ރައީސް އިބްރާހިމް މުހައްމަދު މިއަދު އިއްވެވި ރިޔާސީ ބަޔާން ބައްޓަންކޮށްފައި ވަނީ 2023ގެ ރިޔާސީ އިންތިޚާބާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ ރައީސްސޯލިހުގެ ރިޔާސީ ބަޔާނަކީ ޚިޔާލީ ހުވަފެނެއް ކަމަށާއި މުޅި ބަޔާން ބައްޓަންކޮށްފައި ވަނީ ރައީސް ސޯލިހުގެ ރިޔާސީ އިންތިޚާބާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކަމަށެވެ. އަދި ގައުމުގެ އަސްލު ޙާލަތުވަނީ ރައްޔިތުންނަށް އޮޅުވާލާފައި ކަމަށާއި މިއަދު ފެންނަނީ ރައީސް ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެ ހާސްވެފައިވާ މިންވަރު ކަން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ރައިސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުން ކަމަށެވެ.
މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތްތައް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑުކޮށް މިފްކޯއިން ގަންނަ މަހުގެ އަގު ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

