ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުލު އިންސާފު ވަނީ ސަރުކާރުގެ ވެރިންގެ މުށުތެރޭގައި: ސަލީމް

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުލު އިންސާފުގެ ދާއިރާ ސަރުކާރުގެ ވެރިންގެ މުށު ތެރެއަށްލައި، ޝަރީއަތްތަކަށް އިންތިހާއަށް ނުފޫޒު ފޯރުވައި މުޅި ޝަރުއީ ނިޒާމު ޕެރެލައިޒްކޮށްލައިފިކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ ބަޔާނަށް ރައްދުދެއްވައި ސަލީމް ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާ ސަރުކާރުގެ ވެރިންގެ މުށު ތެރެއަށްލައި، ޝަރީއަތްތަކަށް އިންތިހާއަށް ނުފޫޒު ފޯރުވައި މުޅި ޝަރުއީ ނިޒާމު ޕެރެލައިޒްކޮށްލައިފާ ވާކަމަށެވެ.

ސަރުކާރުން ވަޢުދުވީ ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރަންކަމަށާއި ނަމަވެސް، ވެރިކަމަށް ހަތަރު އަހަރު ވާންދާއިރު ވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށްފައިނުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސިޔާސީ ނުފޫޒުން އެ މުއައްސަސާ މިނިވަން ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ހީލަތްތެރި ރޭވުންތަކާއެކު ޖުޑިޝަރީ ޚަރާބުގެ މަގަށް ގެންދާ މަންޒަރުކަމުގައެވެ. އެހެންކަމުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ސަރުކާރުގެ ކިބައިން އެދޭ ކަމުގައި ސަލީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަކީ ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން ކުރަމުން ގެންދަނީ ވާދަވެރިންގެ އަޑު ކަނޑުވާލަން ކަމުގައި ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް އިތުރަށް ވިދާޅުވި ގޮތުގައި މަލްޓި ޕާޓީ ޑިމޮކްރަސީގައި ވާދަވެރި އިދިކޮޅު ޕާޓީ އަށާއި އިދިކޮޅު ލީޑަރަށް އެދެވޭގޮތުގައި މަސައްކަތް ކުރެވެން ވާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ މީގެ ކުރިން ރައީސް ޔާމީންގެ ޝަރީޢަތްތައް ލައިވް ކުރެއްވިފަދައިން މިހާރު އެމަނިކުފާނުގެ ޝަރީޢަތްތައް ލައިވް ނުކުރަނީ ސަރުކާރުން ކްރިމިނަލް ކޯޓަށް ބިރުދައްކަމުންދާތީ ކަމަށެވެ.

އެއީ، ރައްޔިތުންނަށް ރައީސް ޔާމީންގެ މައުސޫމުކަން ހާމަވާނެތީ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީޢަތް ލައިވް ނުކުރުމަށް ކްރިމިނަލް ކޯޓުން ދައްކާ ބަހަނާއަކީ އެއްވެސް އަސާސެއް ނެތް، ތާކުންތާކު ނުޖެހޭ ބަހަނާއެއްކަމަށާއި ސަރުކާރުން ބިރު ދައްކާތީވެ، މިއަދު އިންޞާފުން ބޭރުން ޙުކުމްކުރާ ފަނޑިޔާރުންނަށް މަހުޝަރު ދުވަހުން ސަލާމަތެއް ނުވެވޭނެކަން ހަނދުމަކޮށް، މާތްﷲ އަށް ބިރުވެތިވުމަށް ސަލީމް ނަސޭހަތްތެރިވެލެއްވިއެވެ.

ހަމަ އެއާއެކު މިސަރުކާރު ވެރިކަމަށް އައީ މަރުތައް ވިއްކައިގެން ކަމަށާއި  މަރުތަކަށް އިންޞާފު ލިބުން ލަސްވެއްޖެކަމަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންކަމުގައި ސަލީމް ވިދާޅުވިއެވެ.

މަރުތަކަށް އިންޞާފު ނުލިބުނު ވާހަކަ އިތުރަށް ދައްކަން ސަރުކާރުން މިއަދު ލަދުވެތިވާންޖެހޭނެކަމުގައި އޭނާ ވިދާޅުވިއެވެ. ސަބަބަކީ މަރުތަކަށް އިންޞާފު ހޯދާ، އެމަސައްކަތް ހަލުވި ކުރުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރުން ކަމަށާއި ރިޔާސީ ކޮމިޝަންތަކަކީ ސަރުކާރުގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ރައްޔިތުންގެ ފައިސާއިން މުސާރަ ދިނުމަށް އުފައްދާފައިވާ ބޭކާރު ތަންތަންކަމަށްވެ ނިމިއްޖެ ކަމުގައި ސަލީމް ވިދާޅުވިއެވެ. އަދިއެ ކޮމިޝަންތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާ ކޮންމެ އަހަރަކު ޚަރަދުކުރާއިރު މަސައްކަތުގެ ނަތީޖާ ނުނެރެވޭތީވެ ކޮމިޝަންތައް އުވާލުމަށް ސަލީމް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: