ފޭސް ދޭއްގައި، ހިޔާ ފްލެޓު މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ ބޮޑު އިންސައްތައެއް ހާއްސަ ކުރާނީ މާލޭގެ ރަށްވެހިންނަށްކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ތަރައްގީ ކުރި ފްލެޓުތަކުގެ ތެރެއިން، ވިނަރެސް ފްލެޓުތަކަކީ ހިޔާ ފްލެޓުތަކާއި ވަކިން ތަރައްގީ ކުރި އިމާރާތްތަކެކެވެ. އަދި ވިނަރެސް ފްލެޓުތައް ހަވާލު ކުރާނެ ދުވަހާއި ގުޅޭ ތަފާތު އެކި ތާރީހުތައް ދިނުމަށް ފަހު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ސުވާލަށް އަސްލަމް ވިދާޅުވީ މާލޭގެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ކިހާ ބޮޑު ސަމާލުކަމެއް ދެނެތޯ ޝިފާއު ކުރެއްވި ސުވާލަށް އަސްލަމް ވިދާޅުވީ މިހާރު އަޅަމުން ދާ ފްލެޓުތަކުން މާލޭގައި ޒަމާންތަކެއް ވަންދެން ދިރިއުޅެމުން ދާ އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް ހާއްސަ ކުރާނެ ކަމަށެވެ.
ވިނަރެސް ފްލެޓުތައް އަންނަ ޖުލައި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އެކަމުގެ އިތުރު ތަފްސީލުތައް ދެވެން ނެތް ކަމަށެވެ.
އަސްލަމް ވިދާޅުވީ ވިނަރެސްއިން އަތޮޅުތަކަށް ވަކި އިންސައްތައެއް ދޫކުރި ނަމަވެސް، ބޮޑު ބައި ދޫކުރާނީ މާލޭގެ ރަށްވެހިންނަށް ކަމަށެވެ.
މީގެ ކުރިން ގުޅީފަޅުން ފްލެޓު ލިބި، ދޫކުރި 91 މީހަކާއި ހިޔާއިން ފްލެޓު ދޫކޮށްލި 76 ފަރާތަކުން ވަނީ ވިނަރެސް ފްލެޓައް އެދި ހުށަހަޅާފަ އެވެ.
މީގެއިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި ސީ ލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، ހިޔާނާތް ވި ފެލްޓުތަކަށް ފައިސާ ދެއްކި ފަރާތްތަކާއި މެދު ހަދާފައިވާ ސެޓަލްމަންޓު އެގްރިމަންޓުގެ ދަށުން ރީފަންޑު ދޫކުރި ފަރާތްތަކަށް ވިނަރެސް ފްލެޓު ގަތުމަށް ވަނީ ހުޅުވާލާފަ އެވެ.
މި މަޝްރޫއުގައި ހިމެނެނީ 13 ފްލޯގެ، 10 ޓަވަރެވެ. ޖުމްލަ 1،344 ފެލްޓުތަކުގައި ކޮންމެ ފްލޯއެއްގައި ވެސް 02 ކޮޓަރި އާއި 03 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެ އެވެ. ތަނުގެ ޖާގަ ބޮޑުވެފައި، ބެލްކަނިތައް ހުރުމުގެ ސަބަބުން އެޕާޓްމެންޓުތަކުގެ އަގު ބޮޑުވާނެ އެވެ. އަދި އެކި މޮޑެލްތައް ހުންނާނީ އެކި އަގުތަކުގަ އެވެ. އެއީ މެރީނާ ވިއު އާއި އިނަރ ވިއު އަދި އައުޓަރ ވިއުގެ އިތުރުން ސްޓޭންޑާރޑް ވިއު އެޕާޓްމަންޓުތަކެވެ.
ވިނަރެސް ފްލެޓުތައް ވިއްކުމަށް ހަމަޖެހިފައި ވަނީ 2.5 މިލިއަން އަދި 2.7 މިލިއަން ރުފިޔާއަށެވެ. އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދައްކާ ނަމަ އަގު ދެ ގުނަވެ، މަހު ކުލީގެ ގޮތުގައި 17،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް އިއުލާނު ކުރި ނަމަވެސް، އަދި މިހާތަނަށް އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައި ނުވެ އެވެ.

