އަންނަ ހަފްތާއިން ފެށިގެން އަވައްޓެރި އިންޑިއާއަށް އެތެރެވޭ މީހުން 07 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހޭ އުސޫލެއް އެ ގައުމުގެ ސަރުކާރުން އެކުލަވާލައިފި އެވެ.
އިންޑިއާގެ ސަރުކާރުން އެ އެންގުން އާއްމު ކުރުމުން، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަޔާނެއް އާއްމުކޮށް ބުނީ އޮމިކްރޯނަކީ ކޮވިޑު-19 ގެ އެންމެ ނުރައްކާތެރި ވޭރިއަންޓުގެ ގޮތުގައި ކަނޑައާޅާފައިވާ މި ވަގުތުގައި ބަލީގައި ގައުމުތަކުގެ ހާލަތު އަނެއްކާވެސް ގޯސްވާން ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާ ހިމެނޭއިރު، އެ ގައުމުން މި ވަގުތު ރިޕޯޓު ކުރަމުންދާ ކޭސްތަކުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވުމުން ފިޔަވަޅުތައް ވަނީ ވަރުގަދަކޮށް އާއްމު އެއްވުންތަކާއި ހަރަކާތްތައް ހުއްޓުވާފަ އެވެ.
ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭސްފަރުވާއަށް ދަތުރުކުރާ އިންޑިއާގައި ފިޔަވަޅުތައް ހަރުދަނާކޮށްފައިވާކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ވަނީ، އަންނަ އަންގާރަ ދުވަހުން ފެށިގެން އިންޑިއާށް ދަތުރު ކުރާ ހުރިހާ އެންމެން ވެސް 07 ދުވަހަށް ކަރަންޓީނުވެ، ކޮވިޑަށް ޓެސްޓު ކުރަންޖެހޭކަމަށް ބުނެފަ އެވެ.
މީގެ ކުރިން ވެސް އިންޑިއާއިން އަމަލު ކުރަމުން އައި އުސޫލާއި އެއްގޮތަށް މިހާރު ވެސް، 72 ގަޑިއިރުގެ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހެޅުމާއި އެކު، ދަތުރު ކުރުމުގެ 14 ދުވަހުގެ ތެރޭގައި އެ މީހަކު ކުރި ދަތުރުތަކުގެ މައުލޫމާތުތައް ”އެއާ ސުވިދާާ“ ޕޯޓަލްއަށް ހުށަހަޅަން ޖެހޭކަމަށް މިނިސްޓްރީން ބުންޏެވެ.
Covid: 7-day home quarantine, test on 8th day must for all international arrivals https://t.co/ohojrNJix2 pic.twitter.com/eSbyu8EPIi
— The Times Of India (@timesofindia) January 7, 2022
އަލަށް ގެނައި އުސޫލާއި އެކު ”އެއާ ސުވިދާ“ ޕޯޓަލްއަށް ކަރަންޓީނަށް ފަހު އޭގެ ނަތީޖާ ހުށަހަޅަން ޖެހޭނެ އެވެ. ކޮވިޑަށް ޓެސްޓު ކުރާއިރު އެ މީހަކަށް ބަލި ޖެހިފައިވާނަމަ، އަނެއްކާވެސް ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ކޮންމެ ފަސިންޖަރަކު ވެސް އެ ރިޕޯޓުގެ ސައްހަކަމާއި މެދު އިގުރާރެއް ހުށަހަޅަންވާނެ ކަމަށާއި އެ ނޫން ގޮތަކަށް ފެނިއްޖެ ނަމަ އެ މީހަކާއި މެދު ގާނުނީ ފިޔަވަޅު އެޅުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ.
އިންޑިއާއިން ވަނީ ކޮވިޑު ބޮޑަށް ފެތުރޭ ގައުމުތަކުގެ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ، ހަރުކަށި އައިސޮލޭޝަނެއް ފުރިހަމަ ކުރަން ނިންމާފަ އެވެ. ދަތުރު ކުރުމަށް ނުވަތަ ބޯޑިންއަށް ހުއްދަ ލިބޭނީ ހަމައެކަނީ ”އެއާ ސުވިދާ“ ޕޯޓަލްގައި ސެލްފް ޑިކްލަރޭޝަން ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، ޕީސީއާރު ނަތީޖާ ހިމަނާފައިވާނަމަ އެވެ. މީގެ ތެރެެއިން އެއްވެސް މައުލޫމާތެއް އުނިވެފައިވާ މީހަކަށް ބޯޑިންގެ ހުއްދަ ނުލިބޭނެ އެވެ.
ގައުމަށް އެތެރެވާ އެހެން ގައުމުތަކުގެ ރައްޔިތުން ”އާރޯގްޔާ ސެޓޫ އެޕް“ ފޯނަށް ޑައުންލޯޑު ކުރުމަށް ވެސް އިންޑިއާގެ ހެލްތް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި، އެއާލައިނުން ދަތުރު ކުރާ މީހުންގެ ވަކި އިންސައްތައެއްގެ ރެންޑަމް ސާމްޕަލް ނެގުން ހިމެނެ އެވެ. އަދި އިންޑިއާގެ އެއާޕޯޓުން ވެސް އެއްވެސް ފަސިންޖަރެއްގެ ބަލީގެ އެއްވެސް އަލާމަތެއް ހުރިތޯ ބަލާނެ އެވެ. ބަލި ހުރިކަން ދެނެގަނެވިއްޖެ އެމީހުންގެ ސާމްޕަލް އިންސާކޯގް ލެބޯޓްރީ ނެޓްވޯކްގައި ޖެނޯމިކް ޓެސްޓު ހަދާނެ އެވެ.
މި ހަފްތާ ފެށުނު ފަހުން އިންޑިއާއިން ކޮންމެ ދުވަހަކު ވެސް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކުރެ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެ ގައުމުން ފަސް ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އަދި އިންޑިއާއަކީ ދެވަނައަށް އެންމެ ގިނައިން ކޮވިޑުގެ ކޭސްތައް ރިޕޯޓު ކުރާ ގައުމެވެ. މިވަގުތު ބަލި އެންމެ ބޮޑަށް ފެތުރެނީ މުމްބާއީ އާއި ދިއްލީގަ އެވެ. ދުވާލެއްގެ މައްޗަށް އަށްލައްކަ ކޭސް އާއި އެކު އެމެރިކާއަކީ ކޮވިޑުގެ ކޭސްތައް އެންމެ ގިނައިން ފެންނަ ގައުމެވެ.

