ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ މުޅި ރާއްޖޭގެ ރައްޔިތުންނާއި ގުޅިފައިވާ އިންތިހާބަކަށް ވާއިރު ޕާޓީގެ އެތެރޭގައި ނަފްރަތަށް ޖާގައެއް ނެތްކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 14 ގައި ބާއްވާ އެެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން އުފެދި، ޕާޓީގެ ކޯޅުންތައް ގިނަވެފައިވާއިރު ދެ ބަސްވުންތައް މަޖިލީހުގައި ތަޅުމުގައި އާއި ސޯޝަލް މީޑިއާގައި ވެސް ވަނީ އާއްމު ވެފަ އެވެ. އިންތިހާބުގެ ސަބަބުން ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އެތެރޭގައި މީގެ ކުރިން ހިނގާފައި ހުރި ބައެއް ކަންކަމާއި ދިމާކޮށް ފާޑުކިއުމާއި ސަރުކާރު ހިންގުމުގައި އެމްޑީޕީގެ އުސޫލު ނުހިފަހައްޓާކަމުގެ ޝަކުވާތައް ބޮޑެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ޝަހީމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އެތައް އާއްމު ރައްޔިތެއްގެ ސަމާލުކަން އަމާޒުވެފައިވާ ކަމަށެވެ. އެތެރޭގެ އިންތިހާބެއްގައި މިހާ ހަޑިކޮށް އަމަލު ކުރުމަކީ ފިނޑި ސިފައެއްގެ ގޮތުގައި ފާހަގަކޮށް ޝަހީމް ވިދާޅުވީ އެމްޑީޕީއާއި ދިވެހި ރައްޔިތުން ވެރިކަން ހަވާލު ކުރީ ހެޔޮ ވެރިކަމެއްގެ އުންމީދުގައި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ އަބަދުވެސް މަސައްކަތް ކުރަމުން އައީ ރައްޔިތުންނަށް ދިމާވެފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތައް ހައްލު ކުރުން ނަމަވެސް ކޮވިޑުގެ ސަބަބުން ހުރަސްތަކާއި ދިމާވިކަން ގަބޫލު ކުރަން ޖެހޭކަމަށް ޝަހީމް ވިދާޅުވި އެވެ.
ދިމާވި ގޮންޖެހުންތަކާއި އެކު ވެސް މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާކަމާއި، އަދި ފެނާއި ނަރުދަމާ ނޭޅި އޮތް ހުރިހާ ރަށަކަށް އަމާޒުކޮށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮގްރާމް ކާމިޔާބުކަމަށް ޝަހީމް ވިދާޅުވި އެވެ. ސަރުކާރުން ރައްޔިތުންނާއި އެކީ ބާއްވާ ގާތް ގުޅުން ރާއްޖޭގެ ކޮންމެ ރަށަކަށް ނަޒަރު ހިންގާލިޔަސް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބަށް ކެމްޕެއިން ކުރާއިރު ސަރުކާރަށް އަމާޒުކޮށް ބޭނުން ކުރާ ބަސްތަކަށް ފާޑުވިދާޅުވެ ޝަހީމް ވަނީ ”ތިލަފަތުގެ ރަމްޒު“ އަކީ މުޅި އެމްޑީޕީކަން ފާހަގަ ކުރައްވައި ރިވެތި ކެމްޕެއިނަކަށް ގޮވާލާފަ އެވެ. ސަރުކާރަށް މަސައްކަތް ނުކުރެވޭކަމަށް ނުވަތަ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭކަމަށް ބުނެ ދައްކާ ވާހަކައިގެ ސަބަބުން ޕާޓީއަށް ގިނަ ގެއްލުންތަކެއް ވާނެކަން ޝަހީމް ފާހަގަ ކުރެއްވި އެވެ. ސަރުކާރާއި މެދު ރުޅިވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކާއި، ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކައިގެ ބޭނުމަކީ ހަމައެކަނި އިންތިހާބު ނަގައި ކުރިޔަށް ދިއުންކަމުގައި ޝަހީމް ވިދާޅުވި އެވެ. މިއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ޝަހީމް ވިދާޅުވީ ކުއްލިގޮތަކަށް މި ވާހަކަ ކުއްލިއަކަށް ދެކެވެން ޖެހޭ ސަބަބާއި މެދު ސުވާލު އުފެދޭކަމަށެވެ.
ޝަހީމް ވިދާޅުވީ ގޮތުގައި މިއީ ފިތުނަ އުފެއްދުމުގެ އަމަލުތަކެކެވެ. އެހެން ކަމުން އެއްވެސް ބަޔަަކަށް ޖާގައެއް ނުދޭނެކަމަށާއި ރައީސް މުހައްމަދު ނަޝީދު ނުވަތަ އެހެން ބޭފުޅަކު ވެސް ޕާޓީން ބޭރު ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ. ޕާޓީގެ އެތައް މެމްބަރުންނެއް ރައީސް ނަޝީދަށް އިހުތިރާމުކޮށް، ގަދަރު ކުރާއިރު އެމަނިކުފާނު އެއްފަރާތް ކުރެވޭނެ އެއްވެސް މީހެއް އެމްޑީޕީގައި ނެތްކަމަށް ޝަހީމް ވިދާޅުވި އެވެ. މިފަދަ ވާހަކައިގެ ސަބަބުން ރައްޔިތުންގެ ލޯބި ޕާޓީއަށް އޮތް މިންވަރު ފަނޑުވެގެން ދާނެކަމަށް ޝަހީމް ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުން ކިބައިން އިހުލާސްތެރިވުމަށް އެދިވަޑައިގަންނަވަމުން ޝަހީމް ވިދާޅުވީ ސަރުކާރުގެ ކެބިނެޓްގެ މިނިސްޓަރެއް ނުކުމެ ހުންނެވުމުން އެ މިނިސްޓަރަށް ފާޑުކިއުމުގެ ގޮތުން މުޅި ސަރުކާރަށް ފާޑުކިޔާ ރައްޔިތުންނާއި ސަރުކާރާއި ޖެެހިގެންދާހެން ކުރާ މަސަތްކަތުން ނުކުމެގެން އަންނަނީ ނުބައި ނަތީޖާއެއް ކަމަށެވެ. އެމްޑީޕީގެ ބައެއް މެމްބަރުންގެ ވާހަކަތައް ބައްޓަން ވެފައި ހުރި ގޮތުގެ ވާހަކަދައްކަވަމުން ޝަޙީމް ވިދާޅުވީ އެ ކުރެވޭ ބައެއް މަސައްކަތްތައް ސިފަ ވެގެންދަނީ ސަރުކާރު ފެއިލް ކޮށްލަން ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައިކަމަށެވެ.
މިހެން ބުނުއްވަން ޖެހިވަޑައިގެންނެވި ސަބަބުގޮތުގައި ށަހީމް ވިދާޅުވީ، ކުރައްވަމުންދާ މަސައްކަތްތައް ރީތިގޮތެއްގައި ކުރެވެން އޮވެ ނުކުރުން އަދި އޮއްޓަރެއްނެތް ގޮތުގައި އެމަސަތްކަތްތައްކޮށް ފިތުނައަށް މަގުފަހިވެގެންދާހެން ވާހަކަތައް ބެހެތުން ކަމުގައި ޝަހީމް ވިދާޅުވިއެވެ.
މަޖްލީހުގެތެރޭ މިފަހަކައް އައިސް ދެކެވޭ ވާހަކަތަކުގެ ތެރެއިެން ބައެއް މެމްބަރުންނަށް އަމާޒުކޮއް ދައްކަމުން އަންނަ ”ފޮޓޯ ވިއްކައިގެން މަޖްލީހަށް އައުން“ ކަމުން އެކަމަށް ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ އެމްޑިޕީގެ ހުރިހާ މެމްބަރުންވެސް އިންތިހާބުތަކުގައި އެމްޑީޕީގެ ރައީސްގެ ފޮޓޯ ބޭނުން ކުރައްވާނެކަމަށެވެ. އެއީ ޕާޓީއަކާއި އެކީ މަސައްކަތް ކުރަމުންދާކަމުގެ ޔަގީން ކަން ނުވަތަ ސަރުކާރާ އެކީ މެމްބަރުން ތިއްބެވިކަން ހާމަކުރުމަށްކަމުގައި އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލީހަށް އައުމަށް، ނުވަތަ އިންތިހާބަށް ބޭނުން ކުރަނީ ”ކެނެރީގޭ މުހައްމަދު ނަޝީދު“ ގެ ފޮޓޯއެއް ނޫންކަމަށާއި އެއީ ”އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެ“ ގެ ފޮޓޯ ކަމަށެވެ.

