ފެނާއި ކަރަންޓް ބިލުން ޖުރިމަނާ ކަނޑާލުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ހުށަހެޅުއްވި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ބޮންޑެ ވިދާޅުވީ، ފެނުގެ ޚިދުމަތް ހޯދާ ފަރާތްތަކުން އޭގެ އަގު ނުދީފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ބިލުން އުނިކުރެވެން ޖެހޭނެ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ކުރީގައި ރާއްޖޭގައި ރަށު ތެރެއަށް ފެން ހިންދޭނެ ނިޒާމް ގާއިމްކޮށްފައި އޮންނަ ކަމަށާއި ނަމަވެސް މިހާރު ފެން ނައްތާލާކަމަށެވެ. ފެނަކީ ރައްކާކުރެވޭނެ އެއްޗެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ ފެނުގައި ހުންނަ ނަޖިސްބައި ޓްރީޓްމަންޓް ޕްލާންޓް މެދުވެރިކޮށް ނައްތާލުމަށް ފަހު ރަށަށް ފެން ހިންދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
އަގު ނުދެއްކި ލަސްވާ ކޮންމެ ފަހަރަކު ޖޫރިމަނާ އެރުވުން ރަނގަޅުނޫންކަން ފާހަގަކޮށް މެމްބަރު އިބްރާޙިމް ރަޝީދު ވިދާޅުވީ ފެނާއި ކަރަންޓް ފަދަ އަސާސީ ހިދުމަތެއްގެ ބިލު ނުދެއްކި ދާނީ އެމީހެއްގެ މާލީ ހާލަތު ދަށްވުމުން ކަމަށެވެ.
ކަރަންޓު ބިލު ނުދެއްކިގެން ގެއިން ކަރަންޓު ކެނޑިގެން އެ ޚިދުމަތް ނުލިބިގެންދާ މުއްދަތުގައި އަނެއްކާ ޖޫރިމަނާއެއް ދައްކަން ޖެހުން ވާނީ އެ ރައްޔިތު މީހާއަށް އުފުލަން ޖެހޭ އިތުރު ތަކުލީފަކަށް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
”އަޅުގަނޑު ގޮވާލަން ޖޫރިމަނާތައް ކަނޑާލަން“ ބޮންޑޭ ވިދާޅުވެފައިވެއެވެ.

