ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2021: އިޖްތިމާއީ މައްސަލަތައް އިތުރުވެގެން ދިޔަ!

ރަސްފަންނު ސަރަހައްދުގައި މީހަކު އިރުއޮއްސޭ މަންޒަރުގެ ފޮޓޯއެއް ނަގަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވި އަހަރަކީ ދިވެހި މުޖުތަމައުގައި އިޖްތިމާއީ އެކި މައްސަލަތައް ފެންމަތިވެ ބޮއްސުން ލަމުން އައި އަހަރެކެވެ. ކޮންމެ ދިމާލަކަށް ބެލިނަމަވެސް މިއަދު މުޖުތަމައު އިން ފެންނާން އޮތީ ނިމުމެއް ނެތް އިޖްތިމާއީ އެކި މައްސަލަތަކެވެ. މުޖުތަމައުގެ ތެރޭގައި އަނިޔާކުރުން ގިނަވެފައިވާ އިރު، އަމިއްލައަށް މަރުވުމާއި، މީހުން މެރުމާއި ރަހީނު ކުރުމުގެ އިތުރުން ނަފްސާނީ ބަލިތަކަށް މަގުފަހިވާ ފަދަ ކަންތަކާއި އަދި ނަފްސަށް ގެއްލުން ލިބޭ ފަދަ އެކި މައްސަލަތައް ވަނީ މުޖުތަމައުގެ ތެރޭގައި ފާހަހަގަކުރެވިފަ އެވެ.

2021 ވަނަ އަހަރު ނިމިގެން ދިޔަ އިރު ފެންނަން މިއޮތީ ކޮޅު ނުފެންނަހާ ވެސް ދިގު ޖިންސީ ގޯނާގެ މައްސަލަތަކުގެ ލިސްޓެެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވަނީ އަންހެނުނާއި، ކުޑަކުދިން އެކަންޏެއް ނޫނެވެ. މުޖްތަމައުގެ ތެރޭގައި ނުދެކެވޭ ވާހަކައަކީ، ފިރިހެން ކުދިން ވެސް މިފަދަ ގޯނާގެ ޝިކާރައަކަށް ވާކަމެވެ. އެގޮތުން 2021 ގައި ޖެހި ޖެހިގެން އެތައް ޖިންސީ ގޯނާގެ މައްސަލަތަކެއް މިވަނީ ސްކޫލުތަކުގެ ތެރޭގައި ފެންމަތި ވެފައެވެ. އެންމެ ފަހުން މީހުންގެ ސަމާލުކަން ހޯދައިގަތީ ގަލޮޅު މަދުރަސާގެ ދަރިވަރަކަށް ސްކޫލުގެ މަސައްކަތު މުވައްޒަފަކު ގޯނާ ކުރި މައްސަލައެވެ. ޕްރިންސިޕަލުން ނުވަތަ ސްކޫލުގައި ކިޔަވައިދޭ މުދައްރިސުންނަށް މިވަނީ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ބަޔަކަށް ވެފަ އެވެ.

ތިމާގެ ގާތް އެކުވެރިއަކު ނުވަތަ ގާތް ތިމާގެ މިހަކަށް ބަރޯސާ ނުކުރެވޭ މި ހާލަތުގައި ކޮންމެ އާއިލާއެއްގެ ތެރޭގައިވެސް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެކަމަކު މިއީ މުޖުތަމައުގެ ތެރޭގައި އެންމެ ފޮރުވޭ ނުވަތަ ވަންހަނާ ވެސް ކުރެވޭ މައްސަލައެވެ. މިފަދަ އަނިޔާގެ މައްސަލަތަކުގައި ކުށް ކުރާ މީހާ މުޖުތަމައުގެ ތެރޭގައި މިނިވަންކަމާއި އެކު އުޅުމުގެ ފުރުސަތު ފަހި ކޮށްދީފައިވާ އިރު، އޭގެ ނަތީޖާއަކީ، ދުވަހުން ދުވަހަށް ދަނީ އެފަދަ މައްސަލަތައް ގިނަ ވުމެވެ.

އަމާން އޮމާން މުޖުތަމައުއެއް އޮތް މި ގައުމުގެ އާއްމުންނަށް މިއަދު މިއޮތީ ބިރުވެރިކަމާއި ނަމާންކަން ވެރިވެފައެވެ. ރަހީނު ކުރުމާއި މަގު ފޭރުމާއި، ގޭންގްތަކުގެ ތެރޭގައި މާރާމާރީ ހިންގާ މިންވަރު މިވަނީ ގިނަވެފައެވެ. މަގުމަތީގެ އަމާންކަން ނިގުޅައިގަނެ، އާއްމުން އެއްވެ އުޅޭ ހިސާބުތަކުގައި ވެސް އިޖްތިމާއީ ހިމޭންކަން ގެއްލޭ އެތައް އަމަލެއް ހިންގުމުގައި މިއަދު މުޖުތަމައު މިވަނީ އަވަދިނެތިފައެވެ. މަގުމައްޗަށް ނިކުމެ އުޅޭ ގޭންގްތަކުގެ ނުރައްކަލާއި ބިރުވެރިކަން މިއަދު އާއްމުންގެ ހިތުގައި އުފެދިފައިވާއިރު އިރު މި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ އަދިފާއިތުވެ ދިޔަ އަހަރު ތެރޭ ކުރެވުނު ކަމެއް ނެތެވެ.

މުޖުތަމައުގެ ތެރޭގައި އެންމެ ބޮޑަށް ބިރުވެރިކަން އުފެދިފައިވަނީ މަރާލާ މީހުންގެ އަދަދު މަތިވެ، މުޖުތަމައުގެ ތެރެއިން ދުވަހަކުވެސް ފެނިދާނެ ކަމަށް ހީނުކުރާ ފަދަ މަންޒަރުތައް ފެންނަން ފެށުމުންނެވެ. މީހުން ޒަހަމްކޮށް، ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު މަރާލައި އެއްލާލާފައި އޮތް މަންޒަރެވެ. ގެއްލިގެން ހޯދާތާ އެތައް ދުވަސްތަކެއް ފަހުން ފެންނަނީ ޒަހަމް ކުރެވިފައިވާ މީހާގެ ހަށިގަނޑެވެ.

2021 ގައި މަރުގެ މައްސަލަތައް ގިނަވެފައިވެއެވެ. އޭގެ ތެރޭގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ އަަދި ޖިސްމާނީ އަނިޔާ ދިނުމަށްފަހު މަރާލި މައްސަލައާއި ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލަ ހިމެނޭ އިރު، މިއިން ކޮންމެ މީހަކީ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ މީހުންނެވެ.

މީގެ އިތުރުން ކޮވިޑު 19 ގެ ބަލިމަޑުކަމާއި އެކު ސްކޫލުގެ ދަރިވަރުންނަށް ވެސް އައީ އޮންލައިން ކްލާސްތަކުގެ ސަބަބުން ޖިސްމާނީ އެތަކެއް ބަލިކަމަކާއި ކުރިމަތިލަމުންނެވެ. ސްކޫލެއްގެ ތެރޭގައި ތައުލީމު އުނގެނެމުން އައިސް ދިމާވި ވަކި ހާލަތަކާއި ގުޅިގެން ގޭގެ މާހައުލަށް ދަރިވަރުންގެ ކިޔެވުން ބަދަލު ވެގެން ދިޔަ ދިއުމަކީ އެކަމުގެ ސަބަބުން އިޖްތިމާއީ މައްސލަތަކެއް ނުކުތް ކަމަކެވެ. ލޮކްޑައުންގެ ތެރޭގައި ގިނަ ވަގުތު ގޭގައި ހޭދަކުރަންޖެހުމާއި އެކު ސުލޫކީ މައްސަތައް ދިމާވެ، ނަފްސާނީ ގޮތުން ދަރިވަރުން ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާފައެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ތައުލީމީ ނިޒާމަށް އައި ބޮޑު ބަދަލާއި އެކު، އަހަރު ނިމޭއިރު ދަރިވަރުން ހަދާ ސާނަވީ އިމްތިހާނާއި މަތީ ސާނަވީ އިމްތިހާންތައް ލަސްކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރުން ސާނަވީ އަދި މަތީ ސާނަވީ ކިޔެވުމަށް ހޭދަކުރަން ޖެހޭ ވަގުތު ގިނަވެ، އިތުރު 1-2 އަހަރާއި ދެމެދު ގެ މުއްދަތަކަށް ދިގު ދެމިގެންދިޔައެވެ.

ހަމައެއާއިއެކު ކުށުގެ ވެއްޓަށް ނިކުންނަށް ކުޑަކުދިންގެ އަދަދު ގިނަވެ، ހައްގު ދެމެހެއްޓުމުގައި މުޖުތަމައުގެ ތެރޭގައި ހުރަސްތަކެއް އެބަހުއްޓެވެ. މަގުމަތީގައި ގިނަވެ، ގޭންގްތަކުގެ ޖާދޫގައި ޖެހި، މަސްތުވާތަކެތި ގަނެ ވިއްކައި، ޑީލް ކުރުމުގައި އުޅޭ މީހުންގެ އަދަދު ގުނާލެވޭ ވަރަށް ވުރެ ގިނައެވެ. އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓައި، މަސްތުވާތަކެތި އެތެރެކުރުމުގެ އޮޕަރޭޝަންތައް ފުލުހުން ވަނީ ހުއްޓުވައި ހިފަހައްޓާފައެވެ.

މިއަދު ގައުމުގެ މުޖުތަމައު މިއޮތީ އިޖްތިމާއީ މައްސަލަތަކުން ފުރި ބާރު ވެފައެވެ. މެރުމާއި، އަމިއްލަ މަރުވުމެވެ. ފޭރުމާއި ވައްކަން ކުރުމެވެ. ޖިންސީ ގޯނާކޮށް ގެވެށި އަނިޔާގެ އެތަައް މައްސަލަތަކެވެ. އަހަރު ދުވަހު ތެރޭގައި ހިންގާފައިވާ އިޖްތިމާއީ އެތައް ހާސް މައްސަލަތކަެއް ހުރި އިރު، ރާއްޖޭގެ މުޖުތަމައުގެ އަމާން އޮމާންކަން ގެނައުމުގެ ވަގުތު މިއަދު މިއޮތީ އައިސް ޖެހިފައެވެ. އާއްމުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ބިރުވެރިކަން ފިލައިދިއުމަކީ ކޮންމެ ދިވެއްހި ރައްޔިތަކު މިއަދު އެދޭ އެދުމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: