މާލެއަށް ފަހު ކޮވިޑުގެ ހާލަތު އެންމެ ގޯސްވެފައިވާ އައްޑޫ ސިޓީގައި ވެސް ފެތުރެމުންދަނީ އޮމިކްރޯން ވޭރިއަންޓުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެެ.
އައްޑޫއަކީ އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވި ރަށްތައް ހިމެނޭ ސަރަހައްދެވެ. ގިނަ ދުވަސްތަކެއް ވަންދެން މޮނީޓަރިންގައި ވެސް އޮތް އައްޑޫއިން އިއްޔެ އެކަނި ވެސް 69 މީހަކަށް ބަލި ޖެހިގެން ރިޕޯޓު ކުރި އެވެ.
އައްޑޫ ހިތަދޫއިން އިއްޔެ 23 މީހަކަށް ބަލި ޖެހުނެވެ. އަދި ފޭދޫއިން 27 މީހަކާއި، މީދޫއިން 10 މީހަކު އަދި މަރަދޫއިން 03 މީހުން އަދި މަރަދޫ ފޭދޫއިން 02 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިވަގުތު ރާއްޖޭގައި ފެތުރެމުންދަނީ އޮމިކްރޯން ވޭރިއަންޓު ކަމަށާއި، އިތުރު ބައެއް ސަރަހައްދުތަކުން އޮމިކްރޯންގެ ކޭސްތައް ދެނެގަނެވިފައިވާ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއިން ބޭރަށް ޓެސްޓު ކުރުމަށް ޖެނުއަރީ 11 ގައި ފޮނުވި ޕޮޒިޓިވް 100 ސާމްޕަލްއެއްގެ ތެރެއިން 51 މީހުން އޮމޮކްރޯނަށް ޕޮޒިޓިވް ކަމަށެވެ. އަދި އޭގެ ކުރިން ފޮނުވި 1196 ސާމްޕަލްއެއްގެ ތެރެއިން 74 ކޭސްއެއް އޮމިކްރޯންއަށް ޕޮޒިޓިވްކަމަށެވެ. މިއާއި އެކު ރާއްޖެއިން ފެނުނު އޮމިކްރޯންގެ ކޭސްތައް 125 އަށް އަރައެވެ.
Addu City Covid-19 case status as of 22nd January 2022 18:00 Hrs.#StayHome #StaySafe#WearMask pic.twitter.com/253RxH50Q9
— Addu Emergency Operations Center (@EOCaddu) January 22, 2022
ކޮވިޑުގެ އެހެން ވޭރިއަންޓުތަކާއި ހިލާފަށް އޮމިކްރޯން ހަލުވިކަމާއި އެކު ފެތުރުނު ނަމަވެސް ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު މަދުކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އައްޑޫގައި ޖުމްލަ 3،900 މީހަކަށް ކޮވިޑު ޖެހިފައިވާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 671 އެވެ. މީގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.
އައްޑޫގެ އެކްޓިވް ކޭސްތައް:
- ހިތަދޫ: 276
- މީދޫ: 111
- ފޭދޫ: 156
- ހުޅުދޫ: 55
- މަރަދޫ: 29
- މަރަދޫ ފޭދޫ: 26
- ރިސޯޓު: 17
- އެހެނިހެން: 02
އިއްޔެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ޖުމްލަ 480 މީހަކު ވަނީ ފާހަގަ ކުރެވިފަ އެވެ.
ކޮވިޑު ޖެހިގެން އައްޑޫއިން 14 މީހަކު ވަނީ ނިޔާވެފަ އެވެ.
މާލޭގެ އިތުރުން އޮމިކްރޯންގެ ކޭސްތައް 10 ރަށަކުން ފެނުނު ނަމަވެސް، އެ ރަށްތަކުން ބަލި ޖެހުނީ ކިތަށް މީހުންނަށްކަން ޑރ. އަފްޒަލް ހާމައެއް ނުކުރެ އެވެ. އަދި އޭގެ ތެރޭގައި އައްޑޫ ސިޓީ ހިމެނޭއިރު އައްޑޫގައި އޮމިކްރޯން ފެތުރެނީ ކޮން ރަށްތަކެެއްގައި ވެސް ވިދާޅެއް ނުވެ އެވެ.
އޮމިކްރޯމްގެ ކޭސްތައް ދެނެގަނެވާ ރަށްތަކަކީ:
- އައްޑޫ ސިޓީ
- ދ. ކުޑަހުވަދޫ
- ލ. ގަން
- ކ. މާފުށި
- ކ. ތުލުސްދޫ
- ލ. ކުމުންދޫ
- ލ. އިސްދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ވައިކަރަދޫ
- ފ. މަގޫދޫ

