ޗެއަރޕާސަންގެ އިންތިހާބަކީ ވަޒީރެއްގެ ދޮޅު އަހަރަކާއި ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ( އިންތި) ވިދާޅުވެއްޖެއެވެ.
ރޭ އިންތިގެ ކެމްޕޭން ޓީމުން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ޗެއަރޕާސަންގެ އިންތިހާބަކީ ވަޒީރެއްގެ ދޮޅު އަހަރަކާއި ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި އިންތިހާބުގައި އެމްޑީޕީ މެމްބަރުން ހޯދަނީ އެމްޑީޕީގެ ޗެއަރޕާސަން ކަމުގައެވެ.
،އެމްޑީޕީ އުފެދި މިވީ 17 އަހަރުގެ ތެރޭގައި އެތެރޭގެ އިންތިހާބެއްގައި ވޯޓުލާ ވާހަކަ ދެއްކުމުން ވަޒީރަކަށް ވޯޓު ނުދީފިނަމަ ރަށްފަޅުވާ ވާހަކަ ދައްކަވައި އެއަމާޒަށް ގެންދާ ހިސާބަށް ދަނީ ކީއްވެގެންތޯ ވިދާޅުވެ އިންތި ވަނީ ސުވާލު ކުރައްވާފައެވެ. ޗެއަރޕާސަންގެ އިންތިހާބަކީ އެމްޑީޕީ އަށް ބޭނުންވާ ޗެއަރޕާސަނަކު ހޯދަން ބޭނުންވާ އިންތިހާބެއް ކަމުގައި އިންތި ވިދާާޅުވިއެވެ.
އިންތި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރުމުން ވަޒީފާގެ ބިރު ދައްކާ ހިސާބަށް ދިޔުމުން އެ މިސްރާބާއިމެދު ކަންބޮޑުވާ ކަމަށެވެ.
އިންތި ވިދާޅުވީ ލޯނަކަށް އެދި ކޯޓާ އަކަށް އެދި ހުށައެޅުމަށްފަހު ހަނުހުންނަން ޖެހޭގޮތް ވުމުން އެކަން ވަންދެން ތިމާގެ ހިތުތެރޭގައި ހުރި ޝުއޫރެއްފާޅުކުރުމަށް ޖެހިލުންވާ ހިސާބަށް ގެންދިއުމުން އެވާގޮތަކާއި މެދުގައި ޕާޓީއަށް ސަތާރަ އަހަރު ފުރެމުންދާއިރުގައި އެއީ ކަންބޮޑުވާ ކަމެއް ކަމުގައެވެ.
“ ލޯނަކަށް އެދި ކޯޓާ އަކަށް އެދި ހުށައެޅުމަށްފަހުގައި ހަނު ހުންނަން ޖެހޭ ގޮތް ވީމާ ތިމާމީހާއަށް އެކަންވަންދެން އިހަށް ތިމާގެ ހިތުތެރޭގައި އޮތް ޝުއޫރެއް ފާޅު ކުރުމަށް ޖެހިލުންވާ ހިސާބަށް ގެންދިޔައިމާ، މިވާ ގޮތަކާއި މެދުގައި އަޅުގަނޑުމެން އެބަ ކަންބޮޑުވޭ. ސަތާރަ އަހަރު ފުރެމުން ދާއިރުގައި އަޅުގަނޑުމެން ޟަމީރުގެ ގައިދީންނަށް ހަދަމުންދާތީވެ މިއީ މިހާރު އަޅުގަނޑުމެން އުފައްދާ ސުވާލަކަށް އެބަވޭ. މިއީކީ އެއް ނޫން މި ޕާޓީ އުފެއްދި މަގްސަދަކީއެއް. މިޕާޓީ އަކީ މިނިވަންކަން ހޯދުމަށް ފަރުދީ މިނިވަންކަން، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމީހަކު ތާއީދު ކުރާ މީހަކަށް ތާއީދު ކޮށްގެން މިނިވަންކަމާއެކުގައި ވޯޓުގަނޑު ވައްޓާލުމުގެ ހައްގު ހޯދުމަށް ނުކުތް ބައެއް.“ އިމްތިޔާޒް ފަހުމީ
އިންތި ވިދާޅުވީ ޕާޓީގެ އާންމު މެމްބަރުން ޟަމީރުގެ ގައިދީންނަށް ހަދައިގެން ދިއުމަކީ އެމްޑީޕީ އުފެއްދި މަގްސަދާއި ހިލާފު ކަމެއް ކަމަށެވެ. އެމްޑީޕީ އަކީ މިނިވަން ކަން ހޯދުމަށް، ފަރުދީ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި އެމީހަކު ތާއީދު ކުރާ މީހަކަށް ތާއީދުކޮށް މިނިވަންކަމާއެކު ވޯޓު ލުމުގެ ހައްގު ހޯދުމަށް ނުކުތް ބައެއް ކަމުގައެވެ.
ނަމަވެސް މިހާރު އެކަން ވަނީ އެހެން ގޮތަކަށް ބަދަލުވެ އެކަމާއި މެދު ސުވާލު އުފެދޭވަރަށް ބައެއް ބޭބޭފުޅުންގެ އަމަލުތަށް ގޮސްފައިވާ ކަމުގައި އިންތި ވިދާޅުވިއެވެ. އެއީ އެމްޑީޕީގެ މަގްސަދު ނޫން ކަމުގައި އިންތި ވިދާޅުވިއެވެ.
ޗެއަރޕާސަންގެ އިންތިހާބު ކާމިޔާބު ކުރާނީ އެންމެހައި އާންމު މެމްބަރުންގެ ތާއީދާއި ބުރަ މަސައްކަތާއި އެކު ކަމަށް ވިދާޅުވަމުން އިންތި ވިދާޅުވީ އިންތިހާބު ކާމިޔާބު ވުމުން ޕާޓީގެ އަމާޒު އަލުން ހިފަހައްޓާނެ ކަމަށެވެ.
އެމްޑީޕީ އަކީ ރާއްޖޭގެ ރައްޔިތުންނަށް ދެންވެސް އޮތް އެންމެ ބޮޑު އުއްމީދުގެ ގޮތުގައި ހަދާނެ ކަމުގައި އިންތި ވިދާޅުވިއެވެ.އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ހޯދާނީ އެމްޑީޕީއަށް ބޭނުންވާ ޗެއަރޕާސަން ކަމުގައި އިންތި ވިދާޅުވިއެވެ.
ޗެއަރޕާސަން ކަމުގެ މަގާމަށް ގެނައުމަށް ބޭނުންވަނީ ޕާޓީގެ އަސާސްތައް ނަގަހައްޓައި އުސޫލުތައް ދަމަހައްޓައި ޕާޓީގެ ފަލްސަފާ ތަކަށް ދިރުން ގެންނާނެ މީހެއް ކަމުގައި އިންތި ވިދާޅުވިއެވެ.
މެމްބަރުންގެ އަމާޒު އިރާދަކުރެއްވިއްޔާ ޕާޓީގެ ޗެއަރޕާސަންކަމާއި ހަވާލުވުމަށްފަހު ފުރިހަމަ ކޮށްދޭނެ ކަމުގައި އިންތި ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބަށް ފަހު އެންމެ ބޮަޑަށް ޝަކުވާ ލިބިފައިވާ ޕާޓީގެ ދަފްތަރު ސާފުކޮށްދޭނެ ކަމުަގައި އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ލާމަރުކަޒުގެ ނިޒާމާއި އެމްޑީޕީގެ އޮނިގަނޑާއި އެއްގޮތް ކޮށްދޭނެ ކަމުގައި އިންތި ވިދާޅުވިއެވެ.
އެމްޑީޕީ އިން ވާނީ ލާމަރުކަޒުގެ ނިޒާމަށް މިރާއްޖެ ބައްޓަން ކޮށްފައި ކަމަށާއި އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޭނުންވާ ރަނގަޅު އިސްލާހުތައް ގެނެސްގެން ލާމަރުކަޒު ނިޒާމުގެ އޮނިގަނޑަށް ފައްތާނެ ކަމުގައި އިންތި ވިދާޅުވިއެވެ.
އެމްޑީޕީ އަކީ ބަސްވިކޭ ޕާޓީއެއް ގޮތުގައި ހަދައިދޭނެ ކަމަށާއި ޕާޓީގެ ބަސް ސަރުކާރުގެ ކަންފަތުގައި ޖެހޭނެ އުސޫލާއި ނިޒާމް ގާއިމްކޮށްދޭނެ ކަމުގައި އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫހަށް ރަނގަޅު ނިޒާމެއް އެކުލަވާލައި އެމީހުން ބާރުވެރި ކުރުމުގެ ކަންކަން ޗެއަރޕާސަން ކަމަށް ހޮވުމަށްފަހު ކޮށްދޭނެ ކަމުގައި އިންތި ވިދާޅުވިއެވެ. އެގޮތުން އަނެހެނުންގެ ރުވާނުންގެ ހިތްވަރު ބޭރުގެ އެކި ޖަމުއިއްޔާ ޖަމާއަތް ތަކާއެކީގައި ގުޅުން ބަދަހިކޮށް ބާރުވެރިކަންދީ ރޯފިލާ ބައެއްގެ ގޮތުގައި އިތުރަށް ހަދައިދީ ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިން އެމީހުންނަށް ބާރުވެރިކަން ހޯދައިދޭނެ ކަމުގައި އިންތި ވިދާޅުވިއެވެ.

