ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފިފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަސްލަމް ވިދާޅުވީ ވައުދުތައްވަނީ ކުރުމުގެ ނިޔަތުގައި ކަމަށާއި އެހެން ނަމަވެސް ގިނަ ފަހަރު ވައުދުތައް ވެފައި ހުންނަނީ އޭގެގ ހުރިހާ ތަފްސީލު ތަކަށް ބެލުމަށް ފަހުގައި ނޫން ކަމަށެވެ.
އެހެންކަމުން ބައެއް މަޝްރޫއުތައް ވަރަށް ދިގުލައިގެންދާ ކަމަށާއި އަދި މަޝްރޫއުގެ ގޮންޖެހުން ތައްވެސް އެނގެނީ ތަފްސީލާ ހިސާބަށް ދިއުމުން ކަމަށެވެ.
”މި ޖަލްސާގައި ތިއްބެވީ ހުސްވެސް ސިޔާސީ ބޭފުޅުން. ތިބޭފުޅުން ވައުދުވެފައި ހުންނާނެ. ގިނަ ވައުދުތައް އަޅުގަނޑުމެން ފުއްދަން. ބައެއް ފަހަރު ނުފުއްދޭ ވައުދު ހުރޭ. އިންސާނަކަށް ވީތީ ކުރަން ނިޔަތްގަންނަ ބައެއް ކަންކަން ނުވާކަންކަން ހުންނާނެ.“ އަސްލަމް
އަސްލަމްގެ ވާހަކަ އަށް ބާރުލިބޭ ފަދަ ގޮތަކަށް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ވައުދު އެބަސް ސިޔާސީ ކަންކަމާ ގުޅިގެން ތައާރަފް ވެގެން އައީ އެމްޑީޕީ އިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޕްލެޖް އެބަސް ތަރުޖަމާވެގެން ދިިޔައީ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ އިން 2008 ވަނަ އަހަރު ހުށައެޅުނީ ހަތަރު ވައުދު ކަމަށާއި ފަހުން އެކި އެކި ކަންކަން އެބާވަތުގެ ބަރުދަނެއްގައި ވައުދު ވެވިފައިވާ ކަންކަން ކަމުގައި ދިޔައީ ފާހަގަ ވަމުން ކަމަށެވެ.

