ށ. އަތޮޅު މިލަންދޫގައި 18 އަހަރު ނުވާ ފިރިހެން ކުއްޖަކު ވަލައް ވައްދާ އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިހާރު އާއްމުވެފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ކުދިން ތަކެއް އެ ކުއްޖާ ވަލު ތެރެއަށް ގެންގޮސް އަނިޔާ ކުރާ މަންޒަރެވެ. އެ ވީޑިއޯގައި އެ ކުއްޖާ ގައިގައި ދަނޑިއެއް ކަަހަލަ އެއްޗަކުން ތަޅާތަން ފެނެއެވެ.
އެކަންތައް ހިނގާފައި ވަނީ އެރަށު ފުޓްބޯޅަ ކުޅޭ ސަރަހައްދުގައެވެ. އަދި އެ ދަނޑުގައި ވެސް ތިބި ބައެއް މީހުން ވެސް އެ މަންޒަރު ބަލަން ތިއްބެވެ. އަދި ވާހަކަދައްކާ އަޑުވެސް އިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވެ އެކަން ސަމާލުކަމަށް އައުމާ އެކު މިހާރު މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރި މީހާ ވަނީ ކުއްޖާއަށް އަނިޔާކުރީ ރަށުގެ ނުފޫޒު ގަދަ އާއިލާއަކަށް ނިސްބަތްވާ ކުދިންތަކެއް ކަމަށް ބުނެ އެކަން ބެލޭނެތޯ ސުވާލު އުފައްދައިފަ އެވެ.

