ސްޓެލްކޯގެ ސްޓޭޝަންތައް ހުންނަ ހުރިހާ ރަށެއްގައި އެކުންފުނީގެ ފަރާތުން ކްލީނިންގް ޑޭއެއް އިފްތިތާހުކޮށްފި އެވެ.
ސްޓެލްކޯގައި މަސައްކަތްކުރާ މުއައްޒިފުންނަށް ސާފުތާހިރު ވަސައްކަތު ވެއްޓެއް ކަށަވަރުކޮށް ދިނުމަށް އެ ކުންފުނީގެ ފަރާތުން ފަށާފައިވާ މި މަޝްރޫއުގެ ދަށުން އެ ކުންފުނި ހުންނަ ބިމުގެ ސަރަހައްދުގައި ހުންނަ އާއްމު ކުނި ނައްތާލެވިގެންދާނެ އެވެ. އަދި ކަރަނޓު ނަރުފަދަ ސާމާނުވެސް ރައްކައުތެރިކަމާއެކު އޮންނަ އުސޫލެއްގެ ދަށުން ނައްތާލެވިގެންދާނެއެވެ. މި ކްލީނިންގް ޑޭ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޖެނަރަލް މެނޭޖަރ އަބްދުﷲ ނާޒިރު ވިދާޅުވީ މިފަދަ ދުވަހެއް ފެއްޓެވީ އެ ކުންފުނީގެ މުއައްޒިފުންނަށް ރައްކައުތެރި މަސައްކަތު މާހައުލެއް ކަށަވަރު ކޮށްދިނުމުގެ މަގުސަދުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފުކަމަށެވެ.
އިތުރަށް ވާހަަކަދައްކަވަމުން ނާޒިރު ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ އެންމެ ދުވަހަކު ކުރާ މަސައްކަތަކުން ނިމިގެންދާނެ ކަމެއް ނޫންކަމަށާއި އެގޮތުގެ މަތިން މިމަސައްކަތްތައް ކުރިއަށްގެންދަމުންދާނެކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. އަދި މީގެ ފަހުން ކުނި އުކާލުމާއި ނައްތާލުމަށް ގާއިމުކުރެވޭ ނިޒާމެއްގެ ދަށުން ކުނި އިތުރުވިއަނުދިނުމަށްޓަކައި އެ ކުންފުނިން މަސައްކަތްކުރާނެ ކަމަށްވެސް ނާޒިރު ވަނީ ފާހަގަކުރަށްވާފައިއެވެ.

