ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގުގައި ގަސްތުގައި ގޯސް ހަދާކަމުގެ ވާހަކަ: މަޖިލީގައި ދޮގު ހެއްދެވި ބޭފުޅަކާއި މެދު ބަހުސްތަކެއް!

އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ އެކި މައްސަލަތަކުގެ ތަހުގީގު ކުރިޔަށް ގެންދާއިރު ގަސްތުގައި ގަސްތުގައި ހަދާ ފުލުހުން އެބަތިބިކަމަށް ބުނެ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވިދާޅުވުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަން ދޮގުކޮށް ދެ ފަހަރެއްގެ މަތީން މަޖިލީހުގައި ވާހަކަ ދައްކަވާފައިވާތީ އެއީ އިތުރުފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުއްލި މައްސަލަ ހުށައަޅުއްވައި ވިދާޅުވީ ގަސްތުގައި ގޯސް ހަދާ ފުލުހުން ތިބިކަމަށް އެޓަރނީ ޖެނެރަލް މަޖިލީހުގެ ކޮމިޓީއެއްގައި ވަނީ ވިދާޅުވެފައިކަމަށެވެ. އަދި އެކަމާއި ގުޅިގެން ހޯމް މިނިސްޓަރާއި ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ ފުލުހުންގ ތެރޭގައި އެފަދަ ބަޔަކު ނެތް ކަމަށެވެ. އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ވަޒީރު ދޮގު ހައްދަވާނަމަ ސަރުކާރަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމަށެވެ. އަދި ގައުމެއްގެ ވެރިކަމުގައި ތިބޭ ބަޔަކު، ރަަައްޔިތުންނަށް އޮޅުވާލައި މަކަރުހަދައި އަދި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި ދޮގުހަދަން ވެއްޖެނަމަ އެގައުމެއް ނުވަތަ ވެރިކަން ކުރާތަނެއްގެ މުޅި މަސްލަހަތު ގެއްލި ރައްޔިތުން ސަރުކާރާމެދު އޮންނަ އިތުބާރުގެއްލި މުޅިތަން ހަރާބުވެގެންދާނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ވަޒީރުން އިތުރުފުޅު ހެއްދެވި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތީ އެންމެ ޗޮއިސްއެއް ކަމަށާއި އެއީ މަޖިލީހުގައި އެ މައްސަލައިގައި ވަކާލާތު ކުރުމަށް ފަހު މަޖިލީހުން ނިމޭ ގޮތެއްގެ މަތިން އެވަޒީރަކު މަގާމުން ވަކިކުރުން ކަމަށެވެ.

އާދަމް ޝަރީފް ހުށައެޅުއްވި ކުއްލިމައްސަލަ އަށް ތާއީދު ކުރައްވައި މަޖިލީހުގެ ނައިބުރައީސް ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެމައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ގުޅިފައިވާ ކަމަކަށް ވީމަ ކަމުގައެވެ. އީވާ ވިދާޅުވީ ގާނޫނު އަސާސީގެ 98 ވަނަ މާއްދާގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޟިރުކުރެވޭ ވަޒީރުން ވާހަކަފުޅުދައްކަވަން ޖެހޭނީ ތެދުބަހުން ކަމަށެވެ. ނަމަވެސް ދިމާވެގެން އުޅޭ މައްސަލަ އަކީ ކޯޓްތަކުގައި މައްސަލަތައް ލަސްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ފެބްރުއަރީ މަހު  ބޭއްވުނު ބައްދަލުވުމެއްގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަސްތުގައި ގޯސް ހަދާ ފުލުހުން ފުލުހުންގެ އިދާރާއާއި އެހެން އިދާރާތަކުގައި އެބަތިބި ކަމަށް  ބަންޑާރަނައިބު ވިދާޅުވެފައިވަނިކޮށް ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ އެފަދަބަޔަކު ފުލުހުންގެ ތެރޭގައި ނެތްކަމަށެވެ.

އީވާ އިތުަރަށް ވިދާޅުވިގޮތުގައި މުޅި ދުނިޔޭގައިވެސް ފުލުހުންގެ އިދާރާއާއި ކޯޓްތަކުގައި ގަސްތުގައި ގޯސް ހަދާ ބަޔަކު އުޅޭކަން އިނގޭ ކަމަށާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގައި ގަސްތުގައި ގޯސް ހަދާ ފުލުހުން މުޅި ދުނިޔޭގައި ވެސް އުޅޭ ކަމަށާއި އެކަން އިނގޭ ކަމަށެވެ. އަދި އެވާހަކައަކީ ދޮގު ނުކުރެވޭނެ ވާހަކައެއް ކަމަށެވެ. އީވާ ވިދާޅުވީ ހޯމް މިނިސްޓަރަށް ރާއްޖޭގައި ގަސްތުގައި ގޯސް ހަދާ ފުލުހުން ތިބިކަމަށް ބުނެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

އީވާ ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މީގެ ފަސްވަރަކަށް އަހަރު ކުރިން  ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ރާއްޖޭގައި ހަރުކަށިފިކުރުގެ މީހުން އުޅޭކަމަށް ވިދާޅުވި ކަމަށެވެ. ރައީސް ނަޝީދު އެހެން ވިދާޅުވުމުން އޭރުގެ ހޯމް މިނިސްޓަރު ތިއުޅެނީ ގައުމު ފަލީހަތް ކުރަން ކަމުގައި ވިދާޅުވިކަމަށާއި މިއަދު ދިމާވެފައިވަނީ އެކަހަލަ ކަމެއް ކަމުގައި އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކަމެއް ރަނގަޅުކުރުމަށް މީހަކު  ބުނުމުން ކުއްލިއަކަށް އެއުޅެނީ ސަރުކާރު ބޭޒާރުކުރާށޭ،  ގައުމު ފަލީހަތް ކުރާށޭ ބުނުމުގެ ބަދަލުގައި ރައްޔިތުންގެ އިތުބާރު ނެގެހެއްޓޭނީ އެގޯހެއް އޮތިއްޔާ ރަނގަޅު ކުރާނަމޭ ބުނެ އެކަމަށް މަސައްކަތް ކުރުމުން ކަމުގައެވެ. އޭގެ ބަދަލުގައި މިސަރުކާރަކު ގޯހެއް ނުހިނގާނެއޭ، މިފުލުސް އޮފީހަކު ގޯހެއް ނުހިނގާނެއޭ ބުނި ނަމަވެސް މީހަކު ގަބޫލު ނުކުރާނެ ކަމުގައި އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ އެޓަރނީ ޖެނެރަލް އެފަދަ ވާހަކަފުޅެއް ހަގީގަތެއްނެތި ވިދާޅުނުވާނެ ކަމުގައެވެ. އަދި އިމްރާން އެ މައްސަލަ ތަހްގީގް ކުރުމަށް ފަހު އޭގެ ނަތީޖާ މަޖިލީހަށް ދެއްވިނަމަ މާރަނގަޅުވީސް ކަމުގައި އީވާ ވިދާޅުވިއެވެ.

އެމައްސަލައިގައި އެކި މެމްބަރުންގެ ހިޔާލު ތަފާތުވެ ބައެއް މެމްބަރުން އިމްރާން އެދުވަހު ކަންތައްކުރެއްވި ގޮތް ކުށްވެރިކޮށް އެވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ ކަންކަމުގެ ހަގީގަތާއި ކުރިމަތިލައި އެކަން އޮތްގޮތަށް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އަދި ބައެއް މެމްބަރުންގެ ނަޒަރުގައި ދައުލަތުގެ ބަންޑާރަ ނައިބު މަޖިލީހަށް ވަޑައިގެން ފުލުހުންގެ މުއައްސަސާގައި މައްސަލަ ތަކެއް އުޅޭ ވާހަކަ ދެންނެވުމަކީ ހަގީގަތުގައިވެސް އެކަން އޮތްގެން ކަން ހާމަކުރައްވައި އެކަމުގައި ދައުލަތުގެ ބަންޑާރަ ނައިބު ދޮގެއް ހަދާފާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: