ސްޓެލްކޯގެ ސާވަރ އަށް ދިން ރެންސަމްވެއަރ މައްސަލަ ބަލާ ތަހްގީގުކުރުމަށް ފުލުހަށް އެ މައްސަލަ ހުށަހަޅައިފިއެވެ.
ސްޓެލްކޯ އިން ބުނީ ރެންސަމްވެއާ އެޓޭކުގެ ސަބަބުން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ ހިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކޮށް، ލަފައާއި އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
”މި މައްސަލަ ބަލާ ތަހުގީގު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ހުށަހަޅާފައިވާކަން ފާހަގަކުރަން“ އެ ބަޔާނުގައި ވެ އެވެ.
މި މަހު 24 ވަނަ ދުވަހު ސްޓެލްކޯ އަށް ދިން ރެންސަމްވެއާ އެޓޭކްގެ ސަބަބުން އެ ކުންފުނީގެ އައިޓޯ ނެޓްވޯކް މެދުވެރިކޮށް ދެމުންދާ ހިދުމަތްތަކާއެކު އެކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތައް އަދި ހިދުމަތްދޭ ކައުންޓަރުތަކުން ދެމުންދާ ހިދުމަތްތަށް ވަނީ މެދުކެނޑިފަ އެވެ. އެ ހަމަލާގެ ސަބަބުން އެ ކުންފުނީގެ އައިޓީ ނެޓްވޯކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ވަނީ ޖެހިފަ އެވެ.
ހަމަލާގެ ސަބަބުން ސްޓެލްކޯގެ ހިދުމަތްތައް ދިނުމުގައި ދިމާވި ދަތިތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ސްޓެލްކޯގެ ހެޑް އޮފީހުން ވަނީ ހިދުމަތަށް އެދި ފޯމް ހުށަހެޅުމާއި، ބިލްދެއްކުމުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފަ އެވެ.

