ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިސް ސަފުގައި މަސައްކަތްކުރި ނޮން-މެޑިކަލް ވޮލަންޓިއަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ޝުކުރު އަދާކުރައްވައިފިއެވެ.
ނޮން-މެޑިކަލް ވޮލަންޓިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި ވޮލަންޓިއަރުންގެ ތެރޭގައި ވެސް އެކި ކަހަލަ ޒާތީ އަދި އިޖްތިމާއީ ތަކްލީފްތަކާ ކުރިމަތިލާން ޖެހިފައި ތިބި ބޭފުޅުން ތިއްބެވި ނަމަވެސް އެބޭފުޅުންގެ އަމިއްލަ ދިރިއުޅުއްވުމުގެ ކަންކަން އިސްކުރެއްވުމުގެ ބަދަލުގައި އިންސާނިއްޔަތުކަން އިސްކުރެއްވިކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވޮލަންޓިއަރުންނަކީ ވެސް އިންސާނުންކަމަށާއި އެބޭފުޅުންނަކީ ދިރިއުޅުމަށްޓަކައި ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރަން ޖެހޭ ބައެއްކަން ވެސް ފާހަގަކުރެއްވިއެވެ. އަދި މި ވޮލަންޓިއަރުންނަކީ ހަރަދުކުރައްވަން ޖެހޭ ބޭފުޅުންކަން ދަނެގެން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކޮންމެވެސް ވަރެއްގެ އުޖޫރައެއް ޓޫރިޒަމް މިނިސްޓްރީއިން ހަމަޖަސައްސަވައި ދެއްވި ކަމަށްޓަކައި މިނިސްޓްރީއަށް ޝުކުރު އަދާކުރެެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޖުމްލަކޮށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އިސްނަންގަވައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

