ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި ފަލްސަފާތަކަށް ދިރުން ގެންނާނަން ކަމަށް މާފަނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ގދ ތިނަދޫގައި ”ތިލަފަތުގެ ރަމްޒު“ އިންތިގެ މެނިފެސްޓޯ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންތިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރޭގައި އުސޫލާ ހިލާފު ކަންތައްތައް ހިގަމުން ދާކަން ފާހަގަ ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ މި އިންތިހާބުގައި ޝުއޫރު ފާޅުކުރުމަށް އެތައް ބަޔަކު ޖެހިލުން ވާކަމުގެ ހަބަރުތައް ލިބެމުން ދާކަމަށާއި މިގޮތަށް ރައްޔިތުން ފަސް ޖެހިގެންދަނީ އިންތިހާބުގައި އެހެން ކެޑިޑޭޓުންނަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ހިންގަމުންދާ ނުފޫޒުގެ ސަބަބުން ކަމަށެވެ.
”ހިތުގެ ފުންމިނުން އަޅުގަނޑުމެންނަށް ތާއީދުވެސް ކުރޭ ވޯޓު ވެސް އަޅާ، އެހެން ނަމަވެސް އެ ޝުއޫރު ފާޅުކުރުމަށް ބައެއް ފަހަރު އެބަ ޖެހިލުންވާ ގޮތް ވާކަމަށް އަޅުގަނޑުމެންނަށް އެބަ ހަބަރުތައް ލިބޭ“ އިންތިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް ސަރުކާރަށް އެދޭ އެދުންތައްވެސް ނުފުދި ދަނީ އިންތިހާބުގެ ނުފޫޒު ސަރުކާރަށް ވަދެފައިވާލެއް ބޮޑުކަމުން ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންތައްތައްވެސް ”އޮން ހޯލްޑް“ އަށް ލާންޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއާއި ހިލާފަށް އެމްޑީޕިގެ ސަރުކާރު އައީ ހިޔާލު ފާޅުކުރުމާއި ވޯޓު ދިނުމުގެ ހައްގު ހޯދައިދީ އެކަންތައް އޮންނަ ޖެހޭ ގޮތުގައި ކުރިއައް ގެންދިޔުމަށް ރައްޔިތުންނަށް މަގުފަހި ކޮންދޭން ކަމަށެވެ. އިންތި ފާހަގަ ކުރެއްވީ މި އާއި ހިލާފަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން ރައްޔިތުންނަށް ވަކި މީހަކަށް ވޯޓު ދިނުމަށް މަޖުބޫރު ކުރާ ކަމަށެވެ. ވަކި މީހެއްގެ ނަން ފާހަގަ ނުކުރެއްވި ނަމަވެސް ސަރުކާރުގެ ވަޒީރުންގެ ގޮތުގައި މިސާލު ޖެއްސެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ އިކްނޮމިކް މިނިސްޓާ ފައްޔާޒު އިސްމާއީލް އަށް ކަމުގައި ބެލެވެއެވެ.
އޭނާ ވިދާޅުވީ ބިރުން އެއްކިބާވެ ރައްޔިތުންނަށް މިނިވަން ކަމާއި އެކު ގޮސް ވޯޓު ކަރުދާސް ވައްޓާލުމުގެ ހައްގު ހޯދައިދެއްވާނެކަމުގައެވެ. އަދި އެއީ ޕާޓިގެ ތެރޭގައި ނަގަހައްޓާނެ އުސޫލެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

