ވިޔަފާރިކުރާނެ ވިސްނުން ދިވެހި ޒުވާނުންގެ އެބަހުރިކަމަށާއި އެހެންނަމަވެސް އެކަންކަމަށް ފައިސާ ދޫކުރާނެ ފަރާތެއް ނެތްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވާ މެމްބަރު ސައީދު ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގައި އެއްވެސް އަހަންމިއްޔަތުކަމެއް ނުދޭކަމަށް ވިދާޅުވެފައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މަދު ވަސީލަތްތަކާއެކު ބުރަކޮށް ހިންގާ ތަންތަން ކަމަށާއި އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ސަރުކާރުންނާއި އިދާރާތަކުން ފަރުުވާލެެއް ނުބަހައްޓާކަން ފާހަގަކުރެއްވިއެވެ.
ޓެކްސް އޮތޯރިޓީއަކީ ވަރަށް ރަނގަޅު އިންތިޒާމްތަކެއްގެ ތެރެއިން މަސައްކަތްކުރާ އިދާރާއެއް ކަމަށާއި އެހެންނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ނަޒަރުން ބަލައި ވިސްނާއިރު ޓެކްސް އޮތޯރިޓީއަކީ އެވިޔަފާރިތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެގޮތުން ގަވާއިދުން ޓެކްސް ނުދައްކައިފިނަމަ ފިހާރަތައް ބަންދުކުރާ ހިސާބަށް ދާ ކަމަށާއި އެއިން ވިޔަފާރިއަކަށް ނޭވާލެވެނީ ކިހާ ބުރަ މަސައްކަތަކުންކަން ވިސްނާނުލާކަމަށް ސައީދު ވިދާޅުވިއެވެ.
”އެއިން ވިޔާފާރިއަކަށް ދެވޭނީ ކޮން އެހީތެރިކަމެއްތޯވެސް ބަލައި ވިސްނާލަން ބޭނުން ނުވޭ“ ސައީދު
މީގެ އިތުރުން ސައީދު ވިދާޅުވީ އަމިއްލައަށް ވިޔަފާރިއެއް ފަށަން ބޭނުންވާކަމުގައިވާނަމަ ދާން ޖެހެނީ ބޭންކަކަށް ކަމަށެވެ. އަދި އެހިސާބުން ފުރަތަމަވެސް 12 އިންސައްތައާއި ހަަމައަށް ނުވަތަ އެއަށްވުރެ މައްޗަށް އިންޓްރެސްޓް ރޭޓުގެ ވާހަކަތައް އަންނަކަން ފާހަގަކުރެއްވިއެވެ. ވިޔަފާރިކުރާނެ ނުވަތަ ހިންގާނެ ވިސްނުން އެބަހުރިކަމަށާއި އެހެންނަމަވެސް ފައިސާ ދޭނެ ފަރާތެއްނެތްކަމަށް ސައީދު ވިދާޅުވިއެވެ. ބޭންކުތަކުން އެކަމަށް މާ ބޮޑު އަހަންމިއްޔަތުކަމެއް ނުދޭކަންވެސް ފާހަގަކުރެއްވިއެވެ.
ސައީދުގެ ވާހަކަފުޅުގައި ވަނީ މީގެ ކުރިން ވިޔަފާރިތަކާއި ގުޅިގެން އެކުލަވާލެވުނު ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރެވެމުން ނުދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފިހާރަތަކުގެ ކައުންޓަރުގައި ބިދޭސީންނަށް ނުތިބެވޭގޮތް ހެދުމާއި ސުވެނިއަރ ވިޔަފާރިތަކާއޮ ވޯޓަރ ސްޕޯޓްސްގެ ތެރެއިން 50 އިންސައްތަ ދިވެހިންނަށް ޚާއްސަކުރި ކުރުމާއި އެކި ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކުރި ފަންނުވެރިންނަށް މިއަދު ލިބެންވާ ވަޒީފާގެ ފުރުސަތުތައް ނުލިބޭކަން ފާހަގަކުރެއްވިއެވެ.

