މާލޭ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫން ކަމަށް މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫން ކަމަށެވެ. އަދި އެއަށްވުރެ ގިނައިން މާލޭގެ ރަށްވެެހިންނަށް ގޯތި ދެވޭނެ ގޮތްތަކެެއ އެ ޓުވީޓްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް ކަމަށާއި،ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށެވެ. އަދި ހުޅުމާލެއިން 15000 ފްލެޓާއި ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ ބޯހިޔާވަހިކަމާ ރައްޔިތުން ގެދޮރުވެރިވުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެ ބޮޑުކަންތައް ކަމަށެވެ. އަތޮޅުތެރެއާއި މާލެއަށް ހާއްސަކޮށް ގިނަ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތަށް ވުރެ ދެއްކޭ ވާހަކަ ގިނަ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށާ ނަމަވެސް އެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާރުވެސް ފަސްހާސް ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ދެހާސް ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
”ބޯހިޔާވަހިކަމުގާ މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާ ތަކުލީފު ވަނީ އޭގެ ލާ ނިހާޔަތުގައި. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހްސާސް އަބަދުވެސް އަޅުގަނޑަށްވޭ. މިއަދު އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިދިޔަ އަހަރު މިތާހުރެ ދެންނެވި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގާ ކުރިއަށް ދާ ވާހަކަ. އަދި އިތުރު 2،000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ ވާހަކަ،“ ރައީސް ވިދާޅުވިއެވެ.

