މެެޓް އޮފީހުގެ ދިގު 47 އަހަރުގެ ތާރީހާއި އެކު މިހާރު މެޓް އޮފީހުން ލިބެމުން އަންނަ ހިދުމަތަކީ މީގެ ކުރިން ދެމުން އައި ހިދުމަތަށް ވުރެ މާ ފެންވަރު ރަނގަޅު އަދި ފޯރުކޮށްދޭ މައުލޫމާތުތަކުގެ މައްޗަށް ކޮންމެ ދުވަހަކުހެން ބަރޯސާ ވާ ހިދުމަތެއް ކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ޓެކްނޮލޮޖީ އެންޑް ކަލައިމެޓް ޗޭންޖް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވިއެވެ.
މެޓް އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކުރުމަށް ހުޅުލޭގައި ހުންނަ އެ އިދާރާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިން ކުރާ ކަންކަމަށް ވުރެ ބޮޑަށް ދުނިޔޭގެ އެހެން ގައުމުތަކުން ކުރާ ކަންތައްތައްތަކާއި ގުޅިފައިހުރި ކަންކަމުން ކުރިމަތިވާ ކަންތައްތައް ކަމަށާއި އެކަމާއި އަތް އުރާލައިގެން ތިބެވެން ނެތްކަމުގައެވެ.
މުޅި ދިރިއުޅުމުގެ ހުރިހާ ކަމެއް އެކަންކަމުގެ މައްޗަށް ބަރޯސާވަނީ ވަށައިގެންވާ މާހައުލުގެ ނިޒާމަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމުގައި ވިދާޅުވަމުން ރާއްޖެއަކީ ކުޑަ ގައުމެކޭ އަޑު އިވުނު ނަމަވެސް އެކަން ގަބޫލުނުކުރަށްވާ ކަމުގައި ޝައުނާ ވިދާޅުވިއެވެ. ސަބަބަކީ ރާއްޖެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ބޮޑުކަމުންކަމަށާއި ރަށްރަށުގެ ވަށައިގެންވާ ކަނޑު ތަކަކީ ދަތުރުކުރުމަށް އެއްރަށުން އަނެއް ރަށަށް ދިއުމަށް ބޭނުންކުރާ ހައިވޭތައްކަމުގައެވެ.
އަހަރުގެ ދެބައިކުޅަ އެއްބައި ނިމިދަނީ ވައި ގަދަވުމުގެ ސަބަބުން ކަނޑުގަދަވެގެން ކަމާއި އެކަމުގެ ސަބަބުން ފާއިތުވީ އަހަރުތަކުގެ ތެރޭގައި ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް އިތުރުވަމުން އަންނަކަމުގައި ޝައުނާ ފާހަގަކުރެއްވިއެވެ. އަދި އެކަމާއި ގުޅިގެން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އިތުރުވެފައިވާ ކަމަށާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުންނާއި އެމްއާރުސީ އިން އެކަމުގައި ބައިވެރިވާ ކަމުގައި ޝައުނާ ވިދާާޅުވިއެވެ.
ރާއްޖޭގެ އާބާދީގައި ގާތްގަނޑަކަށް ހަތަރު ލައްކައާ ގާތްކުރާ ވަރަށް މީހުން ދިރިއުޅޭއިރު އެ ރައްޔިތުންނަށް ރައްކާތެރިކަމާއެކީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ނިޒާމެއް، އަދި އެރަށްރަށުގައި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައި ޝައުނާ ވިދާޅުވިއެވެ.
ވުމާއެކު މެޓް އޮފީހުން ފޯރުކޮށްދެމުންގެންދާ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގަންނަ ހިދުމަތްތަކެއް ކަމުގައި ޝައުނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަތުރު ކުރެއްވުމުގައި އާއި، އަދި އެ ނޫން ވެސް މަސައްކަތްތަކުގައި މޫސުމާއި ބެހޭ އަންދާޒީތައް މެޓް އޮފީސް މެދުވެރިކޮށް އަަބަދުވެސް އޭނާ ހޯއްދަވާ ކަމަށެވެ.
ޝައުނާ އިތުރަށް ވިދާޅުވި ގޮތުގައި މެޓް އޮފީހުން ފޯރުކޮށްދެމުން ގެންދާ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ އިތުބާރު ހިފޭ ހިދުމަތެކެވެ. އަދި އެ ހިދުމަތްތައް ގާއިމު ކުރުމުގައި ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަ ކުރެއްވި އެވެ. ދާއިރާގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރަން ޖެހޭ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ޝައުނާ ވިދާޅުވީ ބޭނުންވާ ޓެންނިކަލް އެހީތެރިކަމާއި ބައިނަލްއަގުވާމީ ގޮތުން ބޭނުންވާ އެހީތައް ޔޫއެންޑީޕީ މެދުވެރިކޮށް ވެސް ލިބެމުންދާ ކަމަށެވެ.
ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް، ބައިނަލްއަގުވާމީ އިދާރާތްތަކާއި އެކި ބައްދަލުވުންތައް މެދުވެރިކޮށް ލިބޭ އެހީތެރިކަން ޝައުނާ ފާހަގަ ކުރެއްވި އެވެ.
މެޓް އޮފީހުގައި މިދިޔަ އަހަރުތަކުގައި އެއް ކުރި ޑޭޓާތަކަށް އިޝާރާތްކޮށް ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގައި އެއްކުރެވިފައިވާ މައުލޫމާތުގެ ތަފާސް ހިސާބު ތަކަށް ބަލައިލާއިރު ވާރެވެހޭ މިންވަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިފައިކަމުގައި ޝައުނާ ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތައް ގިރުން ފަދަ މައްސަލަތައް ދިމާވާއިރު އެކަމަށް ކަންބޮޑުވުން ފާޅުކުރައްވައި ޝައުނާ ވިދާޅުވީ މީގެ ކުރިން ކުރިން ރައީސް އޮފީހުގައި ޕޮލިސީ ސެކޭޓްރީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރުގައި ވާރޭވެހޭ ކޮންމެ ދުވަސްތަކެއްގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ ރިޕޯޓެއް އަންނަ ކަމަށާއި އެ ރިޕޯޓުގައި އާންމުންގެ މުދަލަށް ލިބުނު ގެއްލުމާއި، ރައްތަކަށް ލިބޭ ގެއްލުންތަކުގެ ތަފްސީލު ހިމެނޭ ކަމަށެވެ.
މި މައްސަލަ ހައްލު ކުރުމަށް ބަޖެޓުގައި ވެސް ބޮޑު އަދަދެއް ހިމަނަން ޖެހޭއިރު ޑިޒާސްޓަރ ރިލީފަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމުގައު ޝައުނާ ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ މެޓް އޮފީހުގެ ޑާޓާއަށް ބަލާއިރު ރާއްޖޭގެ ކޮންމެ ދިހަ އަހަރަކުން ގާތްގަނޑަކަށް 0.23 އިން ސައްތައަށް ރާއްޖޭގެ ފިނިހޫނުމިން ދަނީ އިތުރު ވަމުން ކަމަށެވެ. އެއީ ވޭތުވެދިޔަ 47 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ގާތްގަނޑަކަށް ރާއްޖޭގައި 1.1 ޑިގްރީ ސެލްސިއަސްއިން ވަނީ ހޫނުމިން އިތުރުވެފައި ކަމަށެވެ. އެކަމުގެ އަސަރު މޫސުމަށާއި ވައިޖެހޭ މިންވަރަށް ކުރާނެ ކަމުގައި ޝައުނާ ވިދާޅުވިއެވެ. ރަށްރަށުގައި ދަނޑުވެރިކަމަށް މަސައްކަތްކުރާ މީހުންނަށްވެސް އެކަމުގެ އަސަރު ކުރާނެ ކަމުގައި ޝައުނާ ވިދާޅުވިއެވެ.
އެކަންކަމަކީ 1.1 ޑިގްރީގައި ފާހަގަކުރެވޭ ކަންކަމުގައި ވާނަމަ ފިނި ހޫނުމިން 1.5 ޑިގްރީ އަށް ގޮސްފިނަމަ ރަށްގިރާވަރު އިތުރުވެ ފެންބޮޑުވާމިންވަރު އިތުރުވެ ކަނޑުދަތުރުކުރުމުގައި އެތަަކެއް ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމުގައި ޝައުނާ ވިދާޅުވިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ނެތިހިނގައިދާނެ ކަމަށާއި އޭގެ ކުރިން ދިރިއުޅުމަށް ކުރާ އަސަރު އެތައްގުނަ އަކުން އިތުރުވެގެން ދާނެކަމުގައި ޝައުނާ ވިދާޅުވިއެވެ. އޭގެ މާނައަކީ ދިވެހި ރާއްޖެ މިއަދު މިއޮތް ހާލަތުން ފަހަތަށް ދިއުން ކަމުގައި ޝައުނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ސަރުކާރުން އެދޭ ކަމެއް ކަމަށާއި ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކުން ހިންގާ މަޝްރޫއުތައް ހިންގުމުގައި އިމާރާތްކުރުމުގެ އިންފްރާސްޓްރަކްޗަރ ގާއިމްކުރާއިރު ތިމާވެށީގެ ކަންކަމަށް ވިސްނައިގެން މަސައްކަތް ރާވަން ޖެހޭ ކަމުގައި ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ ބަނދަރުހެދުމާއި ބިންހިއްކުމާއި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގައި މެޓް އޮފީހުން ފޯރުކޮށްދޭ ޑޭޓާ އަށް ބަލައި ރޭވުމަށް ދެންނެވިއެވެ.
މެޓް އޮފީހުން މިއަދު އަލަށް ތައާރަފްކުރި ވާރޭވެހޭ މިންވަރު އެ އިދާރާގެ މޮބައިލް އެޕްލިކޭޝަންގެ އެހީގައި ރާއްޖޭގެ ރަށްރަށުގައި ވާރޭފެން ރައްކާ ކުރެވޭ މިންވަރު އެއިން އަންގިގެން ދާނެ ކަމުގައި ޝައުނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ވާރޭ ފެން ރައްކާކުރުމަށް ތައްޔާރުވުމަށް ޖާގަލިބިގެންދާކަމުގައެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުން ކަމުގައި ޝައުނާ ވިދާޅުވިއެވެ.

