ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅަކަށް ވެފައިވަނީ އެމްޑީޕީގެ ވަކިތަކުން މި ގައުމު ސަލާމަތް ކުރުންކަމަށް މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހު މިހެން ވިދާޅުވީ ފެބްރުއަރީ 05 ގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ ފަތުހީގެ ފޯކައިދޫގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
މަލީހު ވިދާޅުވީ އެމްޑީޕީގެ ވަކިތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ފޯކައިދޫގެ ރައްޔިތުންގެ ބޮޑު ތާއީދެއް ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ނޫނެކޭ ބުނެ ޕީޕީއެމަށް ވޯޯޓް ދިނުމަށް ދާއިރާގެ ރައްޔިތުންނަށް މަލީހު ގޮވާލެއްވި އެވެ.
އެމްޑީޕީއާއި ދެބަސްވުންތަކެއް އުފެދި މިދިޔަ އަހަރު މިނިސްޓަރުކަމުން ވަކި ކުރުމުން، މިހާރު އިދިކޮޅާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާ މަލީހު އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލްވެ އޮފު ކެނޑިފައިވާ މި ދަނޑިވަޅުގައި އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަނީ މި ސަރުކާރަށް ރައްޔިތުންގެ ތާއީދާއި އިތުބާރު އޮތްކަން ދެއްކުމަށް ކަމަށެވެ.
ނަމަވެސް އެމްޑީޕީން މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކާލުމަށް ކުރާ މަސައްކަތާއި ދެކޮޅުވެރިކަން ދެއްކޭނީ މި ވޯޓުން ކަމަށާއި އެކަމަށް އޮތް ހައްލަކީ ޕީޕީއެމްކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިތުވި 38 މަސް ދުވަސް ނުވަތަ ތިން އަހަރު ރައްޔިތުންގެ ޓެކްސް ފައިސާއިން 3.8 މިލިއަން ރުފިޔާގެ މުސާރަ ނަންގަވާ ރައީސުލް ޖުމްހޫރިއްޔާ އެއްވެސް ކަމެއް ކުރައްވާފައި ނުވާކަމަށާއި ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމްގެ ނަން ތާރީހުގައި ލިޔެވިގެން ދާނީ ގަމާރު ވެރިން ވެރިކަންކުރާ ގޮތުގައި ކަމަށް މަލީހު ސިފަކުރެއްވިއެވެ.
”ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމްގެ ނަން ތާރީހުގައި ލިޔެވިގެން ދާނީ ގަމާރު ވެރިން ވެރިކަންކުރާ ވެރިކަމެެއްގެ ގޮތުގަ“
ރައީސުލް ޖުމްހޫރިއްޔާއަށް ފާޑުވިދާޅުވެ އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި މަލީހު ވިދާޅުވީ 17 ނޮވެމްބަރ 2023 ގައި ރައީސް އޮފީހާއި މުލިއާގެ ދޫކުރައްވައި ވަޑައިގަންނަވާއިރު ރައީސް ސޯލިހަށް 10،000 ރުފިޔާގެ ވަޒީފާއެއް ވެސް ލިބިވަޑައިނުގަންނަވާނެކަމަށާއި، އެމަނިކުފާނުގެ އެ ތައުލީމާއި ތަޖުރިބާއެއް ވެސް ނެތް ކަމަށެވެ.
އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މަލީހު ވިދާޅުވީ މިސަރުކާރަށް އެއްވެސް އިންވެސްޓްމެންޓެއް ނުގެނެވޭ ކަމަށެވެ. ވެރިކަމަށް އައުމަށް ވީ އެއްވެސް ވައުދެއް ނުފުއްދޭއިރު، ރައްޔިތުން އެދޭ ބަދަލު މި ސަރުކާރަށް ގެނެވިފައި ނުވާ ސަބަބު ރައްޔިތުންނަަށް އެނގެން ޖެހޭކަމަށް މަލީހު ވިދާޅުވި އެވެ.
މީގެ އިތުރުން ވެރިކަމާއި ހަވާލުވީއިރު ރައީސް ޔާމީންގެ ބައެއް މަޝްރޫއުތައް ކުރިޔަށް ދިޔަނަމަވެސް އޭގެއިން އެއްވެސް މަޝްރޫއެއް ވެސް މި ސަރުކަރަށް ނިންމާލެވިފައި ނުވާއިރު، މިސާލެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ކިންގް ސަލްމާން މިސްކިތް އަދި ދަރުމަވަންތަ ހޮސްޕިޓަލް މަލީހު ފާހަގަ ކުރެއްވި އެވެ.
ރައީސް ސޯލިހު ވެރިކަން ކުރެއްވި މުއްދަތުގައި ތަރައްގީ ނުގެނެވުނު ތަނުގައި އިގްތިސާދު ފުނޑާލުން ނޫން ކަމެއް ނުކުރެއްވުނު ކަމަށް މަލީހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސަށް ކުރެވުނުހާވެސް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މުރައިދޫގޭ ގަނޑުވަރެއް ހެއްދެވުން އެކަނި ކަމުގައާއި އެއީ ސަރުކާރުގެ ވަރަށް ބޮޑު އިސްރާފެއް ކަމުގައެވެ.
މި ސަރުކާރުން ކުރަމުން އަންނަނީ އާއިލީ ވެރިކަމެއް ގޮތުގައި ސިފަކުރައްވަމުން މަލީހު ވިދާޅުވީ މުޅި ސަރުކާރުގައި އޮތީ ތަނެއް ދޮރެއް ނުދަންނަ ބައެއް ކަމަށެވެ.


One Response
ސަންގުން މަލީހު ކައިރީ އަހާލަދީބަލަ. އެއްތަނެއްގައި ވެސް ހަރުނުލުން އެއީ އާއިލީ ކަމެއްތޯ؟؟