުމުންނެވެ.

ތަނުގެ އެސެސްމެންޓެއް ހެދުމަށް ފަހު އެޑިއުކޭޝަނުން ނިންމީ، އަރަބިއްޔާ ސްކޫލުގެ އިމަރާތް ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރުން އެއީ އެންމެ ފަނގަޅު ގޮތަކަށް ނުވާތީ ވަގުތީ ގޮތުން އެހެން އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ. އިމާރާތުގެ މަރާމާތަށް ވަގުތު ބޭނުންވާކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓްރީން މި ހަފްތާގައި އާއްމު ކުރި ބަޔާނުގައި ވަނީ އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ކަންތައް އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ގިނަ ޝަކުވާތަކާއި އެކު އެޑިއުކޭޝަން މިނިސްޓަރު އެންމެ ފުރަތަމަ ޕީޓީއޭ އަދި ބޯޑާއި ބައްދަލު ކުރުމަށް އެދުނީ އަމީނިއްޔާ ސްކޫލުގަ އެވެ. ނަމަވެސް ބޯޑުން އެކަމަށް ދެކޮޅު ހަދައި، އަމީނިއްޔާ ސްކޫލުގައި ބާއްވާ ބައްދަލުވުމަކަށް ނުދާނެކަމަށް ބުނުމުން މަޝްވަރާތައް ކުރިޔަށް ގެންދިޔައީ އަރަބިއްޔާގަ އެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުން ނިމުނު އިރު ވެސް އެއްވެސް ހައްލަލާއި ހަމައަށް އާދެވިފައި ނުވެ އެވެ.

މަޖީދީ މަގުގައި ހުރި އިމާރާތް ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން އަމިއްލަ ސްކޫލެއް ނެތި ތިން އަހަރުވުމަށް ފަހު އަރަބިއްޔާއަށް އާ އިމާރާތެއް ލިބުނީ 2013 ގަ އެވެ. ބޭނުން ކުރަން ފެށިތާ 08 އަހަރުގެ ތެރޭގައި ތަނބުތަކުގައި ބޮޑެތި ރެނދުތަކެއްލައި ވަރަށް ބޮޑަށް ހަލާކުވުމުން އެޑިއުކޭޝަނުން ނިންމީ ޖެނުއަރީ މަހުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުން އަރަބިއްޔާ ސްކޫލަށް ބަދަލު ކުރުމަށެވެ. ނަމަވެސް އިނގިރޭސި މީޑިއަމަށް ކިޔަވަދޭ ސްކޫލެއްގެ ދަރިވަރުންތަކަކާއި އަރަބި މީޑިއަމްއަށް ކިޔަވަމުން ދާ ދަރިވަރުންތަކެއް އެއްކޮށްލުން އެއީ ހައްލެއް ނޫންކަން ބެލެނިވެރިން ފާހަގަ ކުރެ އެވެ.

އަރަބިއްޔާ އިމާރަތް އެޅިތާ އަށް އަހަރު ނުވަނީސް ބޮޑެތި ރެނދުތަކެއް ލާފައި/ ފޮޓޯ: ފައިލް

އިއްޔެ އެޑިއުކޭޝަނާއި، ޕީޓީއޭ ބައްދަލުވުން ކުރިޔަށް ދިޔައިރު ބެލެނިވެރިން ދިޔައީ ސްކޫލު ބޭރުގައި އިހުތިޖާޖުކޮށް، އަރަބިއްޔާ މަގުމަތިވާން ދޫކޮށް ނުލުމަށް ގޮވާލަމުންނެވެ. ގާތްގަނޑަކަށް 800 އެއްހާ ދަރިވަރުންނަށް އިއްޒުއްދީން ސްކޫލު ދީފައި އެ ސްކޫލުގައި ތިބި 200 އެއްހާ ދަރިވަރުން އެހެން ސްކޫލުތަކަށް ބަހާލުމުގެ ހިޔާލު ޕީޓީއޭގެ ފަރާތުން އެޑިއުކޭޝަނަށް ހުށަހެޅި އެވެ.

ބައްދަލުވުވުން ނިންމަވާލެއްވުމަށް ފަހު މީޑިއާތަކާއި ބައްދަލު ކުރައްވައި، ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ އަބަދު ބިކަވާން ޖެހެނީ އަރަބިއްޔާ ސްކޫލު ނޫން ކަމަށެވެ. އިމާރާތްތައް ހަލާކުވެ ބޮލަށް ވެއްޓޭ ހާލަތަށް ދާން ޖެހެނީ އަރަބިއްޔާ އެކަނިތޯ ސުވާލު އުފައްދައި ޝާދިޔާ ވަނީ، ދަރިވަރުން މަންދު ކޮލެޖު ހުރި އިމާރާތުންނާއި، އެހެން އިމާރާތްތަކުގައި ވަރަށް ދަތި ދުވަސްތައް ހޭދަކޮށްފައިވާ ކަމަށެވެ. މަގުމަތިވެ، މާޒީ ދެވަނަ ފަހަރަށް ތަކުރުވުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް ޝާދިޔާ ވިދާޅުވީ އެހެން ސްކޫލުތައް މާރާމާތު ކުރަން ނުވަތަ އާ އިމާރާތެއް އަޅަން ހުންނަ ބަޖެޓު އަރަބިއްޔާ އިމާރާތާއި ހަމައިން ފޯރުކޮށްދެވެން ނެތް ކަމަށެވެ. އެފަދަ ތަފާތު ކުރުންތައް އަރަބިއްޔާ އާއިމެދު ގެންގުޅުން އެއީ ދަރިވަރުންގެ ވެސް ޝަކުވާއެއްކަމަށް ޝާދިޔާ ވިދާޅުވި އެވެ.

ޝާދިޔާ ވިދާޅުވީ ބައެއް މީހުން އަރަބިއްޔާގެ ޕީޓީއޭ އާއި ބެލެނިވެރިން ސިފަ ކުރަނީ ވަރަށް ގޮތްދޫ ނުކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ސްކޫލެއް ބޮލަށް ވެއްޓޭ ހާލަތުގައި ވަނިކޮށް އެއްވެސް ބެލެނިވެރިއަކު އޭނާގެ ދަރިފުޅު އެ ސްކޫލަށް ފޮނުވާނެތޯ ޝާދިޔާ ސުވާލު އުފެއްދެވި އެވެ. ބައްދަލުވުންތައް ބާއްވަން މަސައްކަތް ކުރަނީ މަޝްވަރާކޮށްގެން ދަރިވަރުންނަށް ރަނގަޅު ގޮތްތަކެއް ވޭތޯ ބެލުމަށްކަމަށާއި އެހެން ނަމަވެސް އެޑިއުކޭޝަނުގެ ނިންމުމަށް އަމަލު ކުރުމަށް ބޭނުން ނުވާކަން ޝާދިޔާ ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު އަރަބިއްޔާގައި 800 އެއްހާ ދަރިވަރުން ތިބިއިރު، އިއްޒުއްދީނުގައި ތިބީ 200 އެއްހާ ދަރިވަރުންނެވެ. ޝާދިޔާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ފާހަގަ ކުރެއްވީ ޖާގައިގެ ދަތިކަމެވެ. ކުއްލިއަކަށް އެހެން ސްކޫލެއްގެ ދަރިވަރުންތަކެއް، އިއްޒުއްދީނަށް ވަނުމަކީ އެއީ އެ ސްކޫލުގެ ދަރިވަރުންނަށް ވެސް އިންސާފެއް ނޫންކަމަށް ޝާދިޔާ ވިދާޅުވި އެވެ. ދެ ސްކޫލެއް އެއް އިމާރާތެއްގައި ހިންގުން ދަތިވާނެކަމަށާއި، ލައިބްރަރީ އާއި އަދި އެސެމްބްލީ ބޭއްވުމުގައި ހުންނާނެ ދަތިތައް ހައްލު ކުރާނެ ގޮތެއް އެޑިއުކޭޝަނަށް ނުދެއްކޭކަމަށް އޭނާ ވިދާޅުވި އެވެ.

އަރަބިއްޔާ އިމާރަތް އެޅިތާ އަށް އަހަރު ނުވަނީސް ބޮޑެތި ރެނދުތަކެއް ލާފައި/ ފޮޓޯ: ފައިލް

މީގެއިތުރުން ޕީޓީއޭގެ ހަޒާންދާރު ޔޫސުފް އަބްދުﷲ ވިދާޅުވީ، މިހާރުގެ އިއްޒުއްދީނަކީ މަޖީދީ މަގުން އަރަބިއްޔާ ދަރިވަރުން ބަދަލުވާން ޖެހުނު އިމާރާތް ކަމަށެވެ. އޭރު އެތައް ހިތި ތަޖުރިބާތަކަކާއި ކުރިމަތިލާން ޖެހުނުއިރު ކުޑަކުޑިންތަކެއް އަނެއްކާ އެފަދަ ކަމެއް ތަހައްމަލު ކުރުމަށް ބޭނުން ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. ދަރިވަރުން އެ އިމާރާތުގައި އެހެން ސްކޫލެއްގެ ދަރިވަރުންތަކާއި އެކުވެގެން ކިޔެވުންތައް ކުރިޔަށް ގެންދަން ބޭނުން ނުވާކަމަށް ޔޫސުފް ވިދާޅުވި އެވެ.

ޔޫސުފް ވިދާޅުވި ގޮތުގައި އަރަބިއްޔާގައި ތިބީ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންކަމަށްވުމާއި އެކު، ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާނެ އެވެ.

ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނިކުމެވެވަޑައިގަތް ވަގުތު ނޫސްވެރިން ސުވާލުތައް އަމާޒު ކުރުމުން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ އަރަބިއްޔާއަށް ދެރަގޮތެއް ނުވާނެ ކަމަށެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމާއި އެކު މަޝްވަރާތައް ކުރުމަށް އަދިވެސް ތައްޔާރުކަމަށާއި ނަމަވެސް މި ވަގުތު އޮތް ހައްލަކީ އިއްޒުއްދީންކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އަރަބިއްޔާގެ ފަރާތުން ޝަކުވާތަކެއް އައިކަމަށާއި، އޭރު އެކަމަށް އެޓެންޑު ނުވެވުނީ ކީއްވެތޯ ”ސަންގު“ އިން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އޭރު ވެސް އައި މަޝްވަރާތައް ކުރަމުން ކަމަށެވެ. އަދި ވިދާޅުވީ އަރަބިއްޔާގެ އާ އިމާރާތަށް ހުޅުމާލެއިން ވެސް ބިމެއް ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ.

ދަރިވަރުން ސްކޫލަށް ނުފޮނުވާނެކަމަށް ބެލެނިވެރިން ފާހަގަކުރާތީ އެކަމަށް ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެއީ ޗޮއިސްއެއް ނޫން ކަމަށެވެ. ދަރިވަރުން ސްކޫލަށް ނުފޮނުވައި ބައިތިއްބަން ޖެހޭ ހާލަތަކަށް ނުދާނެކަމަށާއި މިނިސްޓްރީން އަރަބިއްޔާ ސްކޫލަށް އެއްވެސް ދެރަގޮތެއް ވިޔަ ނުދެއްވާނެކަމަށް ވިދަޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އިއްޒުއްދީން އިމާރާތަށް އަރަބިއްޔާ ދަރިވަރުން ބަދަލު ކުރިޔަސް، ކިޔެވުންތައް ކުރިޔަށް ގެންދާނީ ވަކިވަކީން ކަމަށެވެ. އެހެން ކަމުން އަރަބި މީޑިއަމް އާއި އިނގިރޭސި މީޑިއަމްގެ މައްސަލަ ދިމާ ނުވާނެކަމަށް ވިދާޅުވި އެވެ.

”ސޭވް އަރަބިއްޔާ“ ސްލޯގަންތައް ބޭނުން ކުރާތީ ކަންބޮޑުވެ، މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ނައްތާލުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ދިވެހިރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ދަމަހައްޓާނެކަމަށާއި، ރާއްޖޭގައި އަރަބި މުގައްރަރަށް ކިޔަވަދޭ ހަމައެކަނި ސްކޫލުގެ ހުރި ހާއްސަ ސިފަތައް ގެއްލުވާ ނުލާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: