ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކޮމަންޑޫ ގުޅާލާ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ގަވާއިދާއި ޚިލާފު: ޑްރެޖާސް އެސޯސިއޭޝަން

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކޮމަންޑޫ ގުޅާލާ މަޝްރޫއުގެ އިއައިއޭ ރިޕޯޓް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފާސްކޮށްފައިވަނީ ގަވާއިދާއި ޚިލާފަށް ކަމަށް ޑްރެޖާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޑްރެޖާސް އެސޯސިއޭޝަންއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ށ. ކޮމަންޑޫއާއި މަތިކޮމަންޑޫއާއި ގުޅުވާލުމަށް ފުރަތަމަ ތައްޔާރުރި އީއައޭ ރިޕޯޓާއި އޭގެ ފަހުން ފާސްކުރި އިސްލާހުކޮށްފައިވާ އީއާއޭ ރިޕޯޓުވެސް އީޕީއޭގެ ގަވާއިދާއި ޚިލާފުކަމަށެވެ.

އެންމެ ފުރަތަމަ ފާސްކުރި އީއައިއޭ ރިޕޯޓުގައި ޓެކްނިކަލް މައްސަލަތަކެއް ހުރިކަމަށް އެސޯސިއޭޝަނުން ފާހަގަކުރިއެވެ. އަދި ފަހުން ތައްޔާރުކުރި އެޑެންޑަމް ރިޕޯޓުގައި ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅާނެކަމަށް އެރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފުރަތަމަ ފާސްކުރި އީއައިއޭ ރިޕޯޓުން ފާހަގަވާ ބައެއް މައްސަލަތަކަށް އަލިއަޅުވާލައި ޑްރެޖާސް އެސޯސިއޭޝަންއިން ބުނީ ރިޕޯޓުގައި މަޝްރޫއު ހިންގަންޖެހޭ މައިގަނޑު ސަބަބެއްެވެސް ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި މިމަޝްރޫއާއެކު އެސަރަހައްދުގެ އޮއެވަރާއި ރާޅުތަކަށް އަންނާނެ ބަދަލެއްވެސް މާ ބޮޑަށް ފާހަގަކޮށްފައިނުވާކަމަށް އެސޯސިއޭޝަނުން ބުނެއެވެ.

ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފަށާފައިވަނީ ރ، އުނގޫފާރު ސަރަހައްދުން ވެލި ނަގައިގެންކަމަށްވާއިރު ފަހުން ތައްޔާރުކުރި އީއައިއޭ ރިޕޯޓް ތައްޔާރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހާއި މޭމަހުގެ ތެރޭގައި ހަދާފައިވާ ސާވޭއަކަށް ބިނާކޮށްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެރިޕޯޓުފައި ހިމަނާފައިވާ 80 އިންސައްތަ ވާހަކައަކީ 2021 ވަނަ އަހަރުގެ ތެރޭގައި ހަދާފައިވާ ސާރވޭގައި ފާހަގަކޮށްފައިވާ ވާހަކަތައްކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިރިޕޯޓު ތައްޔާރުކުރުމަށް އިތުރު ދިރާސާތަކެއް ހަދާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އިތުރު ދިރާސާއެއް ކުރުމެއްނެތި އީއައިއޭ އެޑެންޑަމް ރިޕޯޓެއް ތައްޔާރުނުކުރެވޭނެކަމަށް އެސޯސިއޭޝަނުން ގަބޫލުކުރެއެވެ. ހަމައެއާއެކު މިމަޝްރޫއު ކުރިއަށްގެންދިޔުމުގެ ކުރިން ޓާމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތަށް މަޝްވަރާކުރަންޖެހޭ އެއްވެސް ބަޔަކާއި މަޝްވަރާކޮށްފައިނުވާކަމަށްވެސް އެސޯސިއޭޝަނުން ބުނެއެވެ.

އީޕީއޭއިން މިއީއައިއޭ ރިޕޯޓް ފާސްކޮށްދީފައިވީނަމަވެސް، އެކަން ކުރެވޭނެ އެއްވެސް ހުއްޖަތެއް ނެތްކަމަށް އެސޯސިއޭޝަނުން ގަބޫލުކުރެއެވެ. އީޕީއޭއިން ރިޕޯޓެއް ފާސްކޮށްދޭއިރު އީއައިއޭ ރެގިޔުލޭޝަންއަށްވެސް ބަލަންޖެހޭ ކަމަށާއި އެހެންނަމަވެސް އެއިން އެއްވެސްކަމެއް ކޮށްފައިނުވާކަން ހާމަވާކަމަށް އެސޯސިއޭޝަންއިން ބުނެއެވެ. އަދި ޓާމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ ކަމުގައިވާނަމަ އީއައިއޭ ރިޕޯޓް ފާސްކޮށްދޭންޖެހޭ އެއްވެސް ސަބަބެއް އީޕީއޭއަށް ނެތްކަމަށްވެސް ޑްރެޖާސް އެސޯސިއޭޝަނުން އާންމުކުރި ބަޔާނުގައިވެއެވެ.

ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއާއި ގުޅޭގޮތުން ފުރަތަމަ ފާސްކުރި އީއައިއޭ ރިޕޯޓަކީވެސް އަދި އީއައިއޭ އެޑެންޑަމް ރިޕޯޓަކީވެސް އީއައިއޭގެ ރެގިޔުލޭޝަންތަކާއި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް އަދި ހިމާޔަތްކުރާ ގާނޫނާއި ޚިލާފް ރިޕޯޓެއްގެ ގޮތުގައި އެސޯސިއޭޝަނުން ފާހަގަކުރެއެވެ. އެސޯސިއޭޝަނުން އާންމުކުރި ބަޔާނުގައި މިމަޝްރޫއަށް ބޭނުންވާ ވެލި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދިނީ އުނގޫފާރު ކައުންސިލާއި މަޝްވަރާކުރުމަށް ޝަރުތުކޮށްފައެވެ. އެހެންނަމަވެސް، ލާމަރުކަޒީ ގާނޫނުންނާއި އަދި ޓާމްސް އޮފް ރިފަރެންސްގެ ދަށުންވެސް މިކަން ކުރުން ލާޒިމްވައިރު އެކަން ކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އެކަމުގެ ކަންބޮޑުވުންތައް އުނގޫފާރު ކައުންސިލުންވެސް ވަނީ ފާޅުކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އެމްޓީސީސީއިން ކުރިއަށްގެންދާ މިމަޝްރޫއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. ހުސްވި ޖެނުއަރީ މަހުގެ ތެރޭގައި މިމަޝްރޫއު އެމްޓީސީސިއާއި ހަވާލުކޮށްފައިވާއިރު މަޝްރޫއުއަށް ޖުމްލަ 250 މިލިޔަން ރުފިޔާ ހޭދަވާނެކަމަށް ބެލެވެއެވެ. މިމަޝްރޫއުގެ އިތުރުންވެސް ދާއިރާގައި އޮތް ތިން ރަށް ރިޒޯޓު ހެދުމަށް ހުޅުވާލުމާއި، އައިސްޕްލާންޓެއް ގާއިމްކުރުމާއި އިންޖީނުގެ އަޕްގްރޭޑްކުރުންފަދަ މަޝްރޫއުތައް ވަނީ ކުރިއަށްގެންދަން ފަށައި ހަލުވި ސްޕީޑެއްގައި ނިންމަން އަމާޒު ހިފާފައެވެ.

މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަމުންދާއިރު، ސަރުކާރުން ވަނީ މިއީ ކުރިންވެސް އެދާއިރާގެ ރަށްތަކުގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކުގެގޮތުގައި ފާހަގަކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި ނުބެލެވޭނެކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: