ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އެއް އަމާޒަކީ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށް ދިނުމަށްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެންމެޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީގެ އެތެރޭގައި ކޯޅުންތައް ގިނެވަފައި ވަނިކޮށް ސަރުކާރުން ވިޔަފާރި ކުރާކަމުގެ ވާހަކަތައް ދެކެވުނީ މަޖިލީހުގެ ބައެއް ބިލުތަކުގެ ބަހުސް މަރުހަލާގަ އެވެ. ސަރުކާރަށް ފައިދާވާ ގޮތަށް ބައެއް ކުންފުނިތައް އޮތްއިރު، އަނެއް ކުންފުނިތަކަކީ އެއްވެސް ވަރަކަށް ނުހިނގާ އަދި މަސައްކަތްތަކެއް ނުކުރާ ކުންފުނިތަކެއްގެ ގޮތުގައި މެމްބަރުން ފާހަގަ ކުރި އެވެ.
މި ބަހުސްގައި އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވީ އަންނަ މަހުގެ 14 ގައި ބާއްވާ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށެވެ. ފައްޔާޒަށް އަމާޒުކޮށް ދެކެވުނު ވާހަކައިގެ ރައްދުގައި ކެމްޕެއިން ބަައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ސަރުކާރުގެ ޒިންމާއަކީ ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމާއި އެ މަގުތައް ފުޅާކޮށް ވިޔަފާރި ކުރިއަަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އޮނިގަންޑު އެކުލަވައިލުންކަމަށެވެ. އަދި އެމްޑީޕީއަކީ، ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަދެ ވިޔަފާރި ކުރުމުގެ ވިސްނުން ގެންގުޅޭ ޕާޓީއެއް ނޫންކަމަށާއި އެފަދަ ހިޔާލުތަކަކީ ޒަމާނާއި ނުބައްދަލު އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވަނީ ސަރުކާރުން އައްޑޫއަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް ބުނެ ދެކެވޭ ވާހަކައިގެ ރައްދު ވެސް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެތައް ދުވަސްތަކެއް ވަންދެން ނުހެދި ހުރި މަގުތައް ހެދުމާއި އެއަޕޯޓް ތަރައްގީކުރުން ފަދަ ބޮޑެތި މަސައްކަތްތައް ބާރު ދުވެއްޔެއްގައި މިވަގުތު ކުރިއަށްދާކަމަށެވެ. އަދި ދުވަހަކުވެސް އައްޑޫއަށް ގެނެވިފައިނުވާ އަދަދެއްގެ ބޮޑެތި ތަރައްގީތައް ރައީސް ސާލިހު ވެރިކަމުގައި ގެނެސްދީފައިވާކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ އިސްލާހުގެ ނަމުގައި އައްޑޫ ސިޓީގެ ރައްޔިތުން ޕާޓީއަށްތަކައި ކުރި ގިނަ ގުނަ ބުރަ އަދި ބޮޑެތި މަސައްކަތްތަކަކީ ތާރިހުން ފޮހެވިގެންދާނެ ހަންދާންތަކެއް ނޫންކަމަށެވެ. އަދި ގާއިމު ކުރެވިފައިވާ އެމްޑީޕީގެ ސަރުކާރުންނާއި ޕާޓީގެ އިންތިހާބުތަކުގައި ވާދަކުރަށްވާ ބޭފުޅުންވެސް އާއްމު މެމްބަރުންގެ ހިޔާލުތަކާއި މެދު ވިސްނައި އުންމީދުތައް ދެނެގަނެ އިސްކުރުން މުހިއްމު ކަމުގައި އޭނާ އަށް ފެނިވަޑައިގަންނަކަމަށެވެ.
އަސްލަމް މިހެން ވިދާޅުވީ ދަންޑިވަޅުގައި އެމްޑީޕީތެރޭގައި ވަނީ ބޮޑެތި ބައިބައިވުންތައް އުފެދިފައިއެވެ. އަދި ކެމްޕެއިން ކުރުމުގެ މަގުސަދުގައި އެކި ޒާތުގެ ވާހަކަތައް ދެކެވެމުންދާ ހިންދު ކެންޑިޑޭޓުން އަދި ޓީމުގެ ބޮލުގައިވެސް ބޮޑެތި ކުށްތަކުގެ ތުހުމަތުތައް ވެސް އަޅުވަމުން އެބަދެއެވެ.

