މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ބޭސްފަރުވާއަށް އިހުމާލުވުމުގެ ސަބަބުން މީހެއްގެ ލޮލުގެ ފެނުން ގެއްލިއްޖެއެވެ.
އޭނާގެ ގާނޫނީ ވަކީލު ވިދާޅުވީ ލޮލުގެ މައްސަލަތަކެއް ދިމާވެގެން، ފަރުވާކުރުމުގައި ކަރެކްޝަނުން އިހުމާލުވެފައިވާކަން ސާބިތުވެ، ބޭސް ފަރުވާކުރުމަށްޓަކައި ކޯޓުން ދޫކޮށްލި މީހެއްގެ ލޮލަށް ނުރައްކާތެރި އިންފެކްޝަނެއް ޖެހިގެން، ކުއްލި ޙާލަތުގައި ރާއްޖޭން ބޭރަށް ފަރުވާއަށް ފުރުވާލާފައިވާ ކަމަށެވެ.
ޤާނޫނީ ވަކީލު ވިދާޅުވީ، ބަންދުގައި ހުރި މީހާ ވަގުތީ ގޮތުން ބަންދުން ދޫކޮށްލާފައިވަނީ، ބޭސް ފަރުވާކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިހުމާލުވެގެންކަން މައްސަލަ ބައްލަވާ ގާޒީ އަށް ސާބިތުވެގެންކަމަށެވެ.
އަދި ބަންދުން ދޫކޮށްލި ފަހުން ލޮލުގެ ބޮޑު އޮޕަރޭޝަނެއްކޮށްފައިވާއިރު، އެލޮލަށް މިހާރު ނުފެންނަކަމަށެވެ. އަދި، މިހާރު ލޯ އިންފެކްޝަންވެގެން އާދަޔާ ޚިލާފަށް ލޯ ރަތްވެ، ދުޅަވެ ފެން އަންނާތީ، އިމެޖެންސީ ޙާލަތުގައި އިންޑިޔާއަށް ފުރާފައިވާކަމަށެވެ.
ބޭސްފަރުވާކުރުމުގައި ކަރެކްޝަންސް އިން އިހުމާލުވާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.

