ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތުކަމަށާއި އެއްބައިވަންތަކަމަކީ ދިވެހިންގެ ތެރޭގައި އަށަގަންނަން ޖެހޭ އެންމެ މުހިންމު އާދަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެއެވެ
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު، ސަރުކާރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދައުލަތެއްގައި ޝާމިލްވާ އެންމެންގެ އަޑު އަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުން ކަމުގައެވެ.
މީގެ އިތުރުން ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރައީސް ވަނީ ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ ރިޕޯޓުން، އުމަރު ޒާހިރު ގައުމަށްޓަކައި ކޮށްދެއްވި އަގުހުރި ހިދުމަތްތައް ވަޒަން ކުރެވިއްޖެކަން ހާމަވާކަމަށް ވިދާޅުވެފައެވެ. އުމަރު ޒާހިރު ދިވެހި ގައުމަށް ކޮށްދެއްވި އަގު ހުރި މަސައްކަތުގެ އަގުވަޒަން ކޮށްފައެވެ.
ދިވެހި ދައުލަތަށާއި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް އުމަރު ޒާހިރު އެ ކޮށްދެއްވި މަތިވެރި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީގައި ރާއްޖެއަށް ކުރިމަތިވި ވަރަށް ބިރުވެރި ވަރަށް ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ހަނދާންކުރުމުގެ ގޮތުންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، ސުނާމީ ކާރިސާގައި 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނުކަމަށާއި، ސުނާމީ އަރައިގެން އައި ވަގުތުވެސް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނީ އެއް އާއިލާއެއްގެ މީހުން ފަދައިން އެއްބައިވަންތަކަން އިސްކޮށްގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، ފަނަރަ ހާހަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އަލުން އާރާސްތުކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެން ދިޔަކަމުގައި ވިދާޅުވެފައެވެ. އަދި، ބައެއް މީހުން ޢުމުރުދުވަހުގެ މަސައްކަތުން ކޮޅަށް ޖެހި ދިރިއުޅުން، ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، އަމިއްލަ ފުރާނަ ނޫނީ ސަލާމަތެއް ނުކުރެވުނުކަމަށާއި، އެތައް ހާސް ބައެއްގެ އަތްމަތި މުޅިން ހުސްވެގެން ދިޔައިރު އެމީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އޯގާތެރިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ މިހާރުގެ ހާލަތައް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް ދިވެހިންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، މުޖުތަމައުގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމަށާއި ގޭގެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި އެނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން އެމަނިކުފާނު ފާހަގަކޮށް އެ ބޭފުޅުންނަށް ޝުކުރުއަދާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް މިކުރާ މަސައްކަތުގައި، މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ރާއްޖެއިން އެކަށީގެންވާ ކުރިއެރުމެއް ހޯދާފައިވާކަން ހާމަކުރައްވާފައެވެ. އަދި، މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު، އިގްތިސޯދީ ނަޒަރަކުން ވިސްނާ ނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައިކަމަށާއި، ކޮވިޑްގެ ކުރިން އޮތް ހާލަތަށް ނުވަތަ އެއަށް ވުރެ ރަނގަޅު ހާލަތަކަށް، ގައުމުގެ އިގްތިސޯދު ގެންދިއުމަށްޓަކައި، އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ
މިއީ ގައުމީ މަސްލަހަތު އިސްކޮށް، އެންމެން އެއް އަޒުމެއްގައި އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތުކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން ވަނީ އިއުލާން ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިފެށޭ އަހަރުގެ މާރޗް މަސް ނިމޭއިރު، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އެތަނުގައި ފްލެޓް ލިބުނު ފަރާތްތަކަށް ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

