ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު (އެފްސީއެސްސީ) ތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ހަނދާނީ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ އެފްސީއެސްސީ ހިމެނޭގޮތުން 33 މުވައްޒަފުން ވަނީ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި އެކިއެކި މަގާމު ތަކުގެ ފަންނީ ބޭފުޅުން ހިމެނެއެވެ.
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުން އަވަސް ކުރުމަށްޓަކައި އެފްސީއެސްސީތަކުގެ މުވައްޒަފުންނަށް ފަންނީ މައުލޫމާތު ދިނުމާއި، މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އަތޮޅު އަދި ރަށު ފެންވަރުގައި ކުރިއަށް ގެންދެވޭނެ ހަރަކާތްތައް ރޭވުމަށްޓަކައި މަޢުލޫމާތު ދިނުމަށްޓަކައި މާޗު މަހުގެ 3 އިން 5 އާއި ހަމައަށް 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް މިގެންދެވުނު ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ.
މިނިސްޓަރ ޢާއިޝަތުގެ ވާހަކަފުޅުގައި މި މަސައްކަތްތަށް ލާމަރުކަޒު ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެފްސީއެސްސީ ތަކުގައި، އަތޮޅު ތެރޭގައި ތިއްބަވާ މުވައްޒަފުން ހާއްސަކޮށް އެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ތިއްބަވާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުރުން އެފްސީއެސްސީ ތަކުގެ ހުރިހާ މުވައްޒަފުން އިތުރަށް، ޖެންޑަރ ސެންސިޓައިޒޭޝަން ސެޝަންތައް ކުރިއަށް ގެންގޮސް، އިތުރަށް މިންތީގެ ނަޒައްރިއްޔާ ތަކުން ވިސްނާ މަސައްކަތް ކުރުމަށް ބާރު އެޅުން މުހިންމު ކަމަށް ފާހަގަކުރައްވަމުން، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ލާމަރުކަޒީ އުސޫލަކުން ތަންފީޒުކުރުމަށް އެފް.ސީ.އެސް.ސީ ތަކުގެ ދައުރު ވަރަށް ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހާއްސަ ގޮތެއްގައި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އެކު މަސައްކަތް ކުރުމުގައި އެފް.ސީ.އެސް.ސީ ތަކުން ވިލަރެސްކޮށް މަސައްކަތް ކުރުން މުހިންމުކަން މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ފާހަގަކުރެއްވިއެވެ.
މި ތަމްރީނުގެ މައިގަނޑު މަގްސަދުގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ޒިފްލީނާ ޙަސަން ވިދާޅުވީ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް ދެއްވުމާއި ގުޅިން ލާމަރުކަޒީ އުޞޫލުން އެ ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދިނުންކަމުގައެވެ.
އަތޮޅު އަދި ރަށު ފެންވަރުގައި ފަންނީ މަޢުލޫމާތު ދިނުމުގެ ޙަރަކާތްތައް، މި ތަމްރީނު ޕްރޮގުރާމުގައި ހިއްސާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެފް.ސީ.އެސް.ސީތަކުގެ މުވައްޒަފުން ކުރިއަށް ގެނަދަވާނެކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި މިކަންތައްތައް ކުރިއަށް ދާނީ މި މާރިޗު މަހުގެ ނިޔަލަށް ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަންތައް މިގޮތަށް ކުރެވިގެން މިދިޔައީ މިއަހަރުގެ އަންހެނުންގެ ދުވަހާއި ގުޅިގެން ކަމުގައި ސްޓޭޓް މިނިސްޓާ ޒިފްލީނާ ހަސަން ހާމަ ކުރެއްވިއެވެ.

