ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރެއްވި ކަމުގެ ދައުވާ އަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.
މިދެ ދައުވާއަށް އެމަނިކުފާނު އިންކާރުކުރައްވާފައިވަނީ ވ. އާރަށް ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައާއި މަނީ ލޯންޑަރިންގ މައްސަލަައިގަ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ދައުލަތުން އުފުލާ ތުހުމަތުތައް ސާފެއް ނުވެއެވެ. އެހެންކަމުން އެކަން ސާފުކޮށްދިނުމަށް އެދި ވަކީލުން ވަނީ ކުށުގެ އަމަލާއި، އަމަލު ކުރި ވަގުތާއި، އަމަލު ހިންގި ގޮތާއި، ދައުވާގައި ބަޔާން ކުރާ ނުފޫޒު ފޯރުވަން ހިންގި އަމަލުތަކުގެ ތަފްސީލެއް ނެތްކަން ފާހަގަކޮށްފައެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ވާހަކަތަކަށް ޖަވާބުދެމުން ދައުލަތުން ބުނީ ދައުވާ އުފުލިފައިވާ މައްސަލައިގެ ބާވަތުން އެމައްސަލަ އަކީ ވަކި ތަނެއްގައި ހުރެގެން ވަކި ވަގުތަކު ކުރެވޭ ކުށަކަށް ނުވާތީ ތަނާއި ވަގުތު ހާމަކުރަން މުހިއްމު ނޫން ކަމަށެވެ. އަދި މައްސަލަ ރައްދުވާ ފަރާތުގެ ފަރާތުން މައްސަލައިގައި ބޭނުން ކުރާނެ ހެކި ދައުލަތަށް ލިބިފައިވާ ކަން ހާމަކުރައްވަމުން ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޔޫސުފް ނައީމް ޖަމާކުރި ޗެކާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ނައީމްގެ އޯޑިއޯއިން މިމައްސަލައަށް ރައީސް ޔާމީން ނުފޫޒު ފޯރުވާފައިވާ މިންވަރު ހާމަވާ ކަމަށެވެ.
މަނީ ލޯންޑަރިންގެ ދައުވާގައި ދައުލަތުން ވަނީ، ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރެއްވި ފައިސާއަކީ ސައްހަ ނޫން ފައިސާ ކަން ހުދު ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. އަދި އެފައިސާ އެކި އެކި އެކައުންޓްތަކަށް ބަދަލު ކޮށްފައިވާއިރު އެއީ މަނީ ލޯންޑަރ ކުރުން ކަމުގައި ދައުލަތުން ވަނީ ސިފަކޮށްފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުން މައްސަލައިގެ އިޖުރާތުތައް ސާފުނުވާ ކަމަށް ބުނުމުން އެކަމަށް އަލި އަޅުއްވައިލައްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހަވާލާދީ ދައުލަތުން ދައުވާ ސާފު ކޮށްދޭން ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށް މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ކަނޑައަޅުއްވާފައެވެ.
މަނީ ލޯންޑަރިންގ ގެ އިތުރުން ރައީސް ޔާމީނަށް ފުއްގިރި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ވެސް ޚިޔާނާތްތެރިވި މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ މައްސަލައަކާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާ އުފުލި ކްރިމިނަލް ކޯޓުގައި ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.

