ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދާތީ، ނައިޓް މާކެޓު ކުރިޔަށް ގެންދިއުން ހުއްޓުވުމަށް ފަހު އެ ނިންމުން ބަދަލުކޮށް ހުއްދަ ދިނުމަށް ފަހު އަނެއްކާވެސް ނައިޓް މާކެޓު ނުބޭއްވޭނެކަމަށް ހެލްތް ޕްރޮޓެޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
މާލޭގެ ބްރިޖު ކައިރީ ނައިޓު މާކެޓެއް ބޭއްވުމަށް ފަހު، ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ވެސް ނައިޓް މާކެޓެއް ކުރިޔަށް ގެންދިޔަ އެވެ. މިދިޔަ އަހަރުގެފަހުކޮޅުން ފެށިގެން ބާއްވަމުން އަންނަ ނައިޓް މާކެޓުތަކަށް ކޮންމެ ރެއަކު ވެސް އެތައް ބަޔަކު ދެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނައިޓް މާކެޓު ހުއްޓާލުމަށް ރޭ އެންގިތާ، މާ ގިނަ އިރެއް ނުވެ އާއްމުންގެ އެދުމުގެ މަތީންކަމަށް ބުނެ އަލުން އެ ހުއްދަ ދިނެވެ. އެ ނިންމުމަށް އެޗްޕީއޭއަށް ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށް، މިރޭ ބުނީ މާލޭގެ ހާލަތު ގޯސްވާތީ މަގުމަތީ ބާޒާރާއި ގިނަ މީހުން އެއްވެ ކުރިޔަށް ގެންދާ ހަރަކާތްތައް ހުއްޓާލުމަށް އެންގީ 05 ޖެނުއަރީގައި ކަމަށެވެ. ނަމަވެސް ނައިޓް މާކެޓު ހިންގުމަށް ހަވާލު ކުރި ފަރާތަށް އެ ނިންމުމުގެ ސަބަބުން އަނބުރާ ނުލިބޭނެ ވަރުގެ ބޮޑެތި ހަރަދުތަކެއް ކުރިކަަމަށް ބުނެ އަލުން އެ ހުއްދަ ދިނެވެ.
އެކަމަކު މިރޭ އެޗްޕީއޭއިން ބުނީ ނައިޓް މާކެޓު ހިންގަމުން ދަނީ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް ކުރިޔަށް ގެންދިޔަ އިންސްޕެކްޝަނުގައި މީހުން މާސްކު ނާޅާކަމާއި އެއްވެސް ގައިދުރުކަމެއް ނެތްކަން ފާހަގަ ކުރެވި ބާޒާރު ކުރިޔަށް ނުގެންދަން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
މާލޭގެ ކޮވިޑުގެ ހާލަތު ގޯސްވުމުން، އެޗްޕީއޭއިން ވަނީ ރަށްތަކުގައި ވެސް މާސްކު އެޅުން މަޖުބޫރުކޮށް އުސޫލުތަކަށް އަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެކަން އަންގާފަ އެވެ.
ދާދިފަހުން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ކުރިޔަށް އޮތް ތިން ހަފްތާގައި ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެދާނެކަމަށް ޓެގްޓީމުން ލަފާދީފައިވާކަމަށް ވިދާޅުވެފަ އެވެ.

