މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭގެ މެމްބަރު ނަހުލާ އަލީ ޕީޕީއެމުން ވަކިކުރަން ނިންމައިފި އެވެ.
ނަހުލާ ޕީޕީއެމުން ވަކިކުރަން ނިންމީ އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު އެވެ. އެ މައްސަލަ ބަލަން ފެށީ ވިލިމާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް އެ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަށް ވޯޓު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ބެލުމަށްފަހު ޕީޕީއެމްގެ ސުލޫކީ ކޮމިޓީން މިރޭ ވަނީ ނަހުލާ އާއި އޭނާގެ މަންމަ އާމިނަތު ލީލާ ވެސް ޕާޓީން ވަކިކުރަން ނިންމާފަ އެވެ.
ޕީޕީއެމުން މީގެކުރިން ވަނީ އެ މައްސަލަ ކޮމިޓީން ބެލުމަށް ނަހުލާ އާއި އޭނާގެ މަންމަ އެއްބާރުލުން ނުދޭ ކަމަށް ބުނެފަ އެވެ.
ޕީޕީއެމްގެ އެ ވާހަކަތަކާ ގުޅިގެން ނަހުލާ ވަނީ ސުލޫކީ ކޮމެޓީއަށް ހާޒިރުވުމަށް އެންގިއިރު ހުންނެވީ އީދު ޗުއްޓީއަށް ރަށުން ބޭރުގައި ކަމަށާއި އެވަގުތު ހާޒިރުނުވެވުނީ ކަމަށް ވިދާޅުވެފަ އެވެ.

