ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް ޝަރީއަތް ކުރިޔަށް ގެންދިޔަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މީގެ ފަސް އަހަރު ކުރިން ހިންގި މި ހާދިސާގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ކުށް ސާބިތުވާކަމަށް ކަނޑައެޅީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
އެކަމަކު ދައުވާ ކުރި މީހުންގެ ތެރޭގައި ހިމެނޭ މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
މައްސަލައިން މި މީހުން ސަލާމަތްވެފައި ވަނީ އެކަށީގެންވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ، އާއި އިޖުރާއީ ބައެއް ގޯސްތަކެއްގެ ސަބަބުންނެވެ. އެގޮތުން ޝިފާޒް ޔާމީނަށް ފާރަލީކަމަށް ދައުލަތުން ބުނާއިރު، އެ ކަން ސާބިތު ކުރެވޭ މިންވަރަކަށް ހެކި ހުށަހަޅާފައި ނުވުމާއި، އެ ގަތުލުގެ ނިޔަތް އޮތްކަން ސާބިތުކޮށްދެވިފައި ނުވާތީ އެވެ. ދައުލަތުން ޝިފާޒާއި ދެކޮޅަށް އޭނާ ޔާމީނަށް ފާރަލީކަމަށް ބުނާ ފޮޓޯތަކުގެ އިތުރުން ސިއްރު ހެކިވެރިއެއްގެ ހެކިބަސް ހުށަހެޅި އެވެ.
އިސްމާއިލް ރަޝީދުގެ މައްޗަށް ދައުލަތުން އުފުލީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއިން އޭނާ ސަލާމަތްވީ ދައުލަތުން ހުށަހެޅި ވީޑިއޯ އެނެލިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީގެ އިތުރުން ފޮރެންސިކް ރިޕޯޓުގައި އެހެން މީހެއްގެ ނަން ބޭނުންކޮށްފައިވާތީ އެވެ.
ޝަރީއަތް ކޯޓުގައި ކުރިޔަށް ދިޔައިރު ދައުލަތުން ވަނީ، ބައެއް ހެކިވެރިންގެ ނަންނަތައް ލީކުވެ އެ މީހުންނަށް ބިރު ދެއްކުމާއި، އިންޒާރު ދެމުންދާތީ ހެކި ބަސް ދޭން ދެކޮޅު ހަދަމުންދާ ކަމަށް ބުނެފަ އެވެ. އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާނެކަމަށް ޕީޖީ ހުސައިން ޝަމީމް ދާދި ފަހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޔާމީންގެ މަރުގެ މައްސަލައިގައި ހިމެނޭ ސިއްރު ހެއްކެއް ކަމަށް ބުނާ މީހެއްގެ މައުލޫމާތު ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، އެތަނުން އެއް ހެކުވެރިއެއްގެ ސިޓީއެއް ވެސް ރޭ ސޯޝަލް މީޑިއާގައި ލީކުކޮށްލި އެވެ.

