އިނގިރޭސި މީޑިއަމަށް ކިޔެވުމުގެ ފުރުސަތު ލިބުމަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ގައުމެއް ތަރައްގީވެ ކުރިއަރާ ދިއުމުގައި އެގައުމެއްގެ ދަރިވަރުންނަށް ދެވޭ ތައުލީމާއި ތަމްރީނާއި އެކު ގައުމުގެ މުޖުތަމައަށް ލޯހުޅުވޭ ބަޔަކަށް އެކުދިން ހެދުމަކީ ވަރަށް މުހިއްމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޭރިއްޔާ މިފަދައިން ވިދާޅުވީ އީ.ޕީ.އެސް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އަންގާރަ ދުވަހުގެރޭ ބޭއްވި ”ހިދުމަތުގެ ހަވީރު 2021“ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އީ.ޕީ.އެސް ސްކޫލް ފެށިގެން އައި ގޮތާއި އެ ސްކޫލުގައި ތަޢުލީމު ދިނުމުގެ ކަންކަން ކުރިޔަށްދިޔަގޮތުގެ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ސްކޫލުގައި އެމަނިކުފާނުގެ ސްކޫލް ދައުރުގެ ހަނދާންތައް އައުކުރައްވައި އެކަންކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މީގެއިތުރުން 1960ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ތައުލީމު ފެތުރިގެން ދިޔަގޮތުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ އިނގިރޭސި މީޑިއަމަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ދަރިވަރުންނަށް އެތައް ފައިދާއެއް ލިބިގެންދިޔަ ވަރަށް ރަނގަޅު ބަދަލެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި އީ.ޕީ.އެސް ސްކޫލް ހުޅުވިގެން ދިއުމަކީ އެ ދުވަސްވަރު ތަޢުލީމު ހާސިލުކުރުމަށް ވަރަށް ރަނގަޅު ފުރުސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ރަށްރަށުން އައި ދަރިވަރުންނަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީ.ޕީ.އެސްއަށް ހިދުމަތްކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާތައް އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.
މީގެއިތުރުން، މި ހަފްލާގައި އީ.ޕީ.އެސްގެ 50 އަހަރުގެ ރަން ތާރީހުގެ ދިރާސާ ލޯންޗުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި އީ.ޕީ.އެސް ސްކޫލް އުފެދުމަށްފަހު ފާއިތުވި 50 އަހަރަށްވުރެ ދިގު މާޒީގައި އެ ސްކޫލުން 27 ހާހެއްހާ ދަރިވަރުން ތަޢުލީމު ހާޞިލުކޮށްފައިވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

