ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މަގާމުން ވަކި ކުރި އަލީ ވަހީދުގެ މައްޗަށް މައްސަލައިގެ ދައުވާތަކެއް އުފުލައި ޝަރީއަތް ފަށާފައިވަނިކޮށް، އޭނާ ޝަރީއަތަށް ހާޒިރުވާނެކަމުގެ ޔަގީންކަން ދީ ޖާމިނުވި ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ) ކޯޓަށް ހާޒިރުނުވެގެން ޣައިރު ހާޒިރުގައި އިއްވި ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
އަައްސަދު 15 ދުވަހަށް ޖަލަށް ލާން ހުމުމްކޮށްފައި ވަނީ، އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައި ނުވާތީ ދައުލަތުލަތުން އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދޭން އެދި ހުށަހެޅި މައްސަލައިގަ އެވެ. މައްސަލައިގެ ދެ ޝަރީއަތަކަށް ހާޒިރުވި، އައްސަދަށް ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އޭރު ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ރާއްޖެ ނުގެނެވިއްޖެ ނަމަ އައްސަދަށް ވިޔަވަޅު އަޅާނެކަން އިއުލާނު ކުރައްވާފަ އެވެ.
އެ މުއްދަތުގައި ވެސް އަލީ ވަހީދު ރާއްޖެ ނުގެނުވުނު ސަބަބެއްކަމަށް އައްސަދު ކޯޓުގައި ވިދާޅުވީ އޭނާއަށް ގުޅޭ ގޮތެއް ނުވުމެވެ. އަދި ވިދާޅުވަމުން ގެންދެވީ މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅު އެޅިދާނެކަމަށް ގަބޫލެއް ނުކުރާކަމަށާއި، އެއީ ޖާމިނުވި ހަތަރު މަހުގެ ތެރޭގައި އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތްތަކަށް އަލީ ވަހީދު ހާޒިރުވެފައިވާތީ ކަމަށެވެ. އެހެން ކަމުން އޭގެ ފަހަށް ޒިންމާވާން ނުޖެހޭނެކަމަށް އައްސަދު ވިދާޅުވި އެވެ.
މައްސަލައިގައި އައްސަދުގެ މައްޗަށް ދައުލަތުން އެދުނީ އެއް އަހަރުގެ ހުކުމެއް ކަނޑައަޅައިދޭން ނަމަވެސް ގާޒީ އައްސަދަށް އިއްވީ 15 ދުވަހުގެ ހުކުމެކެވެ. އޭރު އައްސަދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އެނގިފައިވާ ގޮތުގައި ޝަރީއަތް ތާވަލު ކުރާކަން އެނގިހުރެ އައްސަދު ވެސް ފުރައިގެން ދިޔައީ މިވަގުތު އަލީ ވަހީދު ވެސް ފިލައިގެން އުޅުއްވާ އިނގިރޭސިވިލާތަށެވެ.
މައްސަލައިގައި ކަރެކްޝަންސްއިން ވަނީ ހުކުމް ތަންފީޒު ކުރަން އައްސަދު ހާޒިރުކޮށްދޭން ފުލުހުގައި އެދިފަ އެވެ. ހުކުމް އިއްވުމާއި އެކު ސްޓޭޓް މިނިސްޓަރުކަމުން ވެސް ވަކިކޮށްފައިވާ އައްސަދު ރާއްޖެ ގެނައުމަށް ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ބުނެ އެވެ. އިތުރު ތަފްސީލެއް ނުދެއްވައި ހަމައެކަނި ވިދާޅުވީ އެކަމުގައި ފުރިހަމަ ކުރަން ޖެހޭ މަރުހަލާތައް ކުރިޔަށްދާ ކަމަށެވެ
އައްސަދަށް އިއްވި ހުކުމުގައި ވަނީ އަލީ ވަހީދާއި ގުޅިފައިނުވާކަމަށް އައްސަދު ވިދާޅުވި ނަމަވެސް އެކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި އަލީ ވަހީދު ރައްޖެ ގެންނަން އައްސަދު ކުރި މަަސައްކަތެއް ފެންނަން ނެތްކަމަށާއި، އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ސައީދު އިއްވި ހުކުމުގައި ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާގޮތުން ދައުލަތުން އަލީ ވަހީދާއި ދެކޮޅަށް ހުށަހަޅާފައިވާ އެހެން ބައެއް މައްސަލަތައް ވެސް ކުރިޔަށް ނުގެންދެވި އޮތީ އޭނާ ރާއްޖޭގައި މިވަގުތު ނެތުމުންނެވެ. އަދި އެކަމުގައި އައްސަދު އިހުމާލުންކަމަށާއި، އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުރީ އޭނާގެ އެހީތެރިކަމާއި އެކުކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންވެ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވައިދާއި ހަވާލާދީ، ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން 15 ދުވަހުގެ ހުކުމެއް އިއްވީ އެވެ.
މައްސަލައިގައި ދައުލަތުން އެދުނީ އައްސަދަށް އެއް އަހަރުގެ ހުކުމެއް އިއްވައިދިނުމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޖާމިނު އިގުރާރާއި ހިލާފުވެއްޖެ ނަމަ އެއް އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެކަމަށް ބުނެފައިވާތީ އެވެ. އައްސަދަށް 15 ދުވަހުގެ ހުކުމެއް އައީ ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގެ އަދަބު ދިނުމުންނެވެ. ގާނޫނު ބުނާ ގޮތުން އެ ކުށުގެ އަދަބަކީ 15 ދުވަހުގެ ޖަލު ހުކުމެއް ނުވަތަ އެއް މަހުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.
އަލީ ވަހީދު ވެސް މިވަގުތު ރާއްޖެއިން ބޭރުގައި ހުރިއިރު ފުލުހުން ބުނީ، އޭނާގެ މައްޗަށް އިއްވާފައިވާ ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަލީ ވަހީދު ދަނީ ރާއްޖެއިން ބޭރުގައި ހުންނަވައި، ސަރުކާރާއި ދެކޮޅަށް ޓްވީޓުކޮށް އިދިކޮޅުގެ ހަރަކާތްތަކަށް ތާއީދު ކުރަމުންނެވެ.

